ޚަބަރު

މެއި 6ގެ ހަމަލާ: ގާޒީ އާދަމަށް އިންޒާރުދިން މީހާ ޓެގް އަޅުވަން ގޮވާލައިފި

އިބްރާހިމް ޒަކީ

މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ކުރިއަށްގެންދާ ކުރިމިނަލް ކޯޓުގެ ތިން ގާޒީން ހިމެނޭ ބެންޗުގެ އިސް ގާޒީ އާދަމް މުހައްމަދު ބެޗުން ތަނާޒުލުވެވަޑައިގެންފައިވާތީ، ވީ އެންމެ އަވަކަމަށް އެ މައްސަލަ ބަލާނެ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ވިދިވިދިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލައި އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާޒީ އާދަމް މުހައްމަދު އެ މައްސަލައިން ތަނާޒުލްވެވަޑައިގަތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ގާޒީ ތަނާޒުލްވެވަޑައިގަތީ ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ މ. ކުދެހިގޭ އިސްހާގުގެ ދަރިއެއް މީގެ ކުރިން އިންޒާރު ދީފައިވާތީ ކަމުގައި ގާޒީ ވިދާޅުވެފައިވާއިރު، ގާޒީގެ ފަރާތްޕުޅުން އެޅުއްވި ފަޔަވަޅަކީ އިންސާފުން ޝަރީއަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަކަށް ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމަށެވެ. ނޫންނަމަ، މި ދަނޑިވަޅުގައި ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް، ތުހުމަތު ކުރެވޭ އިސްހާގުގެ ދަރި ނުވަތަ އެހެން ފަރާތަކުން ވެސް އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އަދި ގާޒީ ތަނާޒުލްވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ތުހުމަތުކުރެވޭ އިސްހާގުގެ ދަރި އަދިވެސް ދޫވެފައި، ސްޓެލްކޯގެ ވަޒީފާގައި ހުރުމަކީ ކުށްވެރިކުރާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"ވީމާ، މި ޕާޓީން އެދެނީ، ކްރިމިނަލް ކޯޓުން ވީހާވެސް އަވަހަކަށް މި މައްސަލަ ބަލާ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ވިދިވިދިގެން ގެންދިއުމަށެވެ. އަދި މި ބިރުދެއްކުމުގެ މައްސަލައަށް hަ މަހައްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ޕާޓީން އެދެނީ ތަންފީޒީ އިދާރާތަކުން މިކަން ސަމާލުކަމާއެކީ ބައްލަވައި، ދައުވާކުރަން ފޮނުވުމަށެވެ. ނުވަތަ މި އަމަލު ހިންގި ފަރާތް، ޓެގު އަޅުވައިގެން މޮނިޓަރ ކުރުމަށެވެ." އެމްޑީޕީން ބުނެފައިވެއެވެ.

މެއި ހައެއްގެ ހަމަލާގެ މައްސަލަ ބައްލަވާ ބެންޗުގައި ގާޒީ އާދަމް މުހައްމަދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހެވެ.

އިއްޔެގެ އަޑުއެހުމުގައި އޮތީ މެއި ހައެއްގެ ހަމަލާގެ ޝަރީއަތް ފެށުމެވެ. ނަމަވެސް އަޑުއެހުން ފައްޓަވަމުން ކަމެއް އިއުލާން ކުރައްވަން ބޭނުންވާކަން ފާހަގަކުރައްވައި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ، މެއި ހައެެއްގެ ހަމަލާއާ ގުޅިގެން ދައުވާކުރާ މ. ކުދެހިގެ، އިސްހާގުގެ ފަރާތުން މިއަދު ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ސިޓީގައި އިސްހާގުގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގެ ރިޔާސަތުން ތަނާޒުލްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެ ސީޓީގައި ފާހަގަ ކޮށްފައިވަނީ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ. އެއީ އެ މައްސަލަ ބެއްލެވީވެސް ގާޒީ އާދަމް މުހައްމަދެވެ. އެ މައްސަލައިގައި އިސްހާގު ނިސްބަތްވާ ކުދެހިގޭ ހަސަން ޝިފާޒަށްވެސް ދައުވާކުރިއެވެ. އެ މައްސަލަ ކުރިއަށް ދިޔައިރު އިސްހާގު ދަރިއަކު ވަނީ ގާޒީ އާދަމަށް އިންޒާރު ދީފައެވެ. އެއީ މައްސަލައިގައި ހިމެނޭ ޝިފާޒަކީ އޭނާއާ އާއިލީ ގުޅުން އޮތް މީހަކަށްވާތީއެވެ.

ގާޒީ ވިދާޅުވީ އެ ސިޓީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަކީ އެ ކޯޓަށް ސިޓީ ލިބުމުގެ ކުރިން ގާޒީއަށްވެސް އަދި އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ އެހެން އެއްވެސް ގާޒީއަކަށްވެސް ލިބިފައިވާ މައުލޫމާތެއް ނޫން ކަމަށެވެ. އެ ސިޓީ ކޯޓަށް ލިބުމާއެކު މައުލޫމާތު ސާފުކުރުމުން ގާޒީއަށް އިންޒާރު ދިން މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި އިސްހާގުގެ ދަރިއެއް ހިމެނޭކަން އެނގިވަޑައިގެންނެވި ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

"މީގެ އިތުރުން އެ މައްސަލައިގެ ދައުވާ މ. ކުދެހިގެ، ހަސަން ޝިފާޒަކީ އަޅުގަނޑަށް އިންޒާރު ދިން މައްސަލައިގައި ތުހުމަތު ކުރެވޭ އިސްހާގުގެ ދަރީގެ ބޮޑު ބޭބެ ކަމަށް މައުލޫމާތު ލިބިފައިވޭ،" ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލަ ބެލުމުން ތަނާޒުލުވުމަށް މިހިނދުން ފެށިގެން ނިންމެވީ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އެއަށްފަހު ގާޒީ ވަނީ މިއަދުގެ ޝަރީއަތް ނިންމަވާލައްވައިފައެވެ.