މިނިސްޓަރުންގެ ކާރުކޮޅުގައި "އިންޑިއާ އައުޓް" ޖެހި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 30 އަހަރުގެ އެ މީހާއަކީ ތ. ގުރައިދޫ، ޗަބޭލީގެ، (މިހާރު އުޅޭ އެޑްރެސް ކ. މާލެ، މ. ރުތު) ހުސެއިން ރިޝްފާޒްއެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން މިއަދު ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށެވެ. އަދި އޭނާއަށް ތުހުމަތުކުރާ ކުށުގެ ހެކީގެ ގޮތުގައި ހެކިންގެ ހެކި ބަހާއި ސީސީޓީވީ ފުޓޭޖުގެ ސްނެޓް ޝޮޓްތަކާއި މައްސަލައިގެ ހެކިވެރިން ތުހުމަތުކުރެވޭ ފަރާތް ފާހަގަކޮށް ދީފައިވާ ބަޔާން ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިޝްފާޒް ދިފާއުގައި ބުނީ، އޭނާ ތުހުމަތުކުރެވޭ މައްސަލައިގައި ކުރިއަށް ދިއުމަށް ގާނޫނީ ވަކީލަކު ބޭނުންވާ ކަމަށެވެ.

ފުލުހުން ރިޝްފާޒްއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފައިވާތީ ގާޒީ އާދަމް މުހައްމަދު އަމުރުކުރެއްވީ ރިޝްފާޒް ބަންދަށް ފަސް ދުވަސް ޖެހުމަށެވެ.

އެގޮތަށް އަމުރުކުރީ ފުލުހުން ހުށަހެޅި ހެކިތަކުން ތުހުމަތުކުރެވޭ ކުށް ރިޝްފާޒް ކުރިކަމަށް ކޮންމެވެސް ވަރަކަށް ގަބޫލުކުރެވޭތީ އާއި އޭނާއަކީ ކުށުގެ ރިކޯޑު ގިނަ ފަރާތަކަށް ވާތީއެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއެވެ.

ވެލާނާގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި ވަނިކޮށް ތިން މިނިސްޓަރެއްގެ ކާރުކޮޅަށް ވަނީ "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފައެވެ. "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފައިވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ކާރުކޮޅުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީ އޮންނަ ޕާކިން ޒޯންގައި ބާއްވާފައި އޮތް ކާރަކަށް ވެސް "އިންޑިއާ އައުޓް" ސްޕްރޭކޮށްފައިވެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެކޮޅު ކެނެރީގެ ފާރަށްވެސް ވަނީ "އިންޑިއާ އައުޓް" ސްޕްރޭކޮށްފައެވެ، އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ވަނީ މާލޭގެ މަގުތަކުގައާއި ފާރުތަކުގައި "އިންޑިއާ އައުޓް" ސްޕްރޭކޮށްފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅާއި މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ ހުންނަ މ. ކުނޫޒުގެ ފާރުގައިވެސް ވަނީ "އިންޑިއާ އައުޓް" ސްޕެރޭކޮށްފައެވެ.

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ. އެ ގަރާރުގައިވާ ގޮތުން އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އެހެންވެ އެ ކެމްޕޭން ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގަރާރުގައި ވަނީ އަންގަވައިފައެވެ.

އެ ގަރާރުގެ ދަށުން ފުލުހުން ވަނީ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާއެއް ނަގައިފައެވެ. އަދި އެ ޝިއާރުގެ ދަށުން ކުރާ މުޒާހަރާތައް ރޫޅާލައި ބައެއް މީހުން ދަނީ ހައްޔަރުވެސް ކުރަމުންނެވެ.