ޚަބަރު

ޝަމީމު މަގާމުން ވަކިކުރަން ނަޝީދު ދެކޮޅު، އެމަނިކުފާނާ އެކު 18 މެމްބަރުން

މުހައްމަދު އިޝާން

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމު ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމި ނިންމުމާ ދެކޮޅަށް ރައްޔިތުން މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުކުންނަވައިފިއެވެ.

ޝަމީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމަށް އެޖެންޑާ ކުރުމަށް އެ ގުރޫޕުގެ ބައެއް މެމްބަރުން މީގެ ކުރިންވެސް ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި އެހެނިހެން ކަންތައްތަކުގެ ގޮތުން އެ މައްސަލަ މެމްބަރަކު ހުށަހެޅުއްވި ނަމަވެސް އެޖެންޑާއެއް ނުކުރެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް އެފަހަރު ވިދާޅުވީ އެއީ މުހިންމު މައްސަލައަކަށް ވާތީ ދެން އޮންނަ ބައްދަލުވުމަކަށް ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ އެޖެންޑާ ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމައި އެ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ނުކުރެއްވީ ކަމަށެވެ.

ނަމަވެސް މިއަދު މެންދުރު 12:30ގައި ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ޝަމީމާމެދު އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންގެ ހިތްހަމަނުޖެހުން އިތުރުވެފައިވަނީ ނަޝީދު އަވަހާރަށްކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލަ ކުރިއަށްދާ ގޮތާއި ބޮޑެތި ޑުރަގް މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫވަމުންދާ މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައެވެ. މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރައްވަނީ އެ މައްސަލަތައް ކުރިއަށްދާލެއް ލަސްވުމާއި ބޮޑެތި ޑުރަގް މައްސަލަތަކުގައި ތުހުމަތުވާ މީހުން ފަސޭހައިން ޝަރުއީ ނިޒާމުން ދޫވެގެންދާ މައްސަލައިގައެވެ.

ޝަމީމު މަގާމުން ވަކިކުރުމަށްޓަކައި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފައިވަނިކޮށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ޝަމީމު މަގާމުން ވަކިކުރަން ދެކޮޅު ކަމަށެވެ.

ނަޝީދު ވަނީ ޝަމީމު މަގާމުން ވަކިކުރުމަށް އެމްޑީޕީން ނެރޭ ތްރީ ލައިން ވިޕާ ހިލާފަށް ވޯޓު ދެއްވަން ތައްޔާރަށް ތިއްބެވީ ކޮން މެމްބަރުނެއްތޯ އައްސަވައިފައެވެ. އަދި ވިދާޅުވީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓް ކޮށްދެއްވުން އެދޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ވިޕް ލައިނާ ހިލާފަށް ވޯޓު ދޭން އެމަނިކުފާނު ގޮވާލަން ޖެހިވަޑައިގަންނަވާ ސަބަބު އާންމު މެމްބަރުންނަށް ސާފުވާނެ ކަމަށެވެ.

"އާންމު މެންބަރުންނަށް ސާފުވާނެ އަޅުގަނޑުމެން އެގޮތަށް ވޯޓްލާ ސަބަބު. އަޅުގަނޑު އުންމީދު ކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީ ވަކި ނުކުރާނެ ކަމަށް،" ނަޝީދުގެ ވިދާޅުވިއެވެ.

ނަޝީދު އެދުނު ގޮތައް ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވާނެ ކަމަށް 18 މެމްބަރަކު ވަނީ ހާމަކުރައްވައިފައެވެ.

އެ މެމްބަރުންގެ ތެރޭގައި އެންމެ ފުރަތަމަ ނަން ނޯޓް ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ޝަމީމު އާއި ހަސަން ލަތީފު މަސައްކަތް ކުރައްވަމުން ގެންދިޔައީ އެއް ލޯފާމެއްގައެވެ. އެ ލޯފާމުގެ ހިއްސާދާރުންނަކީ ޝަމީމު އާއި ހަސަން ލަތީފުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

ހަސަން ލަތީފުގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވެސް ވަނީ ނަޝީދު އެދުނު ގޮތައް ވޯޓު ދެއްވާނެކަން ހާމަކުރައްވައިފައެވެ.

މީގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހިމެނެއެވެ.

އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުގެ އިތުރުން މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނާއި ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއިލް ނަސީމް އަދި ކަނޑިތީމް ދާއިރާ މެންބަރު މުހައްމަދު ޝަހީމް ވެސް ވަނީ ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވާނެކަން ހާމަކުރައްވައިފައެވެ.