ގަތަރު ވޯލްޑް ކަޕްގެ އިންޓަކޮންޓިނެންޓަލް ޕްލޭ އޮފްގެ ދެވަނަ މެޗުގައި ނިއުޒިލޭންޑްގެ މައްޗަށް ކުރި ހޯދައި، މިފަހަރު ވޯލްޑް ކަޕުގެ ފަހު ޖާގަ ކޮސްޓަ ރީކާއިން ހޯދައިފިއެވެ.
ވޯލްޑް ކަޕުގެ ފަހު ދެ ޖާގައަށް އިންޓަކޮންޓިނެންޓަލް ޕްލޭ އޮފް ދެ މެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި އޮސްޓްރޭލިއާއިން ވަނީ ޕެރޫ ބަލިކޮށްފައެވެ. އެ ދެ މެޗުވެސް ކުޅެފައި ވަނީ ގަތަރުގެ އައް ރައްޔާނުގެ ވޯލްޑް ކަޕު ސްޓޭޑިއެއް ކަމަށްވާ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައެވެ. އެއާ ކޮންޑިޝަން ކޮށްފައިވާ އެ ސްޓޭޑިއަމްގައި ރޭ ކޮސްޓަ ރީކާއިން އޯޝެނިއާގެ އެއްވަނަ ޓީމު ނިއުޒީލެންޑް ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ކޮސްޓަ ރީކާ ދިޔައީ ކޮންކަކަފްގެ ކޮލިފިކޭޝަން ހަތަރުވަނަ ޓީމުގެ ގޮތުގައެވެ. ދުނިޔޭގެ ރޭންކިންގެ 31 ވަނައިގައި އޮތް ކޮސްޓަ ރީކާ ރޭ ނުކުތީ ދުނިޔޭގެ ރޭންކިން 101 ވަނައިގައި އޮތް ނިއުޒިލެންޑާ ދެކޮޅަށެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކޮސްޓަ ރީކާއިން ލީޑު ނެގިއެވެ. އެ ގޯލު ކޮސްޓަ ރީކާއަށް ޖަހައިދިނީ ކުރިން އާސެނަލްއަށް ކުޅުނު ފޯވަޑް، ޖޯލް ކޭމްބެލްއެވެ.
އެ ގޯލަށްފަހުވެސް ދެ ޓީމަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވިއެވެ. ނިއުޒިލެންޑްގެ އެލެކްސް ގްރީވޭއާއި މެތިއު ގާބެޓް އަދި ނިއުކާސަލްގެ ފޯވަޑް ކްރިސް ވުޑަށް ލިބުނު ފުރުސަތުތައް އެ ޓީމުން ނަގާލި އިރު، ވުޑް ޖެހި ބޯޅައެއް ކޮސްޓަ ރީކާގެ ގޯލްކީޕަރު ކޭލޯ ނަވާސް ކައިރިން ބީޓްވެ ގޯލަށްވެސް ވަނެއެވެ.
ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި ނިއުޒީލެންޑްގެ ގާބެޓް، ކޮސްޓަ ރީކާގެ އޮސްކާ ޑުއާޓޭއަށް ފައުލް ކުރި ކަމަށެވެ.
ރޭގެ މެޗުގައި ނިއުޒީލެންޑްގެ ކޮސްޓާ ބާބަރޯސެސްއަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ. އޭނާގެ ރަތް ކާޑު ފެނިގެން ދިޔައީ މެޗުގެ 69 ވަނަ މިނެޓުގައެވެ.
މިއަހަރުގެ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު ގަތަރުގެ ވޯލްޑް ކަޕު ފަށަން ތައްޔާރުވެފައިވާ އިރު، ކޮސްޓަ ރީކާ ފުރަތަމަ މެޗުގައި ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. އެއީ ނޮވެންބަރު 23 ވަނަ ދުވަހުއެވެ. ކޮސްޓަ ރީކާ ހިމެނޭ ގްރޫޕު އީގައި ހިމެނެނީ ޖަރުމަނާއި ސްޕެއިންގެ އިތުރުން ޖަޕާނެވެ.
ކޮސްޓަ ރީކާއިން އެގައުމުގެ ތާރީހުގައި ހަވަނަ ވޯލްޑް ކަޕަށް ނުކުންނަ އިރު، މިއީ ޖެހިޖެހިގެން އެ ޓީމުން ވޯލްޑް ކަޕަށް ނުކުންނަ ތިންވަނަ ފަހަރެވެ. ކޮސްޓަ ރީކާއިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާދަޔާ ހިލާފު ފޯމެއް ދައްކައި، ކުއާޓާ ފައިނަލަށް ގޮސްފައެވެ. އުރުގުއޭއާއި އިޓަލީ އަދި އިންގްލެންޑް އޮތް ގުރޫޕުގެ އެއްވަނަ ހޯދައި، ގަދަ 16 އަށް ގޮސް ކޮސްޓަ ރީކާއިން ވަނި އެފަހަރު ގްރީސް ބަލިކޮށްފައެވެ.
ނަމަވެސް ކުއާޓާއިން މުބާރާތާ ވަކިވީ ނެދަލޭންޑްސް ކައިރީ ޕެނަލްޓީ ޖަހައިގެންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022