ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕާ ހިލާފަށް ވޯޓު ދެއްވި އެޕާޓީގެ ފަސް މެމްބަރުންނަށް ފިޔަވަޅު އަޅައިފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު "ވަން" އަށް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ ދަށުން ވިޕް ލައިނާ ހިލާފުވި މެމްބަރުންނަށް މިއަދު ފިޔަވަޅު އަޅުއްވައިފައިވާ ކަމަށެވެ.
ވިޕް ލައިނާ ހިލާފުވެގެން ފިޔަވަޅު އަޅުއްވާފައިވަނީ، ތިނަދޫ ދެކުނު އަބްދުﷲ ސަނީފް، ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދު، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް، އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އަށެވެ.
އަސްލަމް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްގެން ކަމަށް ވިޔަސް ވިޕް ލައިންއާ އެއްގޮތަށް މެމްބަރުން އަމަލުކުރުމަށް ބާރުއަޅުއްވާނެ ކަމަށެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ވިޕް ލައިނާ ފުރަތަމަ ހިލާފުވުމުން ނަސޭހަތް ދޭންވާނެއެވެ. ދެ ވަނަ ފަހަރަށް ހިލާފުވުމުން ނަސޭހަތްދީ، މާފަށް އެދެން އެންގާނެއެވެ. ތިން ވަނަ ފަހަރަށް ހިލާފުވުމުން ޕާޓީން ދޭ ބައެއް އިނާޔަތްތައް ކަނޑައިލާނެއެވެ. ހަތަރު ވަނަ ފަހަރަށް ހިލާފުވުމުން، ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ މަގާމުން ވަކިކޮށް، އިންތިހާބެއްގައި ކުރިމަތިލުން އެއް އަހަރު ދުވަހަށް މަނާކުރާނެއެވެ. ފަސް ވަނަ ފަހަރަށް ހިލާފުވުމުން، ޕާޓީން ވަކިކުރާނެއެވެ.
ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވާފައިވާ އިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމު ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ތްރީލައިން ވިޕާ ހިލާފަށް ވޯޓު ދެއްވާނެ ކަމަށް އިއްޔެ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވެފައިވަނީ ވިޕް ލައިނާ ހިލާފަށް އެމަނިކުފާނު ވޯޓު ދެއްވިޔަސް ޕާޓީން ވަކިނުކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެމްޑީޕީގެ 19 މެމްބަރަކު ވަނީ ޝަމީމު ވަކިކުރުމުގެ ބޭނުމުގައި ނެރެން އުޅޭ ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވާނެ ކަމަށް ހާމަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު