ޚަބަރު

ހިސާން، އިސް ގާޒީ ޝަކީލާ ބައްދަލުކުރެއްވި ވާހަކައަކީ ދޮގެއް: ރައީސް ނަޝީދު

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްއާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހިސާންގެ އިތުރުން އެ ކޮމިޝަންގެ މެމްބަރު އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދަންވަރުގެ ވަގުތެއްގައި އިސް ގާޒީ ޝަކީލާ، ޖޭއެސްސީގައި ބައްދަލުކުރެއްވި ކަމަށް ބުނެ މީޑިއާއަކުން ވަނީ ޓުވީޓުކޮށްފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރޭގަނޑު ދަންވަރު ޖިނާއީ ކޯޓުގެ ފަނޑިޔާރަކާ ބައްދަލުކުރުމުގެ ފުރުސަތު އެއްވެސްތާކުން ދެއްވާފައިނުވާ ކަމަށް ހިސާން ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އެ ބާވަތުގެ ހަގީގަތެއް ނެތް ވާހަކަ ފަތުރަމުން ގެންދިއުމަކީ އެއްވެސް ފަރާތަކަށް އޮތް މަސްލަހަތެއް ނޫން ކަމަށް ވިދާޅުވިއެވެ.

އިސް ގާޒީ ޝަކީލާ ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަ ޖޭއެސްސީންވެސް ވަނީ ދޮގުކޮށްފައެވެ.