ގައުމީ ފެރީ ނިޒާމް (އާރްޓީއެލް)ގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމީ ފެރީ ނިޒާމް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ރަސްމީކޮށް ފަށައި މިއަދު ވަނީ ދަތުރުތައް ފަށައިފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން (އެމްޓީސީސީ)އާ ހަވާލުކޮށްގެން ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ދަތުރުތަކުގެ ތެރެއިން މިއަދު ފަށާފައިވަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގެ ދަތުރުތަކެވެ.

އެކަމާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ނިޒާމާއެކު އިޖުތިމާއީ އަދި އިގުތިސޯދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިގުތިސޯދު، ގައުމީ އިގުތިސޯދާ ލާމެހި ތަނަވަސްވެގެން އަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ގައުމީ ފެރީ ނިޒާމަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ ކަމަށެވެ.

"މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާ ގުޅި، އިޖްތިމާއީ އަދި އިގްތިސޯދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިގްތިސޯދު، ގައުމީ އިގްތިސޯދާ ލާމެހި ތަނަވަސްވާނީ މި ފެށި އާރްޓީއެލް ނިޒާމުން. މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަ" ރައީސް ވިދާޅުވިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އެންމެ އުތުރުގެ ތިން އަތޮޅުގައި ފެރީ ދަތުރުތައް އަންނަ މަހުގެ ތެރޭގައި އިތުރު ފުރިހަމަކުރުމަށްފަހު މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުން މުޅި ރާއްޖެ ގުޅާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.

ގައުމީ ފެރީ ނިޒާމް އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ، ގައުމީ ފެރީ ނިޒާމުގެ މަޝްރޫއަކީ 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ހިނގާނެ މަޝްރޫއެއް ކަމަށެވެ.