ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ފޭސް ދޭއްގައި އަޅާ ސޯޝަލް ހައުންސިލް ފްލެޓުތަކުގެ ޕައިލިން މަސައްކަތް ފަށައިފިއެވެ.

އެފްޑީސީން މިއަދުކުރި ޓުވީޓެއްގައި ބުނީ، ފުލެޓުތަކުގެ ޕައިލިން މަސައްކަތް ފަށައިފައިވަނީ މިއަދު ކަމަށެވެ.

އެ 4000 ހައުސިން ޔުނިޓަކީ މި ސަރުކާރުން ކުރިއަށް ގެންދާ ފުރަތަމަ ސޯޝަލް ހައުސިން ޕްރޮޖެކްޓެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީީސީ)އާއި ޖޭއެމްސީ ޕްރޮޖެކްޓްސް އާ އެވެ. ޑިޒައިންކޮށް, ފައިނޭންސް ކޮށް, އިމާރާތްކުރާ ގޮތަށް އެއިން ކޮންމެ ކުންފުންޏަކުން 2000 ހައުސިން ޔުނިޓު އިމާރާތް ކުރާނެއެވެ.

  • 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ޔުނިޓު
  • 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ޔުނިޓު
  • ޕްރޮޖެކްޓަށް 267 މިލިއަން އެމެރިކާ ޑޮލަރު (4 ބިލިއަން ރުފިޔާ) ހަރަދުވޭ
  • ފައިނޭންސް ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން މި ސަރުކާރުން އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަންނުން މީގެ ކުރިން ބުނީ 4000 ހައުސިން ޔުނިޓުގެ ދަށުން 18 ބުރީގެ 32 ޓަވަރު ހަދާއިރު, ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނާނެ ކަމަށެވެ.

ކޮންމެ ޓަވަރެއްގައި އަށް ރެސިޑެންޝަލް ޔުނިޓު ހުންނައިރު، އެންމެ ތިރީ ބުރީގައިވެސް ފިހާރަތަކާއެކު ޕާކިންއަށް ޖާގަ ހަދައި, އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައިވެސް ޕާކިން ހަދާނެއެވެ. މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި އަށް ރެޒިޑެންޝިއަލް ޔުނިޓް ވެސް ހުންނާނެއެވެ.

އެ ސޯޝަލް ހައުސިން މަޝްރޫއަކީ އެގްޒިމް ބޭންކުން 34 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ސޯޝަލް ހައުސިންތަކައް ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނީ 2019 އަހަރުގެ ނޮވެމްބަރު މަހުއެވެ.

ސަރުކާރުން ހަދާފައިވާ އާ ހައުސިން ސްކީމުގެ ދަށުން އާއިލާތައް ގިންތިކޮށްފައި ވަނީ ހަތަރު ބަޔަކަށެވެ.

އޭގެ ތެރެއިން ތަނަވަސްކަން ކުޑަ އާއިލާތަކަކީ މަހަކު 16,000 ރުފިޔާ އާއި 32,000 ރުފިޔާއާ ދެމެދު ލިބޭ އާއިލާތަކެވެ. އެމީހުންނަށް ދޫކުރާ ހައުސިން ޔުނިޓުތަކަކީ 20 އަހަރުން ނުވަތަ 25 އަހަރު ވަންދެން, މަހުން މަހަށް ފައިސާ ދައްކައިގެން މިލްކު ވާ ގޮތަށް ދޫކުރާ ތަންތަނެވެ. އެތަންތަނަށް ދައްކަން ޖެހޭނީ 6400 އާއި 12,800 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

ފަގީރު އާއިލާތަކަކީ މަހަކު 16,000 ރުފިޔާއަށްވުރެ މަދުން ލިބޭ އާއިލާތަކެވެ. އެއީ މަހުން މަހަށް ކުލި ދައްކައިގެންވެސް ތަން މިލްކު ކުރެވޭނެވަރުގެ ގާބިލުކަން ނެތުމުން, މަހުން މަހަށް ކުލި ދައްކައިގެން އުޅެވޭނެ ތަންތަނެވެ. އެތަނަށް މަހަކު ދައްކަން ޖެހޭނީ 6400 އަށްވުރެ ދަށް އަދަދެކެވެ.