އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރުކުރާ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން ރައްޔިތުން މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.
ވަގު ފޯމު ހުށަހަޅާ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝަފީގުއެވެ. މިއަދު އެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްވީ 58 މެމްބަރުންގެ ތާއީދާ އެކުއެވެ.
މެމްބަރު ޝަފީގު އެ މައްސަލަ މަޖިލީހަށް ހުށަހަޅަމުން ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށާއި އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމަށާއި ޕާޓީން މެމްބަރުން ވަކިކުރުމުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި އަމަލުކުރަމުންދާ ކަމަށެވެ.
ޝަފީގު ވިދާޅުވެފައިވަނީ، އެގޮތަށް އަމަލުކުރުމަކީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން ރައްޔިތުންނަށް ލިބިދީފައިވާ "ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު"ގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އެފަދަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި އަދި އެ ފަރާތްތަކުގެ އިހްތިޔާރު ނަގާލެވޭ ކަމަށް ޝަފީގު ވިދާޅުވެފައިވެއެވެ.
އިލެކްޝަން ކޮމިޝަން (އީސީީ) ގައި އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރަށް މައްސަލަތައް ގޯސްވަމުންދާ ކަމަށް ޝަފީގު ވިދާޅުވެފައިވެއެވެ. އެކަމުގެ ސަބަބުން ރައްޔިތުން ސިޔާސީ ޕާޓީގެ ނިޒާމަށް ތާއިދުކުރަން ޖެހިލުންވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ މައްސަލައަށް ބަހުސްކުރެއްވި މެމްބަރުން ވިދާޅުވެފައިވަނީ، މީހުންނަށް ނޭނގި އެމީހުންގެ ނަން ޕާޓީތަކުގައި ހިމަނަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮތް ގޮތުން މެމްބަރުންގެ އަދަދަށް ބަލައިގެން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރާތީ މެމްބަރުންގެ އަދަދު އިތުރުކުރުމަށް ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވަނީ އިސްލާހު ހުށަހަޅައިފައެވެ. އެ އިސްލާހު ހުށަހަޅައިފައިވަނީ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމުއެވެ. އުޝާމަކީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރެކެވެ.
އީސީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މީޑިއާ އިވެންޓެއްގައި އެ މުއައްސަސާގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވަނީ، ޕާޓީތަކުން ވަގު ފޯމު ހުށަހެޅުން ހުއްޓުވުމަށް ކުރެވެން އޮތް އެންމެ މުހިންމު އެއް ކަމަކީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ މެމްބަރުންގެ އަދަދަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އިންތިހާބުތަކުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދޫކުރުން ކަމަށެވެ. ނޫނީ އެއްކޮށް ޕާޓީތަކަށް ފައިސާ ދިނުން ހުއްޓައިލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން އީސީން ވަނީ ނިންމައިފައެވެ. ޕާޓީން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާވެސް ޖޫރިމަނާ ކުރާނެއެވެ. އެގޮތުން، ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000 ރުފިޔާ އިން އަދި އޭގެ ފަހުން 10،000 ރުފިޔާ އިން ޖޫރިމަނާކުރަން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު