ޚަބަރު

އޮޕަރޭޝަނަށްފަހު ހާޝިމްގެ ހާލު މިހާރު ރަނގަޅު: އާއިލާ

ރިފާ ހަލީލު

އެކްސިޑެންޓެއްގައި ހާލު ސީރިއަސްވި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަދި އެމްޑީޕީގެ ހދ. ވައިކަރަދޫ ދާއިރާގެ ކުރީގެ ރައީސް އަހުމަދު ހާޝިމްގެ ބޮލުގެ އޮޕަރޭޝަނަށްފަހު ހާލު މިހާރު ރަނގަޅު ކަމަށް އާއިލާއިން ބުނެފިއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލެ ޖަލު ހުންނަ ސަރަހައްދު ބޮޑުތަކުރުފާނު މަގުން، މަގު ހުރަސްކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ލިބުނު އަނިޔާތަކަށް ހާޝިމަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެކްސިޑެންޓުގައި ހާޝިމްގެ ސިކުނޑިއަށް ލޭ އެޅި، މޭ މަތިން ދެ ކަށިގަނޑެއް ބިންދައިގެން ދިޔައެވެ.

ހާޝިމްގެ އާއިލާއާ ހަވާލާދީ ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު "ވަން" އަށް މިއަދު ވިދާޅުވީ ސިކުނޑިއަށް އެޅިފައިވާ ލޭ ނެގުމަށް ކުރި އޮޕަރޭޝަނަށްފަހު މިހާރު ހާޝިމްގެ ހާލު ރަނގަޅު ކަމަށެވެ.

އަދި ހާޝިމަށް މިހާރު ފަރުވާ ދެމުންދަނީ އެ ހޮސްޕިޓަލުގެ އެޗްޑީޔޫގައި ކަމަށާއި ހޭވެރިކަންވެސް އައިސްފައިވާ އިރު، ކޮންމެވެސް ވަރަކަށް ވާހަކަވެސް ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާޝިމްގެ އޮޕަރޭޝަން ކުރުން ލަސްވީ ހާޝިމަށް މީގެ ކުރިން ހާޓްއެޓޭކެއް ޖެހި ބްލަޑް ތިނާ (ލޭނާރުތަކުގައި ހުންނަ ބްލޮކްތައް ފިލުވުމަށް ބޭނުން ކުރާ އެއްޗެއް) ބޭނުންކުރާތީވެ. އެކަމަކު އޮޕަރޭޝަން ނުކޮށް ގިނަ ދުވަސްވާ ނަމަ ހާލަތު އިތުރަށް ގޯސްވެދާނެތީ އޮޕަރޭޝަން ކުރީ. ދެން މިހާރު އައިސީޔޫ އިން ނެފަ އެޗްޑީޔޫގަ އޮތީ. ހާލު އިރާދަކުރެއްވިއްޔާ ރަނގަޅު." އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން އަދިވެސް ބަލަމުންދާ ކަމަށެވެ.