ތައުލީމީ ދާއިރާ

"ހޮލިޑޭ ޕްރޮގްރާމް"، ދަރީން ކިޔެވުމާ ދުރަށް ނުދިއުމަށް އެހީއެއް

ކޮންމެ ފަހަރަކުވެސް ސްކޫލު ބަންދުވީމަ ކުދިންނަށް އަމާޒުކޮށްގެން ހިންގާ، 'ހޮލިޑޭ ޕްރޮގްރާމް'ތައް، ތަފާތު ނަންނަމުގައި ކުރިއަށް ގެންދިއުމަކީ ފަހަކަށް އައިސް ވަރަށް އާއްމުވެފައިވާ ކަމެކެވެ. އަހަރުތެރޭގައި އަންނަ ޓާމް، ސެމިސްޓާ ބަންދުތަކަށް ލިބޭ ހަފުތާ، ދެހަފުތާއެއްހާ ދުވަސް ތެރޭވެސް މިފަދަ ކޮންމެވެސް ކުލާސްތަކެއް ކުރިއަށް ގެންދެވެއެވެ. އަދި އަހަރީ ބޮޑު ބަންދަށް އަމާޒުކޮށްގެން، ދުރާލައި ތައްޔާރުވެގެން މިކަން ކުރާ ފަރާތްތައްވެސް މަދެއް ނޫނެވެ.

މިގޮތުން ބަލާއިރު "ރެޑީ ފޯރ ގްރޭޑް 1"، މިއީ ކޭޖީ ނިންމާފައި ގުރޭޑު އެކަކަށް ދާކުދިންނަށް އަމާޒުކޮށްގެން ހިންގާ ކުލާސްތަކެކެވެ. "ރެޑީ ފޯ ކިންޑާގާޑްންކްލާސެސް" މިއީ ނާސަރީ ނިމިގެން ކޭޖީއަށް ދާން ތިބި ކުދިންނަށް އަދި އެލްކޭޖީ ނިމުނީމަ ޔޫކޭޖީއަށް ދާކުދިންނަށް އަދި ގްރޭޑު އެކަކަށް ދާކުދިންގެތެރެއިންވެސް މިއުމުރުގެ ކުދިންނަށް އެނގެންޖެހޭވަރަށް ނޭނގޭ ކުދިންނަށް "އަކުރުތަކުގެ އަޑުތަކާއި، ގުޅުވައި ކިޔުމާއި ފިލިތަކާއި ހަރަކާތްތައް އަދި ފަށާ ގަވާއިދު" ކިޔަވައިދޭ ކުލާސްތަކެވެ. މީގެ އިތުރުން "ރީޑިން އެންޑް ރައިޓިން" ކުލާސްތަކާއި އިނގިރޭސި، ދިވެހި ދެބަހުގެ ހާއްސަ ކުލާސްތައް ކުރިއަށް ގެންދެވެއެވެ. ބަހުގެ ކުލާސްތަކުގައި، މަޒުމޫނު ލިޔުމާއި ވާހަކަ ލިޔުމާއި ދޭހައިގެ ސުވާލުތަކަށް ޖަވާބު ދިނުން ހިމެނެއެވެ. އަދި ސާނަވީ ގުރޭޑުތަކުގެ ކުލާސްތައްވެސް ކުރިއަށް ގެންދެވެއެވެ.

މިއިން ކުލާހެއްގެ ގަޑިއަކީ ދުވާލަކަށް ދޮޅުގަޑިއިރު ނުވަތަ އެއްގަޑިއިރު ކަމަށްވާއިރު، އަގުތައް އުޅެނީ 1000 ރުފިޔާއިން ފެށިގެން މަތީގައެވެ. އެކި ކުލާސްތަކަށް، އެކި އަދަދުގެ ފީ ނަގައެވެ. ތަފާތު އުމުރު ފުރައިގެ، ތަފާތު ފެންވަރުގެ ކުދިންނަށް، އެކުއްޖެއްގެ ފެންވަރު ހުރި ވަރު 'އެސެސް'ކޮށްފައި، އެފެންވަރާ އެކަށީގެންވާ ގޮތަކަށް، ކިޔަވައިދޭ މި'ހޮލިޑޭ ޕްރޮގްރާމް'ތަކާމެދު ބައެއް ބެލެނިވެރިންނަށް އެއްވެސް މައުލޫމާތެއް ނޭނގެއެވެ. އަދި ގިނަ ބެލެނިވެރިންގެ އެންމެ ބޮޑު ފިކުރަކީ އަދި އުފެދޭ ބޮޑު ސުވާލަކީ މިއަގު ދީގެން ދިހަ ދުވަސް ތެރޭގައި ކުދިންނަށް ކުދިންގެ މައިންބަފައިން އަތުން ނަގާ އުޖޫރައާ އެކަށީގެންވާ ވަރުގެ އުނގެނުމެއް އުނގަަންނައިދެވޭބާވައެވެ. މިފަދަ ކުލާސްތަކުގައި ބައިވެރިވާ ކުދިންނާއި ބެލެނިވެރިން އަދި މިކުލާސްތައް ހިންގާ ފަރާތްތަކުން މިކަމާ ބެހޭ ގޮތުން އޮޅުންފިލުވުމަށް، ސޯޝަލް މީޑިޔާ މެދުވެރިކޮށް، ގުޅައިގެންނާއި މެސެޖުކޮށްގެން ކުރި ސުވާލުތަކަށް އެފަދަ ފަރާތްތަކުން ދިން ޖަވާބުތައް، މި ކުލާސްތަކާ ބެހޭ ގޮތުން އެނގެން ބޭނުންވާ ފަރާތްތަކަށް އެހީއަކަށް ވާނެކަންގައިމެވެ.

"ގޭގައި ކިތަންމެ މަސައްކަތެއް ކުރިއަސް ރަނގަޅަކަށް ނުކިޔަވާނެ. މިއަހަރު ބަދަލު އެވަނީ ގްރޭޑު ފަހަކަށް، އެކަމަކު އެކެއްގެ ފެންވަރުވެސް ނެތް. ބަންދު ތެރޭގައި މާލެއިން ބޭރު އެއްވެސް ތަނަކަށް ނުދާތީ 'ހޮލިޑޭ'ކުލާހަކަށް ފޮނުވަން ނިންމީ. އަކުރުތައް ދަސްވެ ބަަލައިގެން ކިޔަން އެނގުނަސް އެއީ ވަރަށްބޮޑު ވަރު."

މިއީ "ހޮލިޑޭ" ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރި ކުރާ ފަރާތަކުން ދިން ޖަވާބެކެވެ.

"މިގޮތަށް ބަންދު ތެރޭގައި ތަނަކަށް ފޮނުވީމަ ވަރަށް ބޮޑަށް ކުރިއަރާ. އެހެންނޫނީ ބަންދުތެރޭގައި ކިޔެވުމުގެ ކަމެއްގަ ނޫޅުނީމަ ވަރަށް ބޮޑަށް ހަނދާން ނެތިފަ ހުންނަނީ. މިހާރު މިގޮތަށް ތަނަކަށް ފޮނުވީމަ ސުކޫލު ފެށެންވާއިރަށް ވަރަށް ބޮޑަށް އިމްޕްރޫވް ވެފަ ހުންނަނީ." މިއީ އެހެން ބެލެނިވެރިޔަކާ ސުވާލު ކޮށްލުމުން ދިން ޖަވާބެކެވެ.

"ކޮންމެ ފަހަރަކުވެސް ސުކޫލު ބަންދުވީމަ ފޮނުވަން. ޕެންޑެމިކް ތެރޭގަ ކިޔެވުން މުޅިންހެން ހަލާކުވެފަ ހުރީ. ގުރޭޑު ބަދަލު ނުކުރަން ކަމަށް ހުރީވެސް. އެކަމަކު ވަރަށް ރަނގަޅު ޓީޗަރެއް ނަސީބަކުން ލިބުނީ. އެޓީޗަރަށް ޕޭކުރިވަރަށްވުރެ މާބޮޑަށްވެސް ޓައިމް ދިން. ކުލާސް އޮންނަނީ ދޮޅު ގަޑިއިރަށް، އެކަމަކު ބައެއް ދުވަސްތަކުގައި ދެގަޑިއިރު، ބައެއް ދުވަހު ތިންގަޑިއިރުވެސް ދަރިފުޅު ބައިންދައިގެން ބުނެދޭނެ. އެއް ސޫރަތެއް، އެއް ފިލާވަޅެއް އެތައް ފަހަރަކު ރިޕީޓުކޮށްގެންވެސް މުޅިން އެފިލާވަޅު ނޭނގެނީސް އަނެއް ފިލާވަޅަކަށް ނުދާނެ. ވަރަށް ރަނގަޅު. އެއް ހަފުތާ ވީއިރު ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ކުރިއަށް ގެންގޮސްފަ ހުރީ. އެހެން ނޫންނަމަ ކުލާސް ބަދަލެއް ނުކުރެވުނީސް." މި ބެލެނިވެރިޔާ ބުނި ގޮތުގައި އެފަހަރުގެ "ޓާމްބްރޭކް ކުލާސް"ތަކަށް ފަހު، ކުރިން ފޮނުވަމުން ދިޔަ ޓިއުޝަން ކުލާހުން އެކުލާހަށް ދަރިފުޅު ބަދަލުކުރީ ކަމަށާއި ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަސްތެރޭ ދަރިފުޅު ހަމަ މުޅިންހެން ކުރިއަރައިފި ކަމަށްވެސް ބުންޏެވެ.

"އެހެންވެ، މިފަހަރުގެ ހޮލިޑޭ ޕްރޮގްރާމް ނުބޭއްވުމަށް އެކުލާހުން އުޅުނީމަވެސް އަޅުގަނޑުމެން ޕޭރެންޓުން ރިކުއެސްޓުކޮށްގެން ކުލާހެއް ބާއްވާ ގޮތަށް ހަމަޖެއްސީ. މާލެއިން ބޭރަށް ނުދާތީވެ، ކުލާހަށް ފޮނުވީމަ، ކިޔެވުން މަތިން މުޅިން ހަނދާން ނުނެތި ހުންނާނީ. އެހެންނޫނީ ކުޅިވަރާއި މަޖަލުގެ ތެރޭ ފޮތްދަބަސް އޮންނާނީ ހިރަފުސް އަރާފަ، މީގެ ތިން އަހަރު ކުރިން ކޮންމެ ޗުއްޓީއަކަށްފަހު ފޮތްދަބަސް ނަގާއިރު ހިރަފުސް އަރާފަ އޮތް ގޮތަށް މިހާރަކު ނޯވޭ." މިއީ ބެލެނިވެރިއަކު ސަބަބެއް ނެތި ދައްކާނެ ވާހަކަތަކެއް ނޫނެވެ.

"ދިވެހި، އިސްލާމް ކިޔަވަން ވަރަށް ފޫހިވޭ. އެހެންވެ އެއްވެސް ހޯމްވޯކެއްވެސް ނުހަދަން. ކުލާހުގައި ޓީޗަރު ބުނެދޭއިރު އަންޑަސްޓޭންޑެއް ނުވޭ. ޓެކްސްޓް ފޮތުގަ ހުންނަ ބަސްތަކުގެ މާނަ ނޭނގޭތީ ވަރަށް އުނދަގޫ. އެކަމަކު ހޮލިޑޭ ޕްރޮގްރާމްގެ ކުލާސްތަކުން ވަރަށް ފަސޭހައިން އެނގުނު. އިސްލާމް ކިޔަވައިދެނީ ފޮތުގަ އޮންނަ ގޮތަށް ނޫން. ޓީޗަރު ކިޔައިދެއްވަނީ ކޮންމެވެސް ސްޓޯރީއެއް، ދެން ލެސަންއާ ރިލޭޓް ކުރަނީ. ގޭމް ކުޅޭ ގޮތަށް ކިޔަވައިދިނީ، ސެންޓެންސް ހަދަންވެސް ދަސްކުރީ ޓީވީ އެކްޓިވިޓީއަކުން. އެސެއި އެންޑް ސްޓޯރީ ލިޔުންވެސް ދަސްކޮށްދިނީ ދެގްރޫޕަކަށް ބަހާލައިގެން 'ސްޓިކާ ރެންޑޮމް' ކިޔާ ގޭމް އެކްޓިވިޓީއަކުން. ވަރަށް ފަސޭހަ އެގޮތަށް ބުނެދިނީމަ، ދެން ފޮތުން ކިޔައިދެނީ، އޭރު އޮންނަނީ މުޅި ލެސަން އަންޑަސްޓޭންޑް ވެފަ." މިއީ ގުރޭޑު ހައެއްގެ ދަރިވަރަކު ހިއްސާކޮށްލި ވާހަކަކޮޅެކެވެ.

ޓީޗަރަކު ބުނި ގޮތުގައި ދަރިވަރުންނަށް ސީދާ ފޮތުގައި އޮންނަ ގޮތަށް ފިލާވަޅު ބުނެދިނުމަށް ފަސޭހައެއް ނޫނެވެ. އަމުދުން ގުރޭޑު ދޭއް، ތިނެއް، ހަތަރެއްގެ ދަރިވަރުންނަށް ކޮންމެވެސް ކުޅިވަރަކާއިއެކުގައި ބުނެދިނުމުން، އެކުދިންނަށް ފަހުމުކޮށްދޭން ވަރަށް ފަސޭހައެވެ. ބަންދުތެރޭގައި ގެންދާ ކުލާސްތަކަކީ މުޅިންވެސް އެކްޓިވިޓީ ގޮތަށް ގެންދާ ކުލާސްތަކަކަށް ހަދަނީ، ކުލާސްތައް ގެންދިއުމަށް ހަމަޖައްސާފައި އޮންނަ "ލެސަންޕްލޭންސް"ތައްވެސް ހަދާފައި އޮންނަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެހެން އަމާޒުކޮށްގެން ކަމަށްވެފައި، ކުޑަކުދިންނަށް އެއްޗެއް ފަހުމު ކޮށްދޭން އެންމެ ފަސޭހަ ގޮތަކީ، އެކަމެއް އަމަލީ ގޮތުން ކުރުވައިގެން ކަމަށްވާތީއެވެ.

މިސާލަކަށް އެންމެ ކުޑަކުދިންނަށް ސައުންޑްސް، ނުވަތަ އިނގިރޭސި ވިޔަސް، ދިވެހި ވިޔަސް އަދި އަރަބި ވިޔަސް އަކުރުތަކުގެ މަހުރަޖުތައް، ބުނެދިނުމުގައި އަޑެއް ނީވި، މަންޒަރެއް ނުފެނި ހަމައެކަނި ބުނެދިނުމުގެ ބަދަލުގައި އެއަޑު އަންނަ ގޮތް ދައްކައި ބުނެދިނުމަށްފަހު، އަކުރާއި އަޑާ ދައްކައިގެން ކުއްޖާއަށް ބުނެދިނުމުން ވަރަށް އަވަހަށް ފަސޭހައިން ދަސްކޮށްލައެވެ. ގަވާއިދުތައް ނުވަތަ ގްރެމާ ކިޔައިދިނުމުގައިވެސް ސީދާ ފޮތުގައި އެއޮންނަ އެއްޗެއް ބުނެދިނުމުން ދެނެގަންނަން ދަތިވެފައި އޮޅުން އަރައެވެ. ނަމަވެސް ކުރުކުރު ވާހަކައެއްގެ ސިފައިގައި، ކުދިން ބައިވެރިކޮށްގެން ޑުރާމާއެއްގެ ގޮތަށް ހަދައިގެން، (ޕާސްޓް، ޕްރެޒެންޓް، ފިއުޗާ ޓެންސެސް) ޒަމާން ބެހޭ ބައިތަކާއި ދިވެހިބަހުގެ ގަވާއިދު ބެހޭ ބައިތަކާއި ޕާޓްސް އޮފް ދަ ސްޕީޗް ކިޔައިދިނުމުން ފަހުމުވާގޮތް އަވަސްވެފައި ހަނދާން ހުރެއެވެ. އަދި ވާދަވެރި މާހައުލެއްގައި ގޭމް ކުޅޭ ގޮތަށް ހިސާބު ކުލާސްތައް ގެންދިއުމާއި އިސްލާމް ކިޔަވައިދިނުމުގައި ކުދިކުދި ދީނީ ވާހަކަތަކާއި ވީޑިޔޯތައް ދެއްކުމުން ކުދިންނަށް ދަސްކުރަން ވަރަށް ފަސޭހައެވެ.

"ކިޔަވައިދޭން، ކުދިންނަށް އަންޑަސްޓޭންޑް ކޮށްދޭން އެންމެ ފަސޭހައީ ރިއަލް ލައިފާ ރިލޭޓް ކޮށްގެން ކިޔަވައިދިނުން. މިސާލަކަށް އިސްލާމްވެސް އަދި ސޯޝަލް ވިޔަސް، ސައިންސްވިޔަސް، އެފިލާވަޅަކާ އުޅޭ މާހައުލުގައި އާއްމު ދިރިއުޅުމުގައި ހިނގާ ކަންތައްތަކާ ރިލޭޓް ކޮށްގެން ބުނެދިނުމުން ވަރަށް އަވަހަށް ކުދިން ނަގައިގަނޭ، ހޮލިޑޭ ޕްރޮގްރާމްތައް އަމާޒުކުރަނީ މިގޮތަށް ގެންދާ ކުލާސްތަކަކަށް."

ބަންދު ތެރޭގައި ކުރިއަށް ގެންދާ މިފަދަ ކުލާސްތައް ހިންގާ ފަރާތްތަކުން ބުނާ ގޮތުގައި އެމީހުން މުޅި ޗުއްޓީ ބޭނުމެއް ނުކުރެއެވެ. ކުދިންނަށްވެސް ޗުއްޓީ ވާން ވާނެކަމަށާއި، ކުދިންގެ ސިކުނޑިއަށް ލުއިޗުއްޓީއެއް ދިނުމަށް، އެއް ހަފުތާ ބަންދަށް ބާއްވާފައި ކުރިއަށް ގެންދަނީ ފުރަތަމަ ތިން ހަފުތާ ތެރޭގައެވެ. ތިން ހަފުތާގައި ކުލާސް ގެންގޮސްފައި، އަނެއް ހަފުތާ ޗުއްޓީއަށް ދޭ ގޮތަށެވެ. ކުލާސްތައް ނިންމާލާ ރަސްމިއްޔާތެއް ބާއްވާ ކަމަށާއި އެދުވަހު ހަވާލުކުރުމަށް، ތައްޔާރުކޮށްފައި އޮންނަ ފައިލުގައި، ކުދިންކުރި މަސައްކަތް އެއްކޮށް ހުރެއެވެ.

ނިންމާލާ ދުވަހު ހަވާލު ކުރެވޭ ފައިލުގައި، "ހޮލިޑޭ ޕްރޮގްރާމް"ގައި ދަރިވަރު ކުރި ހުރިހާ މަސައްކަތެއް އެއްކޮށް ހުންނައިރު، އޭގެ ކުރީ ދުވަހު "ހޮލިޑޭ ޕްރޮގްރާމު"ގައި ގެންދިޔަ ކުލާސްތަކުގައި ކިޔަވައިދިން ހުރިހާ އެއްޗަކުން ނަގާފައިވާ އިމްތިހާނެއްގެ ނަތީޖާވެސް އޭގައި ހިމެނޭނެއެވެ. ކުޑަވަރެއްގެ ޕާޓީއެއްގޮތަށް، މާ ރަސްމީ ނުވިޔަސް ކުޑަކޮށް ޖަލްސާ ފާޑަކަށް ކުރިއަށް ގެންދާ ރަސްމިއްޔާތުގައި، އެންމެ ފުރިހަމަ ކާމިޔާބީ ހޯދާ ކުދިންނަށް ހާއްސަ ހަދިޔާއާއި ކޮންމެ ކުއްޖަކަށް ދޭ ހަދިޔާއަކާއިއެކު، އެކުއްޖެއްގެ ފައިލު ހަވާކުރެއެވެ. އެކި ކުލާސްތަކުގެ ކިޔަވައިދިނުންވެސް ވަކިވަކިން ގެންދިޔަ ގޮތަށް، "ލެންގުއޭޖު ކުލާސް"، "ރީޑިން އެންޑް ރައިޓިން"،"ސައުންޑްސް، ފޮނިކްސް، ކަހަލަ ކުލާސްތަކުގެ ނިންމާ ދުވަހުގެ "ސެލެބްރޭޝަންވެސް ބާއްވަނީ ތަފާތު އެކިގަޑިތަކުގައެވެ. ކޮންމެ އަހަރަކުވެސް، އަދި ކޮންމެ ޓާމް، ސެމިސްޓާ ބަންދަކާ ދިމާކޮށްވެސް "ހޮލިޑޭ ޕްރޮގްރާމް"ހިންގާ ފަރާތަކުން، ބަންދުތެރޭގައި ހިންގާ ކުލާސްތަކާ ބެހޭ ގޮތުން އޮޅުންފިލުވައިދިނުމަށް ކިޔަދިނެވެ.

"ވަރަށް ކާމިޔާބޭ ބުނެވޭނީ. ވަރަށް ނަތީޖާ ރަނގަޅު، މިދިޔަ ދެފަހަރުގެ ހޮލިޑޭ ކުލާސްތައްވެސް ވަރަށް ކާމިޔާބު، ވަރަށް ދަށުގައި ތިބި ކުދިން ހަމަ އެއްވަނައަށް ކުރިއަށް ޖެހުނު. އެހިތްހަމަޖެހުން ލިބުނީމަ މަގުސަދު ހާސިލުވީ." ހޮލިޑޭ ކުލާސްތައް ގެންދާ ޓީޗަރަކު، ބުންޏެވެ.

