އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައިގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް ކަމަށެވެ.
އެ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުގެ އެކަކަށާއި 22 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ. އަދި 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށް، 18 އަހަރުގެ އަނެއް މީހާ ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފޭދޫގައި މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވީ، މުހައްމަދު ޒަޔާން މޫސާ، 21އ އެވެ.
ފުލުހުން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އެ މާރާމާރީގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދު މުރާޖާކުރަން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފައެވެ. ބަންދުމުރާޖާ ކުރަން ކޯޓަށް ގެންދިޔުމުން ދޫކޮށްލާފައިވަނީ އެ ތިން މީހުންނެވެ. އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.
ދެން އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ. 16 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެކެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިސަރު ޝާފީ މުހައްމަދު މީގެ ކުރިން ވިދާޅުވި ގޮތުގައި ޒަޔާންގެ އަތުގެ މުލައްދަނޑިއާއި ބުރަކަށްޓަށް ފުން ޒަހަމްތަކެއް ލިބިފައިވެއެވެ. އަދި އޭނާ މަރުވީ ބުރަކަށްޓަށް ދިން ފުން ޒަހަމުތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި، އެ ޒުވާނާ މަރާލާފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ހަރަކާތްތެރިވާ ދެ ގޭންގެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަތަކަކާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު