އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
ކުރިމިނަލް ކޯޓުގައި މި އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ 11:30 އަށެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމެވެ.
އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމަށް އެ މައްސަލައިގައި ދައުލަތުން ހުށަހަޅާ އެންމެ ފުރަތަމަ ހެކީގެ ގޮތުގައި ހާޒިރުކުރީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފޮރެންސިކް ސާވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި އެލަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅިގެންނެވެ.
އޭނާއަކީ ސަޓަޑޭ ފޮރެންސިކްސް އިން ތިން އައިފޯނަކާއި ތިން ޕެންޑްރައިވްއެއް ތަހުލީލު ކުރި ފަހުން އެ ފޯނުތަކާއި ޕެންޑްރައިވް ތަހުލީލު ކުރި ފުލުސް އޮފިސަރެވެ.
ހެކިބަސް ދެމުން އޭނާ ބުނީ އެ ފޯނުތައް ތަހުލީލުކޮށްގެން ފެނުނު ހޭޝްތަކާއި ތަކެއްޗަކީ ސަޓަޑޭ ފޮރިންސިކްސްގެ މާގް އެންޑްރޭ ޒެގްބީވެސް އެ ފޯނުތައް ތަހުލީލުކޮށް ފުލުހަށް ދިން ބަޔާނުގައި ފާހަގަކޮށްފައިވާ ހޭޝްތަކާއި ތަކެތި ކަމަށެވެ.
ހެކިވެރިޔާ ބުނީ ފުލުހުންގެ ފަރާތުން އޭނާއާ ހަވާލުކުރީ، އެ ފޯނުތަކުން ޔޫސުފް ނައީމްއާ ކޮށްފައިވާ މުއާސަލާތުތައް ހޯދުމަށް އެކަނި ކަމަށެވެ. އެގޮތުން އެ ފޯނުތައް ތަހުލީލުކުރުމުން ހަތަރު ކޯލް ލޮގާއި އެއް އެސްއެމްއެސްއާއި އެއް ކޯލް އެލާޓް ފެނުނު ކަމަށާއި ފެނުނު އެސްއެމްއެސްގައި ވަނީ "އެއްކަލަ އެތި ގެންދާނީ ކޮން އިރަކުންތޯ" އެކަނި ކަމަށެވެ.
އެ މައްސަލައިގައި ދައުވާ ރައްދުވާ ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވަނީ، އެ ފޯނުތައް ތަހުލީލުކޮށް މެސެޖުތައް ފެނިފައިވާ އިރު، އޭގެއިން އެއްވެސް މެސެޖެއްގައި ޔާމީނާއި ނައީމްއާ ދެމެދު ރިޝްވަތުގެ އެއްވެސް މުއާމަލާތެއް ފެންނަން އޮތްތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ހެކިވެރިޔާ ވަނީ، އެ މެސެޖުތަކުގައި އެފަދަ ކަމެއް ފެންނަން ނެތް ކަމަށް ބުނެފައެވެ.
"ސީދާ އަޅުގަނޑަށް ދަންނަވާކަށް ނޭނގެ އެ މެސެޖުތަކުގައި ހުރީ ކީކޭ ކަމެއް. ނަމަވެސް އެ ޕްރިންޓް ކޮށްފައި ހުރި މެސެޖުން ފެންނަން އިނީ އެންމެ މެސެޖެއް، އެއީ 'އެއްކަލަ އެތި ގެންދާނީ ކޮންތާކުންތޯ' އެކަނި" ހެކިވެރިޔާ ބުންޏެވެ.
މި އަޑުއެހުމުގައި ހެކިވެރިޔާ ވަނީ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީއަށް ގެނެވޭ ހެކިތައް ތަހުލީލުކޮށް، ރިޕޯޓު ތައްޔާރުކުރާ ގޮތާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ޑިޖިޓަލްކޮށް "ޑޭޓާ އެކްސްޓްރެކްޓް" ކުރެވޭގޮތާ ގުޅޭގޮތުން އޭނާ ވަނީ ދައުލަތުގެ ސުވާލުތަކަށް ޖަވާބުދީފައެވެ. އަދި ނެގޭ ޑޭޓާތަކުގެ އިންޓެގްރިޓީ ހިފެހެއްޓުމަށްޓަކައި އެ ނެގޭ ޑޭޓާތަކާމެދު އަމަލުކުރެވޭ ގޮތްތަކާ ގުޅޭގޮތުންވެސް އޭނާ ވާހަކަދައްކާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު