ޚަބަރު

ނޯޓިސް ދީފައިވާ ޕާޓީތަކުން މެމްބަރުންގެ އަދަދު ހަމަކުރަން ފޯމު ހުށަހަޅައިފި

މުހައްމަދު އިޝާން

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން 3،000 މެމްބަރުން ހަމަނުވާތީ އުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނޯޓިސް ފޮނުވި ޕާޓީތަކުން އީސީއަށް މެމްބަރުން އިތުރުކުރަން ފޯމު ހުށަހަޅައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 3،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް މިމަހު 14 އިން ފެށިގެން އުވާލަން އީސީން ނިންމައި އެކަމުގެ ނޯޓިސް ފޮނުވާފައިވަނީ، ޑީއާރްޕީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފަހުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)ގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އެވެ.

ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން އިތުރުކޮށް ފޯމު ހުށަހަޅަން އީސީން އެޕާޓީތަކަށް ދިން މުއްދަތު މިރޭ 10:00 ވަނީ ހަމަވެފައެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު "ވަން" އަށް ވިދާޅުވީ، ނޯޓިސް ފޮނުވި ހުރިހާ ޕާޓީތަކުން މެމްބަރުން ހަމަކުރަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ދެން ކުރިއަށް ގެންދަނީ އެފޯމުތައް ޗެކްކުރުމުގެ މަސައްކަތް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

"ޕާޓީތަކުން ހުށަހެޅި ފޯމުތައް ޗެކްކުރާނީ ޕާޓީތަކުން ނިންމާ ބަޔަކަށް ފެންނަ ގޮތަށް، ހާމަކޮށް، ފޯމުތައް ޗެކް ކުރުމަށްފަހު އަޅުގަނޑުމުން ނިންމާނީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވޭތޯ" ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ ޑީއާރްޕީން މެމްބަރުން ހަމަކުރަން 700 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފައިވާ ކަމަށާއި އެމްޓީޑީން ވެސް 3،000 މެމްބަރުން ހަމަކުރަން މިއަދު އީސީއަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ޕާޓީ އުވާލަނެ ކަމަށް ބުނެ އީސީން ނޯޓިސް ފޮނުވި ޕާޓީތަކުގެ ތެރެއިން އެމްއާރްއެމުން ވަނީ މިދިޔަ އާދިއްތަ ދުވަހު 3،000 މެމްބަރުން ހަމަކޮށްފައެވެ. އަދި އެޕާޓީ އުވާ ނުލަން އީސީން ވަނީ ނިންމައިފައެވެ.