މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރައްޔިތުންގެ އިތުބާރު ހިފޭ ގޮތަށް ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ބަސް ދަތުރުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭކަށް އިފްތިތާހުކުރުމަށް މިރޭ ބޭއްވި "ހުޅުމާލެ ފޭސް 2 ލޭންޑް ޓްރާންސްޕޯޓް" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވި އިރު، ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަވާލުކޮށްފައި އޮތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީ، ވަޒީރުންގެ މަޖިލީހާ މަޝްވަރާ ކުރެއްވުމަށްފަހު ދަތުރުފަތުރުގެ ނިޒާމު މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވި ކަމަށެވެ.
އެގޮތަށް ނިންމީ މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް އަވަސް ހިދުމަތްތަކެއް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މިއަދު އެމްޓީސީސީގެ ހުރިހާ މުވައްޒަފުންނަށް. ހާއްސަކޮށް، ސީއީއޯ އާދަމް އާޒިމަށް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުން މިގެންދާ ދަތުރުފަތުރުގެ ނިޒާމަކީ، މިވަގުތު ރައްޔިތުން ހިތްހަމަޖެހޭ އިތުބާރުހިފޭގޮތަށް ދެވޭ ހިދުމަތަކަށް އެމްޓީސީސީ ބަދަލުކޮށްފައިވަނީ. ޓީމް އެމްޓީސީސީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީއަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް ކަމަށާއި އަދި ހަވާލުކުރާ މަސައްކަތް ކޮލިޓީއާއެކު ސަރުކާރުން ކަނޑައަޅާފައިވާ ވަގުތަށް ނިންމަމުންދާ ގާބިލު ކުންފުންޏެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އާޒިމް ހަވާލުވެވަޑައިގެންނެވި އިރު، އެ ކުންފުނީގައި މުވައްޒަފުންގެ ގޮތުގައި ތިބީ 1،400 މީހުން ކަމަށާއި އެއިރު މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާ ކަމަށެވެ. ނަމަވެސް މިހާރު އެމްޓީސީސީން 300 އަށްވުރެ ގިނަ މަޝްރޫއުތައް ހިންގަމުންދާ އިރު، އެ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި 3،700 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރު ނިމޭއިރު 4،000 މުވައްޒަފުން އެމްޓީސީސީގައި މަސައްކަތް ކުރާނެ ކަމަށާއި އެއީ ރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ވަޒީފާ ބޭނުންވެފައި ތިބި އެތައް ޒުވާނުންނަކަށް އެކި ތަފާތު ވަޒީފާތައް އަދި ޓްރޭނިންއާ އެކުގައި ދިނުމަށްފަހުގައި، އެމްޓީސީސީއިން ހިދުމަތަށް ނެރެމުންދާކަމީ އަޅުގަނޑު ހިތުން ހުރިހާ ރައްޔިތުންގެ އިތުބާރު އެމްޓީސީސީއަށް ލިބިގެންދާ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތައް ކަމަށްވާ ބަނދަރު ހެދުމާއި އެއާޕޯޓު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ ހަލުވި ސްޕީޑެއްގައި ކަމަށާއި ރައްޔިތުން ބޭނުންވާ އަވަސް މިނުގައި އަދި ރައްޔިތުން ބޭނުންވާ ފުރިހަމަކަމާއެކު އެފަދަ މަޝްރޫއުތައް ނިންމާލެވެނީ އެމްޓީސީސީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު