ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވުމަށްފަހު ޕާޓީ ދޫކޮށް، އާ ސިޔާސީ ޕާޓީއެއް އުފައްދާ މީހުންނަށް 3،000 މެންބަރުން ހަމަވަނީ ކިރިޔާ ކަމަށާއި އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން އުޅުއްވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ، ރައްޔިތުން މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމު ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ތްރީލައިން ވިޕާ ހިލާފަށް ވޯޓު ދެއްވާ މެންބަރުން ޕާޓީން ވަކިނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ، ޝަމީމު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައި މަޖިލީހަށް ހުށަހަޅަން ފާސްކުރުމުންނެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ޝަމީމު މަގާމުން ވަކިކުރަން ދެކޮޅު ކަމަށެވެ.

ނަޝީދު ވަނީ ޝަމީމު މަގާމުން ވަކިކުރުމަށް އެމްޑީޕީން ނެރޭ ތްރީލައިން ވިޕާ ހިލާފަށް ވޯޓު ދެއްވަން ތައްޔާރަށް ތިއްބެވީ ކޮން މެންބަރުނެއްތޯ އައްސަވައިފައެވެ. އަދި ވިދާޅުވީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަހަރަކު ވިޕް ލައިނާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓް ކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ވިޕް ލައިނާ ހިލާފަށް ވޯޓު ދޭން އެމަނިކުފާނު ގޮވައިލައްވަން ޖެހިވަޑައިގަންނަވާ ސަބަބު އާންމު މެންބަރުންނަށް ސާފުވާނެ ކަމަށެވެ.

"އާންމު މެންބަރުންނަށް ސާފުވާނެ އަޅުގަނޑުމެން އެގޮތަށް ވޯޓުލާ ސަބަބު. އަޅުގަނޑު އުންމީދު ކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީން ވަކި ނުކުރާނެ ކަމަށް،" ނަޝީދުގެ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ރީކޯ މޫސޫ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދުގެ ތާއިދާއެކު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ބަލިކުރަން އޭނާ މަސައްކަތް ކުރެއްވި މަގުސަދު ހާސިލު ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ވިޕްލައިނާ ހިލާފުވިޔަސް ނަޝީދު ޕާޓީން ބޭރުކުރަން ދެކޮޅު ކަމަށެވެ.

"ވިޕްލައިނާ ހިލާފުވިޔަސް މިކަލޭގެ (ނަޝީދު) ޕާޓީން ބޭރުނުކުރާތި. ކޮންމެވެސް ކުރީގެ ރައީސުންނަށް 3،000 ހަމަވަނީ ވެސް ކިރިޔާ." ރީކޯ މޫސާ ވިދާޅުވިއެވެ.

ރީކޯ މޫސާ އިތުރަށް ވިދާޅުވީ، ނަޝީދު އުޅުއްވަނީ އެމްޑީޕީން ކަނޑައިނުލައިގެން އަދި އެހެން މީހެއްގެ ރަނިން މޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން ކަމަށެވެ.

"ޕާޓީން ކަނޑާނުލައިގެން އެހެންމީހެއްގެ ރަނިންމޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން އުޅުއްވާނެކަމެއް ނެތް. ރައީސްކަން ކޮށްފަ ޕާޓީދޫކޮށްފަ ދާ މީހާގެ ހާލަކީ 3،000 މެންބަރުން ވެސް ހަމަވަނީ މަރަށް ފުރާނަޔަށް ކިރިޔާ. ހަތެއް ފެބްރުއަރީ ކަހަލަ ޅަ އެއްޗެއް ނާޅާތި." ރީކޯ މޫސާ ވިދާޅުވިއެވެ.