ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މުވައްޒަފުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އެސްޖީ ޑރ. މަރްޔަމް ޝަހްނީޒާ ނަސީރުއާ ގުޅޭގޮތުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ނަސީހުއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސީއެސްސީގެ މެމްބަރުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ސީއެސްސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދުއެވެ. އެހުށަހެޅުމަށް ތާއިދުކުރައްވާފައި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. އެއާއެކު ނެގި ވޯޓުން ސީއެސްސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަން ފެންނަ ކަމަށް ނިންމީ އަޣުލަބިއްޔަތުންނެވެ.

ސީއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމީ އަންނަ ހަފުތާގެ ތެރޭގައެވެ.

ސީއެސްސީގެ އެސްޖީ ޝަހްނީޒާގެ މައްސަލަތަކެއް ފާހަގަކޮށް އެ ކޮމިޝަންގެ ރައީސަށް މުވައްޒަފުން ސިޓީ ފޮނުވާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

އެ ސިޓީގައި ސީއެސްސީގެ މުވައްޒަފުން ބުނެފައިވަނީ ކޮމިޝަންގެ އިދާރީ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން އަދި ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ ދެމެދުގައިވާ ފާލަން ނުވަތަ ލިއެއިޒޮންގެ ހައިސިއްޔަތުން ޝަހްނީޒާ ކިބައިން މުވައްޒަފުން ދެކެން ބޭނުންވާ ލީޑާޝިޕް އަދި ހިންގުމުގެ ހުނަރު އެއްވެސް ވަރަކަށް އޭނާގެ ކިބައިން ނުފެންނަ ކަމަށެވެ.

އެގޮތުން ބައްދަލުވުންތަކުގައި ޝަހްނީޒާ ކުރިމަތީގައި ކޮމިޝަންގެ ނުފޫޒުގަދަ މެމްބަރުން މުވައްޒަފުންނާ މުހާތަބުކުރަން އެކަށީގެންނުވާ ފަދަ ހުތުރު ބަހުރުވައިން ކޮމިޝަންގެ އެތައް މުވައްޒަފުންނަށް ބުލީކޮށް ހަދާ ކަމަށާއި ނަމަވެސް ޝަހްނީޒާ ދުވަހަކުވެސް އެކަން ހުއްޓުވާފައިނުވާ ކަމަށެވެ. އަދި މުވައްޒަފުންގެ ދިފާއުގައި ވެސް ވާހަކަ ދައްކަވާފައިނުވާ ކަމަށެވެ.

ޝަހްނީޒާ އާއި ކޮމިޝަންގެ މުވައްޒަފުންނާ ދެމެދު އެއްވެސް ގުޅުމެއް ނޯންނަ ކަމަށާއި ހެނދުނު އޮފީހަށް އަންނަ ގޮތަށް އޮފީސް ނިމެންދެން ޝަހްނީޒާ ހުންނަނީ ޑެއިލީ ބްރީފިން ބައްދަލުވުމުގެ ނަމުގައި ވިލު ރޫމް ތެރޭގައި ފިލައިގެން މެމްބަރުންނާއެކު ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

އެސްޖީ ލެވެލްގައި ނިންމަން ހުންނަ ކަންތައްތަކުގައި ގޮތެއް ނިންމަން ޝަހްނީޒާއަށް ނުކެރުމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވާ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

ކޮމިޝަންގެ އެތެރޭގެ ހާލަތު އިތުރަށް ގޯހުން ގޯހަށް ނުދަނީސް ޝަހްނީޒާގެ މައްސަލައިގައި އަވަސް ހައްލެއް ހޯދައިދިނުމަށް ސިޓީގައި ވަނީ އެދިފައެވެ.