އެޑެން ހަޒާޑް

އަންނަ ސީޒަނުގައި ރެއާލް ސަޕޯޓަރުންނަށް ފެންނާނީ ތަފާތު މޮޅު ހަޒާޑެއް: މާޓިނޭޒް

އަންނަ ސީޒަނުގައި ރެއާލް މެޑްރިޑުގެ ސަޕޯޓަރުންނަށް ފެންނާނީ މުޅިން ތަފާތު، މޮޅު އެޑެން ހަޒާޑެއް ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއަށް ކުޅުނު އިރު، ތަފާތު މޮޅު ފޯމެއްގައި ކުޅުނު ހަޒާޑް، 2019 ވަނަ އަހަރު ރެއާލްއަށް ބަދަލުވިފަހުން އޭނާގެ ފޯމު ވަނީ ގެއްލިފައެވެ. އެކި ފަހަރު މަތިން ތަފާތު އަނިޔާތަކާވެސް ހަޒާޑަށް ކުރިމަތިލާން ޖެހިފައިވާ އިރު، އޭނާގެ ފައިގެ ގިނަ އޮޕަރޭޝަންތަކެއްވެސް ކުރަން ޖެހިފައިވެއެވެ. ރެއާލްއާ އެކު މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގާއި ލަ ލީގާ ކާމިޔާބުކުރި ހަޒާޑު، މުޅި ސީޒަނުގައި އެ ކްލަބަށް ކުޅެފައި ވަނީ އެންމެ 18 މެޗެއްގައެވެ.

އޭގެ ކުރީ ސީޒަނުގައި އެންމެ 14 މެޗުން ހަޒާޑު ފެނުނު އިރު، އޭގެ ކުރީ ސީޒަނުގައި ހަޒާޑަށް ކުޅެވުނީ އެންމެ 16 މެޗުގައެވެ.

ފޯމު ދަށްކޮށް އަދިވެސް ފެންނަ ހަޒާޑު ކިރިޔާވެސް ރަނގަޅަށް ކުޅުނުތަން ފެނުނީ މި މަސް ތެރޭގައި ބެލްޖިއަމްއިން ކުޅުނު ނޭޝަންސް ލީގުގެ މެޗުތަކުގައެވެ. ހަޒާޑާ ގުޅޭ ގޮތުން މާޓިނޭޒް ބުނީ ހަޒާޑުގެ ފިޒިކަލް އަދި މެންޓަލް ހާލަތު ހުރީ ވަރަށް ރަނގަޅަށް ކަމަށާއި ރެއާލް ސަޕޯޓަރުންނަށް އަންނަ ސީޒަނުގައި ފެންނާނީ މުޅިން ތަފާތު ހަޒާޑެއް ކަމަށެވެ.

"އަހަރެން ހުރީ ހައިރާން ވެފައި ހަޒާޑުގެ ފިޒިކަލް އަދި މެންޓަލް ފިޓްނަސް ފެނިފައި. ހަޒާޑު ހުރީ އަދިވެސް ރެއާލްއާއެކު ކާމިޔާބު ކުޅުމެއް ކުޅެން ތައްޔާރަށް. އެކަމަށް ހަޒާޑު ޖާނު ދޭނެ. އެކަން ސާފުކޮށް އަބަދުވެސް ބުނަމުންދާނެ. އެހެންވީމަ މި ބުނަނީ އަންނަ ސީޒަނުގައި ރެއާލް ސަޕޯޓަރުންނަށް ފެންނާނީ މުޅިން ތަފާތު ހަޒާޑެކޭ،" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ ހަޒާޑަށް ކުރިއަށް އޮތް ވޯލްޑް ކަޕުވެސް މުހިއްމު ކަމަށާއި އެކަމަށް ފޯކަސްވެސް އެބަހުރި ކަމަށެވެ. ހަޒާޑު ކަހަލަ ހުނަރުވެރި ކުޅުންތެރިޔަކު ތަފާތު ދައްކައިފިނަމަ، އެކަމުގެ ފައިދާތަކެއް ބެލްޖިއަމްއަށް ކުރާނެ ކަމަށްވެސް މާޓިނޭޒް ފާހަގަކުރިއެވެ.