ސަރުކާރުގެ އަމާޒަކީ އީޖާދީ ވިސްނުންތަކެއް އުފަން ކުރެވޭ ފެންވަރުގެ ދަރިވަރުންތަކެއް ބިނާކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ށ. ފުނަދޫ ސްކޫލުގެ ގޮލްޑެން ޖުބްލީ ފާހަގަކުރުމަށް އެ ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިންނަށް ކިޔަވައިދީގެން ހުނަރުވެރި ފަންނުވެރި އަދި ބިނާކުރަނިވި ޖީލެއް އުފަންކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ، ދަރިވަރުންނަކީ މުޖުތަމައުގެ ބަދަހިކަން ދަމަހައްޓައި ލާމެހިގެން އުޅެން ލޯބިކުރާ ބަޔަކަށް ހެދުމަކީވެސް ސަރުކާރުގެ ވިސްނުން ކަމަށެވެ.
"އަޅުގަނޑުމެންގެ މުޅި ވިސްނުން އަމާޒުކޮށްގެން މިތިބީ ޒަމާނީ އިލްމުގެ އަލީގައި މީހުން ބިނާކުރުމަށް. އެމީހެއްގެ މުޖުތަމައު ތަރައްގީކުރުމާ މެދު، އަމިއްލަ ސިކުނޑީގައި އީޖާދީ ވިސްނުންތައް އުފަންކުރެވޭ ވަރުގެ އިލްމީ ގާބިލުކަން ލިބިގެންވާ ދަރިންތަކެއް އުފައްދަން." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމް ފެއްޓީވެސް ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތުދީ އީޖާދީ ވިސްނުން ތައާރަފުކުރަން ކަމަށެވެ. އަދި ކުރިއަށްވުރެ ގިނައިން މިހާރު ރާއްޖެއިން ބޭރަށް ދަރިވަރުން ކިޔަވަން ފޮނުވަނީވެސް އެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ ބަދަލުގައި ވަށައިގެން ހިނގާ ކަންކަމާ މެދުގައިވެސް ވިސްނަންޖެހޭ ކަމަށާއި ދަރިވަރުން މުޅި މުޖުތަމައާ މެދުގައިވެސް ވިސްނަން ޖެހެއެވެ.
ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއްގެ ވަށައިޖެހިފައިވާ ސިޔާސަތަކީ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށާއި އޭގެ އެންމެ މުހިންމު މަސައްކަތްތައް ހިނގަނީ ތައުލީމީ ދާއިރާގެ ތެރެއިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫއެއް ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ..
ޚަބަރު
ޚަބަރު
ޚަބަރު