ފ. ފީއަލީގެ ބިން ހިއްކައިދޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެރަށު ކައުންސިލަށް ދެއްވައިފިއެވެ.
ރައީސް ސޯލިހު މިއަދު ވަނީ ފީއަލީ ކައުންސިލާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ ރައީސް އޮފީހުގައެވެ. އެ ބައްދަލުވުމުގައި ފީއަލި ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވައިފައެވެ.
އެގޮތުން ކައުންސިލުން ވަނީ ފީއަލީގެ ބިންހިއްކުމުގެ މަޝްރޫއޫ އާއި ސިއްހީ މަރުކަޒުގެ މަޝްރޫއު އަދި އެރަށު ވޮލީކޯޓުގެ މަޝްރޫއު އަވަސްކޮށްދެއްވުމަށް ރައީސް ސޯލިހު އަރިހުގައި އެދިފައެވެ. އަދި އެރަށު ސްކޫލަށް މަލްޓިޕާޕޯސް ހޯލެއް ބޭނުންވާ ކަމަށާއި ސްކޫލްގެ ސައިންސް ލެބް އެޅުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާ،އި ފީއަލި ރައްޔިތުން ދަތުރުދާނެ ރަށެއް ބޭނުންވާ ކަމަށާއި އައިސް ޕްލާންޓްއެއް ބެހެއްޓި ނަމަވެސް ބަނދަރު ކުޑަވުމުން އައިސް ޕްލާންޓް ބޭނުންކުރުމަށް ދަތިތަކެއް ފާހަގަކުރެވިފައިވާތީ އައިސް ޖެޓީއެއް ގާއިމްކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ފީއަލީގެ އާބާދީއާ އެކަށޭނަ މިސްކިތަކާއި ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތަކާއި ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ބައެއް ދަތިތައް ކައުންސިލުން ވަނީ ރައީސް ސޯލިހުއާ ހިއްސާކޮށްފައެވެ.
ކައުންސިލުން ފާހަގަކުރި ކަންތައްތަކާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ބިންހިއްކުމުގެ މަޝްރޫއު ފަށްޓަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި ކައުންސިލުން ފާހަގަކުރި ދެން ހުރި ކަންކަން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ހައްލުހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތްކުރިއަށް ގެންދިޔުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާލިބުމަކީ ރަށްރަށް ތަރައްހީކުރުމުގައި ސަރުކާރަށް ލިބިގެންދާ އިތުރު ފަސޭހައެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު