ދެހާސް ފަނަރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެޑް ފްލާވާސްގޭ، ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ޖައިލަމުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ، އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.
ޖައިލަމް މަރާލިތާ ހަތް އަހަރު ފަހުން، އެ މީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ދިހަ ވަނަ ދުވަހުއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އެ މައްސަލަ ދައުލަތުގެ ފަރާތުން އިއްޔެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުނާފު ކުރީ މުހައްމަދު ހުމައިދުގެ ބައި ނުލައެވެ. އެއީ އިސްތިއުނާފު ކުރެވޭ ވަރަށް އޭނާގެ މައްޗަށް ހެކި ނެތުމުން ކަމަށް ވިދާޅުވިއެވެ.
ޖައިލަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ހަތަރު މީހުން ދައުވާއިން ސަލާމަތްވީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނުނެގުމާއި ގިނަ ކިތާބީ ހެކި ހޯދާފައިވާ ގޮތާއި އަދި ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުންނެވެ.
މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ފަރާތުން 16 ހެކިވެރިން ހުށަހެޅި ނަމަވެސް 11 ހެކިވެރިޔަކު ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. ހެކިވެރިން ކޯޓަށް ހާޒިރުކުރުމަށް ދައުލަތަށް ފުރުސަތު ދިން ނަމަވެސް ހެކިވެރިން ހާޒިރު ކުރެވިފައި ނުވާކަމަށް ހުކުމްގައި ބުންޏެވެ.
ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ކްރައިމް ސީން ރިޕޯޓުގައި ހުރި ފިންގާޕްރިންޓު ތަކަކީ ދައުވާ ލިބޭ މީހުންގެ ފިންގާޕްރިންޓު ނޫންކަން ފިންގާޕްރިންޓް އެނަލިސިސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ބުންޏެވެ. އަދި ދައުވާ ލިބޭ މީހުންނާ ގުޅުވާލެވޭ އެއްވެސް ފޮރެންސިކް ހެއްކެއް ދައުލަތުން ކްރައިމް ސީނުން ލިބިފައިނުވާ ކަމަށެވެ.
އޭގެ އިތުރުން ދައުވާ ލިބޭ މީހުން ފެންނަ ކަމަށް ބުނާ ވީޑިއޯ ފުޓޭޖުތަކެއް ހެކީގެ ގޮތުގައި ހުށަހެޅިޔަސް، އޭގެ ޗެއިން އޮފް ކަސްޓަޑީ ނެތުމުން، އެއީ ބާތިލު ހެކިތަކެއް ކަމަށް ހުކުމުގައި ބުންޏެވެ. ޗެއިން އޮފް ކަސްޓަޑީ ނެތުމުގެ ސަބަބުން އެއީ ކޮންތަނަކުން ކިހިނެއް އަދި ފުލުހުންގެ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއަށް އެ ފުޓޭޖުތައް ދިޔަގޮތް ސާފުނުވާ ކަމަށް ހުކުމުގައިވެއެވެ.
ވީޑިއޯތަކުގެ ޗެއިން އޮފް ކަސްޓަޑީ އޮތް ނަމަވެސް، އެ ވީޑިއޯގެ އެނަލިސިސް ރިޕޯޓުގައި އޭގެން ފެންނަނީ ކޮންބައެއްކަން ސާފުނުވާ ކަމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން އެއީ ދައުވާ ލިބޭ މީހުން ކަމަށް ބަލައިގެން ނުވާނެ ކަމަށް ހުކުމުގައި ބުންޏެވެ.
ދައުލަތުގެ ފަރާތުން ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅިޔަސް އެއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ރިޕޯޓެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ.
ޖައިލަމް މަރާލި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ޖައިލަމަށް ހަމަލާ ދީފައި ވަނީ ހުމައިދު އަދި އަނީގު ކަމަށެވެ. ނަސީމާއި އިރުފާނަކީ އެމީހުން ޖައިލަމް ކައިރިއަށް ގެންގޮސް އަދި ހަމަލާއަށްފަހު އެ ދެ މީހުން ފިލުވި ދެ މީހުން ކަމަށެވެ. ޖައިލަމްގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ.
ޚަބަރު
ޚަބަރު