ވޭތުވެދިޔަ ދެއަހަރު ދިމާވި ކޮވިޑުގެ ހާލަތުގެ ސަބަބުން ބައެއް ދަރިވަރުންނަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. އޮންލައިންކޮށް ކިޔެވުމުގެ ސަބަބުން މުޅިންހެން ކިޔެވުން އޮޅުންބޮޅުން ވެފައި ތިބި ކިތަންމެ ދަރވަރުންނެއް އެބަތިއްބެވެ.

"އަޅުގަނޑުވެސް ޗުއްޓީ ބޭނުން، ޗުއްޓީ ގޮތުގައި، އާއިލާއާއެކު ހޭދަކޮށްލަން. އެކަމަކު އެއަށްވުރެ ބެލެނިވެރިންގެ އާދޭސް އިވުނީމަ ހިތަށް ކުރާ އަސަރު މާބޮޑު. މަންމައަކު، ބައްޕައަކު އަމިއްލަ ދަރިން ގޭގައި ފިލާވަޅާއި އެހެނިހެން ކަންތަކާ ނޫޅެއޭ ނުބުނާނެ ވަރަށް ބޮޑަށް އެކަމަށް މަސައްކަތް ކޮށް ކާމިޔާބުނުވީމަ ނޫނީ. ކިހާވަރެއްގެ ކަމެއްކަން އެނގޭތީ އެހެން ދޫކޮށްލާކަށް ނުކެރޭ." މިއީ މި ބަންދުތެރޭ ކިޔަވައިދިނުމަށް ވަކި ކުލާސްތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ޓީޗަރަކު ބުނި ވާހަކައެކެވެ.

ކޮންމެއަކަސް ބަންދުތެރޭގައި މުޅިން މަޖަލާއި ސަކަރާތުގައި ހޭދަކޮށް ނިންމާލުމަށްވުރެ ކޮންމެ ދުވަހަކުވެސް ގަޑިއެއްހާ އިރު ކިޔެވުމުގައި ހޭދަކުރުމާއި އަންނަ އަހަރަށް ތައްޔާރުވުމުގައި މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ހިޔާލެކެވެ. މިފަދަ ކުލާސް ހިންގާ ފަރާތްތަކުން ބުނި ގޮތުގައި ބަންދު ތެރޭގައި މާލެ އައިސް ތިބޭ އަތޮޅުތެރޭގެ ކުދިންވެސް ހޮލިޑޭ ކުލާސްތަކަށް ވަރަށް ގިނައިން އާދެއެވެ. އެކުދިން ދަނީ މާލެ އައި ޗުއްޓީގެ ބޭނުން ހުރިހާ ގޮތަކުންވެސް ހިފުމަށްފަހު، ރަނގަޅަށް ފިލާވަޅުތައްވެސް ދަސްކޮށްގެންނެވެ.

ބަންދުތެރޭގައި ހުޅުވޭ މިފަދަ ކުލާސްތަކުން ކުދިންނަށް ފައިދާއެއް ކުރާކަމުގައިވާނަމަ، ކޮންމެ ބެލެނިވެރިއަކުވެސް ކުދިން މިތަންތަނަށް ފޮނުވާނެއެވެ. ދަރިފުޅުގެ އާ އަހަރުގެ ސުކޫލު ފެށެން ވާއިރަށް ފޮތްތަކަށް އަހުލުވެރިވެ، މޮޅު ކުއްޖަކަށް ވުމަށް ނޭދޭނީ ކޮން ބެލެނިވެރިއެއްތޯއެވެ. ހަމަ އެހެންމެ މިއީ ފަހަރެެއްގައިވެސް ގެއްލުމެއް ހުރި ކަމެއް ނޫނެވެ. ގޭގައި ކިޔަވަން އުނދަގޫ ކުއްޖާ މިފަދަ ކުލާހަކުން ކިޔަވާނަމަ އެކުއްޖާއަށް އޭގެ ފައިދާ ކުރާނެއެވެ. ހަމައެހެންމެ ކޮންމެ ޓީޗަރަކީވެސް ތަފާތު ހުނަރަކާއި ގާބިލުކަމެއް ހުންނަ ފަރާތެކެވެ. އޭގެ ފައިދާވެސް ކުދިންނަށް ކުރާނެތާއެވެ.