އުމުރުން ހަތަރު އަހަރުގެ ދަރިފުޅު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ އެ ކުއްޖާގެ މަންމަ، ށ. ފުނަދޫ/ ދިނަށަ، އާމިނަތު ޝާހިދާ 17 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށްގެންދިޔަ ސިއްރު އަޑުއެހުމެއްގައެވެ.

އެ އަޑުއެހުމުގައި ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު، އޭނާގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، އޭނާ ބަންދުގައި ހުރި މުއްދަތު އެ ހުކުމުން އުނިކޮށް ޖަލުގައި އޭނާ ތަންފީޒު ކުރަންޖެހޭނީ 11 އަހަރާއި ދެ މަސް ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލައަކީ 11 ފެބުރުއަރީ 2016 ވަނަ ދުވަހުގެ ރޭ ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖާ ގަޔަށް ވަޅިން ހަމަލާދީ އެ ކުއްޖާގެ މަންމަ އެ ކުއްޖާ މަރާލި މައްސަލައެކެވެ. މި ހާދިސާގައި މަރާލާފައިވަނީ ޝައިހާ ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ.

ފުލުހުން އޭރު ބުނީ އެ ކުއްޖާގެ ކަރުގެ ތިން ތަނަކަށާއި ވައަތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަހަމްތަކާއެކު ޖުމުލަ ދިހަ ތަނަކަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

އެ ކުއްޖާ މަރާލާފައި އޮތީ އެގޭ އެނދުމަތީގައި ކަމަށާއި އެއިރު އެ އަންހެން މީހާގެ ހަ އަހަރުގެ އަންހެން ކުއްޖަކުވެސް އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެ ހާދިސާ ހިނގި އިރު، އެ ކުއްޖާގެ ބައްޕަ ހުރީ ތ. އަތޮޅުގައި ވަޑާމުގެ މަސައްކަތެއް ކުރުމަށް ގޮހެވެ.

އެ ކުއްޖާގެ ވާރިސެއްގެ ގޮތުގައި ހުރީވެސް އެ ކުއްޖާގެ ބައްޕައެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ މަރަށް މަރު އަދި މަރުގެ ދިޔަވެސް ބޭނުންނުވާ ކަމަށެވެ.