ޕެންޝަން ފައިސާ އޭގެ ހައްގުވެރިންނަށް އެންމެ އެދެވޭ ގޮތެއްގައި ލިބެމުންނުދާ މައްސަލަ ހައްލުކޮށްދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސިޓީއެއް ހުށަހަޅައިފިއެވެ.
ޕެންޝަން ގާނޫނުން ޕެންޝަންގެ ހައްގުވެރިންނަށް ލިބެން ޖެހޭ ކަމަށް ބުނާ ކަންކަން އެންމެ އެދެވޭ ގޮތުގައި ނުލިބޭ ކަން ފާހަގަކޮށް މަޖިލީހަށް މައްސަލައެއް ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މައްސަލަ ބަލައިގަތުމާމެދު ނެގި ވޯޓުން ފާސްނުވެ، މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
އެމްއެންޕީން ރައީސް ސޯލިހަށް މިއަދު ފޮނުވި ސިޓީގައި ބުނީ އެމައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އިސްލާހުކުރުމުގެ ގޮތުން ނޫން ކަމަށާއި އެގޮތަށް ހުށަހަޅާފައި ނުވަނީ ޕެންޝަނާ ގުޅޭ ކަންކަމަކީ އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ކަމެއް ކަމަށްވާތީ، އެފަދަ ބިލު ހުށަހެޅެނީ ސަރުކާރަށް ކަމަށް ވާތީކަމަށް އެމްއެންޕީން ބުންޏެވެ.
"މިގޮތުން 18 މޭ 2022 ގައި މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް މިމައްސަލަ މަޖިލީހުގެ ތަޅުމުގައި ހުށަހެޅުމުން މިމައްސަލައާ ދޭތެރޭ އިތުރަށް ބަހުސްކުރޭތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓަކަށް ހުށަހެޅުމުން ފެންނަކަމަށް ނުވަ ވޯޓް އަދި ނުފެންނަ ކަމަށް 19 ވޯޓް ލިބިގެން މިމައްސަލަވަނީ މަޖިލީހުން ބޭރުކުރެވިފައެވެ. މަޖިލީހުގެ އެ ނިންމުމަށް މައިގަނޑު ގޮތެއްގައި ތާޢީދު ކުރަށްވާފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މެންބަރުންނެވެ." އެމްއެންޕީން ބުންޏެވެ.
"ދިވެހި ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު" އެޕާޓީން ދިރާސަކުރި އިރު، އެ ގާނޫނު ވުޖޫދުވެ ތަންފީޒުކުރެވެން ފެށިގެން މިއަދާ ހަމަޔަށް އައިއިރުވެސް ގާނޫނުގެ މަގުސަދު ހާސިލުވެފައިނުވާ ކަމަށް އެމްއެންޕީން ބުންޏެވެ.
"ޅައުމުރުން ފެށިގެން އެތަކެއް އަހަރުތަކެއް ވަންދެން ދައުލަތަށް ހިދުމަތްކޮށްފައިވާ މީހާއަށް ސަރުކާރުން އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ދޭ އަދަދާއި، މުޖުތަމައަށް ގެއްލުންވާހެން އުމުރުގެ ބޮޑުބައި ހޭދަކުރި މީހާއާ އެއްވެސް ތަފާތެއް ނެތްފަދައިން ޕެންޝަން ދިނުމަކީ އެންމެ އިންސާފުވެރި ގޮތެއް ކަމަށް މި ޕާޓީއިން ނުދެކެން،" އެމްއެންޕީން ބުންޏެވެ.
ސިޓީގައި ވަނީ ޕެންޝަން ފައިސާ އެންމެ އެދެވޭ ގޮތެއްގައި އޭގެ ހައްގުވެރިންނަށް ނުލިބޭ މައްސަލައަކީ އެޕާޓީން އިސްރަށްވެހިންގެ ޖަމްއިއްޔާއާއެކު ބޭއްވި ބައްދަލުވުމުގައި އެފަރާތުގެ ނުހަނު ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކޮށްފައިވާ މައްސަލައެއް ކަމަށްވެސް އެމްއެންޕީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު