ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ހިސާބުގައި އޯވާވޯޓާ ރެސްޓޯރެންޓެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފިއެވެ.
އެޗްޑީސީން އިއްޔެ ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ އޯވާވޭޓް ރެސްޓޯރެންޓެއް ހެދުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަތިރިމައްޗަށްވާ ގޮތަށް 10،519 އަކަފޫޓްގެ ސަރަހައްދެއް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ.
ކެފޭ/ރެސްޓޯރެންޓް ވިޔަފާރި އާއި ސްވިމިން ޕޫލާއި ކުޅިވަރު ފެސިލިޓީތައް ވިޔަފާރި އުސޫލުން ހިންގުމުގެ ތަޖުރިބާ ހުރި ކޮންމެ ފަރާތަކަށްވެސް މިމަޝްރޫއަށް ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އޯވާވޯޓާ ރެސްޓޯރެންޓް އަޅައި ހިންގުމަށް ހަވާލުކުރާނީ ބީލަންތަކުގެ ތެރެއިން އެންމެ ބޮޑު ކުއްޔާއި އެކުއިޒިޝަން ކޮސްޓް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ހުށަހަޅަންޖެހޭ އެމަޝްރޫއަށް އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ ކުޑަކޮށް ހުށަހެޅޭނީ 180،000 ރުފިޔާ ކަމަށް އެޗްޑީސީން ބުންޏެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކުން ފުރަތަމަ ފަސް އަހަރު އަކަފޫޓަކަށް މަދުވެގެން 25 ރުފިޔާ ދައްކަންޖެހޭ އިރު، މުޅި މަޝްރޫއަށް 22.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޑީސީން ބުންޏެވެ.
އެމަޝްރޫއަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހުޅުމާލޭގެ ފޭސް އެކެއްގައި މީގެ ކުރިން އޯވާވޯޓާ ރެސްޓޯރެންޓެއް ހިންގަން އެޗްޑީސީން ބަޔަކާ ހަވާލުކުރިއެވެ. ނަމަވެސް 2017 ވަނަ އަހަރު މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމަންޓް ރިއަލްޓީއާ ގުޅޭ މައްސަލަތަކެއް މިހާރު ސިވިލް ކޯޓުގައި ހިނގަމުންދާތީ އެ މަސައްކަތް ވަނީ ހުއްޓިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު