ގަތަރު ވޯލްޑް ކަޕްގެ އިންޓަކޮންޓިނެންޓަލް ޕްލޭ އޮފްގައި ޕެރޫގެ މައްޗަށް ކުރި ހޯދައި އޮސްޓްރޭލިއާ އިން ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.
ދެ ބައްރުގެ ގައުމުތަކުގެ މެދުގައި ކުޅޭ ކޮލިފިކޭޝަން ޕްލޭ އޮފް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ރޭ އޮސްޓްރޭލިއާ އިން ކާމިޔާބު ކުރީ ޕެނަލްޓީން މޮޅުވެގެންނެވެ. ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމްއެއް ކަމަށްވާ އަހުމަދު ބިން އަލީ އައް ރައްޔާން ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ ޕްލޭ އޮފް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރުވެސް ނަތީޖާ އޮތީ 0-0 އިން އެއްވަރުވެފައެވެ.
މެޗުގެ ނަތީޖާ ޕެނަލްޓީ ޖަހައިގެން ނެރުނު އިރު، އޮސްޓްރޭލިއާއިން މެޗު ކާމިޔާބުކުރީ 5-4ގެ ނަތީޖާއަކުންނެވެ. ހަމަހަމަކޮށް ގޮސް ޕެރޫއިން ޖެހި ހަވަނަ ޕެނަލްޓީ މަތަކުރީ ސީދާ ޕެނަލްޓީއަށް މެޗަށް ނުކުތް އޮސްޓްރޭލިއާގެ ގޯލްކީޕަރު އަންޑްރޫ ރެޑްމޭންއެވެ. އޭނާ ނުކުތީ މެޗުގައި އެއްކޮށް އޮސްޓްރޭލިއާގެ ގޯލު ބެލެހެއްޓި ރެއާލް ސޮސިއެދާދުގެ ގޯލްކީޕަރު މެތިއު ރަޔަންގެ ބަދަލުގައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އޮސްޓްރޭލިއާގެ ފުރަތަމަ ޕެނަލްޓީ މާޓިން ބޮއިލް އަތުން ނާކާމިޔާބުވި ނަމަވެސް، ނަތީޖާ ހަމަހަމަވީ ޕެރޫގެ ލުއިސް އަޑްވިންކޫލާއަށް ޕެނަލްޓީ ވައްދާނުލެވުމުންނެވެ. އޭނާ ޖެހި ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ.
އެ ނަތީޖާއާއެކު ގޮސް ފަސް ޕެނަލްޓީ ހަމަވެ، ދެން އޮސްޓްރޭލިއާ އިން ޖެހި ޕެނަލްޓީ އަވަރު މާބިލް ވެއްދި ނަމަވެސް އަނެއްކޮޅުން އެލެކްސް ވަލޭރީ ޖެހި ޕެނަލްޓީ އޮސްޓްރޭލިއާ ގޯލްކީޕަރު ރެޑްމޭން މަތަކުރިއެވެ. ވަލޭރީ މެޗަށް ނުކުތީ ނިމެން ހަތަރު ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ.
މެޗުގައި ޕެރޫން ޖެހި ކޮންމެ ޕެނަލްޓީއެއް މަތަކުރުމަށް މަސައްކަތް ކުރިއިރުވެސް ރެޑްމޭން ފެނުނީ އާޓު ބޮޑުކޮށެވެ. އެހެންކަމުން އޭނާއަށް މެޗުގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ރޭގެ މެޗަކީ އުމުރުން 33 އަހަރުގެ ރެޑްމޭން ގައުމީ ޖާޒީގައި ކުޅުނު ތިންވަނަ މެޗެވެ.
އޮސްޓްރޭލިއާ ވެފައިވަނީ މިފަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި 31 ވަނަ ޓީމަށެވެ. ދެން ބާކީ އެއް ޖާގަ އޮތް އިރު، އިންޓަކޮންޓިނެންޓަލް ޕްލޭ އޮފް އަނެއް މެޗުގައި މާދަމާ ރޭ ކޮސްޓަ ރީކާ ނުކުންނާނީ ނިއުޒިލެންޑާ ދެކޮޅަށެވެ. އޮސްޓްރޭލިއާ އިން ގަތަރު 2022 އަށް ކޮލިފައިވެފައިވާ އިރު، އެއީ އެ ޓީމުން ޖެހިޖެހިގެން ނުކުންނާނެ ފަސްވަނަ ވޯލްޑް ކަޕެވެ.
ގަތަރުގެ ވޯލްޑް ކަޕް ފިނި މޫސުމަށް ތާވަލު ކޮށްފައިވަނީ މި ދުވަސްކޮޅު ގަތަރު ހޫނު ކަމުންނެވެ. ރޭގެ ޕްލޭ އޮފް މެޗު ކުޅުނު ގަތަރުގެ އައް ރައްޔާން ސްޓޭޑިއަމްއަކީ އޭސީ ކޮށްފައިވާ ސްޓޭޑިއަމްއެކެވެ. ރޭގެ މެޗު ކުޅުނީ 30 ޑިގްރީ ސެލްސިއަސްގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022