ޚަބަރު

ދަރަނި ރީސްޓްރަކްޗާ ކުރަން ގޮވާލައި އިލިޔާސް ލަބީބު ހުށަހަޅަން އުޅުނު ގަރާރު ބޭރުކޮށްލައިފި

ދުނިޔޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދައުލަތުގެ ދަރަނި ރީސްޓްރަކްޗާކުރުމަށް ބޭނުންވާ ކަންކަން ތަރުތީބު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހަޅަން އުޅުނު ގަރާރު އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭރުކޮށްލައިފިއެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުމަށްޓަކައި ޕީޖީ ގުރޫޕަަށް ފޮނުވުމުން ގިނަ މެންބަރުން ވޯޓު ދެއްވީ އެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް ތާއީދު ނުކުރާ ކަމަށެވެ.

އިއްޔެ އޮތް ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި އެ ގަރާރު ބޭރުކޮށްލި މައްސަލައިގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވަނީ ހިތްހަމަޖެހިވަޑައި ނުގެންފައެވެ. އެހެންކަމުން އެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވަޓްސައެޕް ގުރޫޕުގައި ނުރުހުން ފާޅުކުރައްވައި އެ ގަރާރު ބޭރުކޮށްލަން ވޯޓު ދެއްވި މެންބަރުންނަށް ރައީސް ނަޝީދު ރައްދު ދެއްވާފައިވާ ކަމަށް ނަން ނުޖެހުމަށް އެދިވަޑައިގެން "ވަން" އަށް މައުލޫމާތު ދެއްވި ޕީޖީ ގުރޫޕުގެ މެންބަރަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ގަރާރު ބޭރުކޮށްލަން ވޯޓު ދެއްވި މެންބަރުން ވިދާޅުވަމުން ގެންދެވީ ރާއްޖޭ އަދި އެ ހާލަތަށް ނުދާ ވާހަކަ ކަމަށެެވެ.

ދައުލަތުގެ ދަރަނި ރީސްޓްރަކްޗާކުރުމަށް މަޖިލިސް ރައީސް ނަޝީދުވެސް ވަނީ އެކި ފަހަރުމަތިން ގޮވާލައްވައިފައެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވަނީ، ރާއްޖެ އަދި އެ ހާލަތަށް ނުދާ ކަމަށާއި ދައުލަތުގައި ފައިސާ އެބަހުރި ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދަރަނި ރީސްޓްރަކްޗާކޮށްފި ނަމަ ބޮޑެތި މައްސަލަތަކެއް ދިމާވެދާނެ ކަމަށްވެސް ވިދާޅުވިއެވެ.