މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްއޭ) އިން ނޫސްވެރިންގެ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް އޮތް މާއްދާ ހެއްކާ ބެހޭ ބިލުން އުނިކުރުމަށް އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހެއްކާ ބެހޭ ބިލު ދިރާސާކުރުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުންދާ އިރު، އެ ކޮމިޓީން މިއަދު ވަނީ އެމްޖޭއޭ އާއި އެމްއެމްސީގެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އެމްޖޭއޭގެ މެމްބަރެއްކަމަށްވާ މުހައްމަދު ޖުނައިދު ވިދާޅުވީ، މަސްދަރު ހާމަކުރުމުން އެފަރާތަށް ކުރާނެ އަސަރު ކުޑަވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ އަސަރު ފަނޑިޔާރަށް ވަޒަން ކުރެވުމަކީ ދުރުކަމެއް ކަމަށެވެ.
ޖުނައިދު ވިދާޅުވީ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް މަސްދަރަކީ ކާކުކަމާއި އޭނާ މަސައްކަތްކުރައްވާ ތަނާއި އެހެނިހެން މައުލޫމާތު ނޭނގޭނެ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު އެ ސުވާލު ކުރެއްވުމުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.
"މިސާލަކަށް މަސްދަރަކީ ކާކުކަން، އޭނައަކީ، ކޮންތާކު، ކޮން ވަޒީފާއެއްގައި ހުންނަ މީހެއްކަން، މި ހުރިހާ ކަމެއް ނޭނގޭ ފަނޑިޔާރު މައްސަލަ ބައްލަވާ އިރު، އެހެންވީމަ އެ އުސޫލުން ބަލާއިރު ކޮލިޓޭޓިވް މިންގަނޑަކުން ވަޒަން ކުރެވޭނެ ކަމެއް ނޫން އެއީއެއް،" ޖުނައިދު ވިދާޅުވިއެވެ.
ގިނަ ބަޔަކަށް ގެއްލުމެއްވެދާނެ ފަދަ ކަންކަމުގައި މަސްދަރު ހާމަކުރަން ބައެއް ގައުމުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމަށް އިތުބާރު ގެއްލިފައި އޮންނަ އިރު، އެފަދަ ގާނޫނެއް ރާއްޖޭގައި ފާސްކޮށްފިނަމަ އެކަމުގެ ނާޖާއިޒު ބޭނުން ހިފުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްއެމްސީގެ ފަރާތުން ވާހަކަ ދެއްކި އެ ކައުންސިލްގެ މެމްބަރު މުއިއްޒު އިބްރާހިމް ވިދާޅުވީ، ނޫސްވެރިޔާ އަށާއި މަސްދަރަށް ލިބިދާނެ ގެއްލުމަށް ރިއާޔަތް ކުރަން ބިލުގެ އެ މާއްދާގައި ބަޔާން ކޮށްފައި އޮތް ނަމަވެސް އެކަން ބެލޭނެ މިންގަނޑެއް ނޯންނާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިހާރު ބިލު އޮތް ގޮތުން އޭގެ އަސަރުކުރަނީ ހަމައެކަނި ނޫސްވެރިންނަށް ނޫން ކަމަށެވެ. އެގޮތަށް އޮތުމުން "ވިސްލްބްލޯ" ކުރާ ފަރާތްތަކަށް ވެސް އޭގެ ގެއްލުން ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މި ގޮތަށް ގާނޫނު ފަރުމާ ކޮށްފި ކަމަށްވާ ނަމަ، ވިސްލްބްލޯ ކުރާ ފަރާތްތައް. އެ މީހުންގެ އައިޑެންޓިޓީ ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ނެތަތީ ވިސްލްބްލޯކުރުމަށް ފަސްޖެހޭނެ ކަމަށް ގަބޫލުކުރަން،" މުއިއްޒު ވިދާޅުވިއެވެ.
ހެއްކާ ބެހޭ ގާނޫނެއް ފުރަތަމަ ފަަހަރަށް އެކުލަވާލާއިރު، ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ ވިދާޅުވިއެވެ.
ނޫސްވެރިންގެ މަސްދަރު ވެސް ހާމަކުރަންޖެހޭ ގޮތަކަށް ބިލުގައި ހިމަނާފައި އެވަނީ، އެކަން ނުހިމަނައިފި ނަމަ ކޮންމެވެސް އެހެން ބަޔަކު ހަމަހަމަކަމެއް ނެތް ކަމުގެ ޝަކުވާ ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ ކަމަށް އިންތި ވިދާޅުވިއެވެ.