ހުޅުމާލެ ފޭސް ދޭއްގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމަވައިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް)ގެ ބަސް ދަތުރުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭކަށް އިފްތިތާހުކުރުމަށް މިރޭ ބޭއްވި "ހުޅުމާލެ ފޭސް 2 ލޭންޑް ޓްރާންސްޕޯޓް" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށިއިރު ވަރަށް ގިނަ އަސާސީ އަދި ޒަރޫދީ ހިދުމަތްތައް ހުރީ ނުފެށި ކަމަށެވެ. އެހެންވެ އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ފޭސް ދޭއްގައި ޒަރޫރީ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"އެއީ މިތަނުގައި ދިރިއުޅޭ ރައްޔިތުންގެ ދަރިންނަށް ތައުލީމު ދިނުން ކަމަށްވިޔަސް، އަދި ސިއްހީ ހިދުމަތް ދިނުން ކަމަށްވިޔަސް، އަދި އެހެނިހެން ހިދުމަތްތައް ހޯދަންޖެހުނު ކަމުގައިވިޔަސް، އުފުލަން ޖެހިފައި އޮތް ބުރަ އިންތިހާއަށް ބޮޑު. އަސާސީ ހިދުމަތްތަކާއި ޒަރޫރީ ބޭނުންތައް ވީހާވެސް އަވަހަކަށް މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ސަރުކާރާއި އަދި ހުޅުމާލެ ހިންގުމާ ހަވާލުވެ އޮތް އެޗްޑީސީ އާއި އަދިވެސް ދައުލަތުގެ އެހެން ހުރިހާ މުއައްސަސާތަކުން ބުރަ މަސައްކަތްތަކެއް އަޅުގަނޑުމެން ފެށިން،" ރައީސް ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް ދޭކަށް ސްކޫލުތަކާއި މިސްކިތްތަކާއި ސިއްހީ ހިދުމަތުގެ އިތުރުން މަގުހެދުމުގެ މަޝްރޫއު ނުހަނު ބޭނުންޖެހިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓްތަކުން ދިނުމަށްޓަކައި ތިން ކްލިނިކަކާއި ތިން ފާމަސީގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އަދި އޭގެއިތުރުން ހުޅުމާލޭ ފޭސް ދޭއްގައި އިތުރު ހޮސްޕިޓަލާއި އިތުރު ސިއްހީ ހިދުމަތްތައް ލިބޭނެ ވަސީލަތްތައް ގާއިމުކުރުމަށް މިހާރުވެސް އެޗްޑީސީގެ ފަރާތުން އެގެންދަނީ ބީލަމަށްލައި އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ހުޅުމާލޭ ފޭސް ދޭއްގައި އަށް ސްކޫލަކާއި އިތުރު ދެ ޕްރީސްކޫލް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން މިހާރު އެއް ސްކޫލާއި ދެ ޕްރީސްކޫލްގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި މިހާރު ކުރިއަށްދާ ސަލާހުއްދީން ސްކޫލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހުޅުވި، ކުދިންނަށް ސްކޫލަށް ދެވޭވަރު އިރާދަކުރެއްވިއްޔާ ކުރެވޭނެ. އަދި އިތުރަށް ކުރިއަށްދާ ޕްރީސްކޫލްގެ ދެ ސްކޫލް، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރެއަށް ނިންމައި ހިދުމަތް ދެވޭވަރުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފޭސް ދޭއްގެ މަގު ހެދުމުގެ 85 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފޭސް ދޭއްގައި ދިރިއުޅެމުންދާ ރައްޔިތުން ކަންބޮޑުވުންތައް އަޑުއަހައި ހައްލު ހޯދުމަށް ނައިބު ރައީސް ފައިސަލް ނަސީމް ހިމެނޭހެން ރައީސް އޮފީހުގައި ޓީމެއް އެކުލަވަލާލައި، އެމަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު