ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކުން ބޭނުންކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑާޑްގެ ތެރޭގައި ދިވެހި ފައިސާގެ ނިޝާން ރަސްމީކޮށް ހިމަނައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި، ދުނިޔޭގެ ޓެކްނޮލޮޖީގެ މިންގަނޑުތައް އެކުލަވައިލާ "ދަ ޔުނިކޯޑް ކޮންސޯޓިއަމް" އިން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ އެ އިދާރާގެ "UNICODE 18.0" ވާޝަންގައެވެ. އަދި މި ނިޝާން ތަމްސީލުކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.
ދިވެހި ރުފިޔާގެ ރަސްމީ ނިޝާނަކީ 2022 ވަނަ އަހަރު ރާއްޖޭގައި އަލަށް ތައާރަފުކުރި ނިޝާނެކެވެ.
އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި، މި ނިޝާން ޔުނިކޯޑްގެ ބައިނަލްއަގުވާމީ މިންގަނޑުގައި ހިމެނިގެން ދިއުމަކީ ރާއްޖޭގެ މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ހާސިލްކުރެވުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
މީގެ ސަބަބުން އެކި ވެބްސައިޓްތަކާއި، މޯބައިލް އެޕްތަކާއި އަދި އެހެނިހެން ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ފައިސާގެ ނިޝާން އެއްވެސް އުނދަގުލަކާ ނުލައި، އެއް ހަމައަކުން ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި ކާމިޔާބީއާ ގުޅިގެން، ޔުނިކޯޑް ސްޓޭންޑާޑަށް ދިވެހި ރުފިޔާގެ ނިޝާން ގެނައުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް މަރުކަޒީ ބޭންކުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޔުނިކޯޑް ކޮންސޯޓިއަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ފައިސާގެ ނިޝާންތަކާއި ތަފާތު ލިޔުންތައް ޑިޖިޓަލް ވަސީލަތްތަކަށް އެއްގޮތަކަށް ދެނެގަނެވޭނެ އިންތިޒާމު ހަމަޖައްސައި، ބަލަހައްޓާ ބައިނަލްއަގުވާމީ ޖަމާއަތެވެ. އެހެން ނަމަވެސް، ކޮންމެ ގައުމެއްގެ ވެސް ފައިސާގެ ރަސްމީ ނިޝާން ފަރުމާކޮށް ތައްޔާރުކުރުމަކީ އެ ގައުމެއްގެ ކަމާބެހޭ ރަސްމީ އިދާރާތަކުގެ އަމިއްލަ މަސްއޫލިއްޔަތެކެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް