ޚަބަރު

ބާ އިމްތިހާނާ ގުޅިގެން ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފި

މުހައްމަދު އިޝާން

ބާ އިމްތިހާނާ ގުޅިގެން "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" އިސްލާހު ގެނައުމުގެ ބިލެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅީ އެމްއެންޕީގެ ނައިބު ރައީސް އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމްއެވެ.

އުޝާމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ، "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" ނުވަތަ ވަކީލުންގެ ގާނޫނުގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައަކީ އެގާނޫނުގައި ބަޔާންކޮށްފައިވާ "ބާ ކައުންސިލް އިން އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާން" ގައި ބައިވެރިވުމަށް ޝަރުތުކޮށް ދީފައިވާ ހުއްދައެއް ކަމަށް މާނަކުރެވޭ ކަމަށެވެ. އަދި އެހުވާ އާ ކުރުމަށް ބާ އިމްތިހާން ހެދުމަކީ ގާނޫނުން އުފައްދާފައިވާ ހަމަނުޖެހޭ އިލްތިޒާމެއް ކަމަށެވެ.

އެގޮތަށް ގާނޫނުގައި އޮތުމުން 2020 ވަނަ އަހަރު ބާ ކައުންސިލްއިން ހުއްދަ ދީފައިވާ ގިނަ އަދަދެއްގެ ވަކީލުންތަކެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ، މިމަހުގެ 25 ވަނަ ދުވަހު ބާއްވާ ބާ އިމްތިހާނުގައި ބައިވެރިނުވެއްޖެނަމަ، ބާތިލްވެދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށެވެ.

އެ ގާނޫނުގެ ދަށުން ބާއްވާ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިނުވުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށް މާނަކުރެވިދާނެ ކަމަށާއި އެހެންކަމުން އެގާނޫނުގައި ހުރި އޮޅުން ބޮޅުން ހައްލުކުރުމަށް އެ ގާނޫނު އިސްލާހުކުރުން މުހިންމު ކަމަށް އުޝާމް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" ފާސްކުރިއިރު ކިޔަވައި ނިމި، ހުއްދަ ލިބިފައިނެތް ދަރިވަރުންނަށާއި ގާނޫނީ ވަކީލުކަން ކުރުމަށް އެއިރު ކިޔަވަމުންދިޔަ ދަރިވަރުންގެ މައްޗަށް ގާނޫނުން ފުރިހަމަކުރަންޖެހޭ ބާ އިމްތިހާނާއި ތަމްރީނުގެ ފުރުސަތުތައް ލާޒިމްކުރުމަކީ ހަމަޖެހޭކަމެއް ނޫން ކަމަށެވެ. އެހެންކަމުން ގާނޫނުގައި ބުނާ ބާ އިމްތިހާނާއި ތަމްރީނު ފުރިހަމަކުރުމަށް ލާޒިމްކުރާ މާއްދާތައް ތަތުބީގުކުރެވޭނީ އެގާނޫނަށް އަމަލުކުރަން ފެށިފަހުން ކިޔެވުން ފަށާ ދަރިވަރުންގެ މައްޗަށް ކަމަށް ކަނޑައަޅައި އެ ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

މިމަހު 25 ވަނަ ދުވަހު ބާއްވާ ބާ އިމްތިހާނު ބައިވެރިވާ ދަރިވަރުން ވަނީ އިމްތިހާނު ފަސްކުރުމަށް އެދިފައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ވަނީ ދަރިވަރުންގެ އެދޭގޮތަށް އެ އިމްތިހާނު ފަސްކޮށްދިނުމަށް އެދި ބާ ކައުންސިލަށް ދަންނަވަން ފާސްކޮށްފައެވެ.

އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ މިހާރު ކަނޑައަޅާފައިވާ ފީގެ އަގު ބޮޑުވުމުގެ މައްސަލައެވެ. އެ އިމްތިހާނުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10،000 ރުފިޔާގެ ފީ އެކެވެ. އެ ފީ ކުޑަކޮށްދޭން އެދި މީގެ ކުރިން ދަރިވަރުން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލައާ މެދު ކޯޓުން ގޮތެއް ނިމެންދެން އިމްތިހާން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް ކޯޓަކުން އެ އަމުރެއް ނުނެރުނެވެ.

ބާ އިމްތިހާނުގެ ފީއަށް 10،000 ރުފިޔާ ދައްކަން ޖެހުމަކީ މާލީ ގޮތުން ދަރިވަރުން އުފުލަންޖެހޭ ބުރައެއްކަމަށް އެމްއެންޕީން ވެސް ވަނީ ބުނެފައެވެ.