އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް ކުރާ، ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގަން ފަށައިފިއެވެ.

ކުރިމިނަލް ކޯޓްގައި މިއަދު އޮތް އެ މައްސަލައިގައި ޝަރީއަތުގައި އެންމެ ފުރަތަމަ ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފޮރެންސިކް ސާވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި އެލަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅިގެންނެވެ.

އޭނާއަކީ ސަޓަޑޭ ފޮރެންސިކްސް އިން ތިން އައިފޯނަކާއި ތިން ޕެންޑްރައިވްއެއް ތަހުލީލު ކުރި ފަހުން އެ ފޯނުތަކާއި ޕެންޑްރައިވް ތަހުލީލު ކުރި ފުލުސް އޮފިސަރެވެ.

ހެކިބަސް ދެމުން އޭނާ ބުނީ އެ ފޯނުތައް ތަހުލީލުކޮށްގެން ފެނުނު ހޭޝްތަކާއި ތަކެއްޗަކީ ސަޓަޑޭ ފޮރިންސިކްސްގެ މާގް އެންޑްރޭ ޒެގްބީވެސް އެ ފޯނުތައް ތަހުލީލުކޮށް ފުލުހަށް ދިން ބަޔާނުގައި ފާހަގަކޮށްފައިވާ ހޭޝްތަކާއި ތަކެތި ކަމަށެވެ.

ހެކިވެރިޔާ ބުނީ، ފުލުހުންގެ ފަރާތުން އޭނާއާ ހަވާލުކުރީ، އެ ފޯނުތަކުން ޔޫސުފް ނައީމްއާ ކޮށްފައިވާ މުއާސަލާތުތައް ހޯދުމަށް އެކަނި ކަމަށެވެ. އެގޮތުން އެ ފޯނުތައް ތަހުލީލުކުރުމުން ހަތަރު ކޯލް ލޮގާއި އެއް އެސްއެމްއެސްއާއި އެއް ކޯލް އެލާޓް ފެނުނު ކަމަށާއި ފެނުނު އެސްއެމްއެސްގައި ވަނީ "އެއްކަލަ އެތި ގެންދާނީ ކޮން އިރަކުންތޯ" އެކަނި ކަމަށެވެ.

އެ މައްސަލައިގައި ދައުވާ ރައްދުވާ ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވަނީ، އެ ފޯނުތައް ތަހުލީލުކޮށް މެސެޖުތައް ފެނިފައިވާ އިރު، އޭގެއިން އެއްވެސް މެސެޖެއްގައި ޔާމީނާއި ނައީމްއާ ދެމެދު ރިޝްވަތުގެ އެއްވެސް މުއާމަލާތެއް ފެންނަން އޮތްތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ހެކިވެރިޔާ ވަނީ، އެ މެސެޖުތަކުގައި އެފަދަ ކަމެއް ފެންނަން ނެތް ކަމަށް ބުނެފައެވެ.

"ސީދާ އަޅުގަނޑަށް ދަންނަވާކަށް ނޭނގެ އެ މެސެޖުތަކުގައި ހުރީ ކީކޭ ކަމެއް. ނަމަވެސް އެ ޕްރިންޓް ކޮށްފައި ހުރި މެސެޖުން ފެންނަން އިނީ އެންމެ މެސެޖެއް، އެއީ 'އެއްކަލަ އެތި ގެންދާނީ ކޮންތާކުންތޯ' އެކަނި" ހެކިވެރިޔާ ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިވެރިޔާ ވަނީ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީއަށް ގެނެވޭ ހެކިތައް ތަހުލީލުކޮށް، ރިޕޯޓު ތައްޔާރުކުރާ ގޮތާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ޑިޖިޓަލްކޮށް "ޑޭޓާ އެކްސްޓްރެކްޓް" ކުރެވޭގޮތާ ގުޅޭގޮތުން އޭނާ ވަނީ ދައުލަތުގެ ސުވާލުތަކަށް ޖަވާބުދީފައެވެ. އަދި ނެގޭ ޑޭޓާތަކުގެ އިންޓެގްރިޓީ ހިފެހެއްޓުމަށްޓަކައި އެ ނެގޭ ޑޭޓާތަކާމެދު އަމަލުކުރެވޭ ގޮތްތަކާ ގުޅޭގޮތުންވެސް އޭނާ ވާހަކަދައްކާފައިވެއެވެ.

އަޑުއެހުން ނިންމަވައިލައްވަމުން މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، މިއަދު އެންމެ ފުރަތަމަ ދެ ހެކިންގެ ހެކިބަސް ނަގަން ޝަރީއަތުން ބޭނުންވި ނަމަވެސް ފުރަތަމަ ހެކިވެރިޔާއަށް މާ ގިނަ ވަގުތު ހޭދަވެގެން ދިއުމުން ދެން ހެކިބަސް ނަގަން އޮތް ހެކިވެރިޔާގެ ހެކިބަސް އެހެން ދުވަހަކަށް ނަގަން ނިންމާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޝަރީއަތުން ގަސްތުކުރަނީ މިމަހުގެ ތެރޭގައި ހެކިބަސް ނަގައި ނިންމައި، ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އޮގަސްޓު މަހު އަޑުއެހުމެއް ބޭއްވުމަށެވެ. އަދި ހަމަ އެމަހު ހުލާސާ ބަޔާން އިއްވުމަށެވެ.

ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.