ކަރުނައިގެ އަލްވަދާއެއް ކިޔައި، ރެއާލް މެޑްރިޑްގެ ބްރެޒިލް ޑިފެންޑަރު މާސެލޯ، ކްލަބު ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
މާސެލޯގެ އަލްވަދާއަށް ހާއްސަކޮށް ރެއާލްއިން އިއްޔެ ހާއްސަ އިވެންޓެއް ކުރިއަށް ގެންގޮސްފައިވާ އިރު، އޭނާ ކްލަބު ދޫކޮށް ދަނީ 15 އަހަރަށްފަހުއެވެ. އުމުރުން 34 އަހަރުގެ މާސެލޯ 25 ތަށި ރެއާލްއާއެކު ކާމިޔާބު ކޮށްފައިވާ އިރު، އޭނާއަކީ އެ ކްލަބަށް ކުޅުނު އެންމެ ކާމިޔާބު ކުޅުންތެރިޔާވެސް މެއެވެ. މާސެލޯ ރެއާލް ދޫކޮށް ދާނީ އެއްބަސްވުން ހަމަވުމާއެކު، ހިލޭ ޓްރާންސްފާއެއްގައެވެ.
އިއްޔެގެ އިވެންޓްގައި ވާހަކަ ދައްކަމުން މާސެލޯ ބުނީ އޭނާ އަދި ފުޓުބޯޅައިން ރިޓަޔާ ނުވާނެ ކަމަށާއި، ދެން ކުޅޭނެ ކްލަބެއް އަދި ނުވިސްނާ ކަމަށެވެ. ބެލެވޭ ގޮތުގައި މާސެލޯ އަންނަ ސީޒަނުގައި ފެންނާނީ އުފަން ގައުމު ބްރެޒިލުގެ ޓީމަކުންނެވެ.
"އަހަރެން މިއަދު އުފާވަނީ ލެގަސީއެއް ދޫކޮށް، ރެއާލް މެޑްރިޑުން ވަކިވެގެން ދެވޭތީ. ރެއާލް ދޫކޮށްލަން ނިންމީ ދެފަރާތް އެކުގައި ވާހަކަ ދައްކައިގެން. އަހަރެން އަބަދުވެސް ރެއާލްއަށް ލޯބި ދޭނަން. މި ކްލަބާ ވަކި މިވަނީ ހެޔޮހިތުން ރީތި ގޮތުގައި. އަހަރެން އަދިވެސް ފުޓުބޯޅައިން ފެންނާނެ." މާސެލޯ ބުންޏެވެ.
މާސެލޯ ބުނީ 545 މެޗަށްފަހު އަލްވަދާއު ކިޔުމަކީ އެންމެ އުނދަގޫ ކަންތައް ކަމަށާއި، ރެއާލްގެ ހުދު ޖާޒީ ލެވުމަކީ އޭނާގެ ހަޔާތުގައި އެންމެ ފަހުރުވެރިވާ ކަންތައް ކަމަށެވެ. މާސެލޯ ވަދާއީ މެސެޖު ދިން ވަގުތު އޯޑިއަންސްގައި ތިބި ކްލަބު ލެޖެންޑް ރައުލް ގޮންޒާލޭސް އާއި ކޯޗު ކާލޯ އެންސެލޯޓީވެސް ފެނުނީ ރޮއިފައި ތިބި މަންޒަރެވެ.
މާސެލޯ ވަނީ މިހާރުގެ ކޯޗުގެ އިތުރުން ކުރީގެ ކެޕްޓަން ރައުލްއަށްވެސް ޝުކުރު އަދާކޮށްފައެވެ.
ރެއާލްއާއެކު ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ހަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކުރި މާސެލޯ އަށް ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އެ ކްލަބުގެ ރަން މެމްބާޝިޕް ބެޖު ދީފައެވެ. ޕެރޭޒް ވިދާޅުވީ މާސެލޯއަކީ ކްލަބަށް އެންމެ ކާމިޔާބު ކުޅުންތެރިޔާގެ އިތުރުން ނަމޫނާ ކެޕްޓަނެއް ކަމަށެވެ. ކްލަބާއެކު މާސެލޯ ހުރިހާ ތަށްޓެއް ހޯދުމުގެ ޝަރަފު ހޯދީ ހިނިތުންވުމާއެކުގައި ކަމަށް ޕެރޭޒް ވިދާޅުވިއެވެ.
މާސެލޯ 2007 ވަނަ އަހަރު ރެއާލްއާ ގުޅުނީ ބްރެޒިލްގެ ފްލުމިނީސްއިންނެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް