ޚަބަރު

ޖޭއެސްސީން ބަލާ މިންގަނޑަށް ފެންވަރު ނެތް ފަނޑިޔާރުން ވަކި ކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރަނީ

އިބްރާހިމް ޒަކީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މިންގަނޑަށް، ފެންވަރު ނެތް ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން މަޖިލީހަަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ. އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނީ ކަނޑިތީމު ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޝަހީމް އަބްދުލް ހަކީމެވެ.

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ބެލުމާގުޅޭ ގޮތުން ފަނޑިޔާރުގެ ގާނޫނުގެ 59 ވަނަ މާއްދާގައި މިހާރު އޮންނަނީ، ފަނޑިޔާރުގެ މަގާމުގެ ކުރިއެރުން ދިނުމަށް ކޮންމެ ދެ އަހަރުން އެއް އަހަރު ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރަންވާނެ ކަމަށެވެ.

އެގޮތަށް ފަނޑިޔާރުންގެ މަސައްކަތުުގެ ފެންވަރު ވަޒަން ކުރާނެ ހަތަރު ދަރަޖައެއް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ފުރަތަމަ ކަމަށް ހިމެނެނީ ވަރަށް ގާބިލު، އަދި ގާބިލުކަން މެދުމިނަށްވުރެ މަތި، ގާބިލުކަން މެދުމިން، އަދި ގާބިލުކަން މެދުމިންވަރަށްވުރެ ދަށެވެ.

އޭގެ ތެރެއިން ޖެހި ޖެހިގެން ދެ ފަހަރު، މެދުމިންވަރަށްވުރެ ފަނޑިޔާރުގެ ފެންވަރު ދަށް ކަމަށް ފެންވަރު ވަޒަންކުރާ ކޮމިޓީން ދޭ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ ފަނޑިޔާރަކު ވަޒީފާއިން މުސްކުޅިކުރުމަށް ނުވަތަ ފަނޑިޔާރުކަމުގެ ވަޒީފާ ފިޔަވައި، ޝަރުއީ ދާއިރާގެ އެހެން ވަޒީފާއަކަށް ބަދަލުކުރުމަށްޓަކައި، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީއަށް ނިންމިދާނެ ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި، ފަނޑިޔާރުންގެ ފެންވަރު ބެލުން ކޮންމެ އަހަރަކު ކުރިއަށް ގެންދަންވާނެ ކަމަށް ވަނީ ހިމަނައިފައެވެ. ބިލުގައި ހިމަނާފައިވާ ހަތަރު ދަރަޖައިގެ ތެރޭގައި ހިމެނެނީ، ގާބިލުކަން، ގާބިލުކަން މެދުމިން، ގާބިލުކަން މެދުމިނަށްވުރެން ދަށް އަދި ގާބިލުނުވުމެވެ.

ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމަށް ޖޭއެސްސީގެ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއްް އެކުލަވާލަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފަނޑިޔާރުންގެ ފެންވަރު ބެލުމަށްފަހު، ގާބިލުކަން މެދުމިންވަރަށްވުރެ ދަށް ފަނޑިޔާރުންގެ ގާބިލުކަން ރަނގަޅުކުރުމަށް އިސްލާހު ކުރަންވީ ކަންތައްތަކާ ގުޅޭ ގޮތުން ޖޭއެސްސީން ފަނޑިޔާރަށް އިރުޝާދުދޭންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ގާބިލު ނޫން ކަމަށް ދައްކާ ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީއަށް ނިންމޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.

އެ ބިލުގައި ފަނޑިޔާރުން ވިޔަފާރި ކުރުމާއި މާލީ މުއާމަލާތް ކުރުމާ ބެހޭ މާއްދާއަށްވެސް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

އެގޮތުން ފަނޑިޔާރުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެން ނުވާނެ ކަމަށާއި ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއްވެސް ކޮށްގެން ނުވާނެ ކަމަށާއި އަދި ދައުލަތުުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. ދައުލަތާއި އެއްވެސް ފަތާރަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާ ގޮތުންވިޔަސް ނުވަތަ ނުސީދާ ގޮތުންވިޔަސް ފަނޑިޔާރުންގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ހިއްސާ ވިއްކާ ޕަބްލިކު ކުންފުންޏެއްގެ ޝެއާ ހޯލްޑަރެއްކަމުގައި ނުވާ ގޮތަށް އެ ފަރާތެއްގެ ހިއްސާ މިލްކުކުރުމަކީ ވިޔަފާރި ކުރުންކަމުގައި ނުބެލެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އަދި ފަނޑިޔާރުގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ އެއްޗެއްގެ އަގު އާއްމުކޮށް ހުންނަ އަގަށްވުރެ ބޮޑު ނޫން އަގަށް ދީގެން އާމްދަނީ ހޯދުމަކީ ވިޔަފާރީގެ މަސައްކަތުގެ ތެރޭގައި ނުހިމެނޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.