ޚަބަރު

އުދައްޔުއަށް ހަމަލާ ދިނުމަށްފަހު ދައުވާ ލިބޭ މީހުން އުފާފާޅުކޮށް އެމީހުންނަކީ ކިންގުން ކަމަށް ބުނި: ދައުލަތް

އަލީ ޔާމިން

އަހުމަދު އުދައްޔު މަރާލި ކަމަށް ތުހުމަތުކުރާ މީހުން އޭނާ މަރާލުމަށްފަހު އުފާފާޅުކޮށް އެ މީހުންނަކީ "ކިންގުން" ކަމަށް ބުނި ކަމަށް ދައުލަތުން ބުނެފިއެވެ.

އުމުރުން 17 އަހަރުގެ އުދައްޔު މަރާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.

އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓުގައި ކުރިއަށްދާއިރު، އެ ކުއްޖާއަށް މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތީ، އިފުތިތާހީ ބަޔާން އިއްވުމުގެ އަޑުއެހުމެކެވެ.

އެ މައްސަލައިގެ އިފުތިތާހީ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ ފަރަހަނާޒް މުހައްމަދު ވަނީ ވަރަށް ތަފުސީލީ ގޮތެއްގައި އުދައްޔުގެ މަރާ ގުޅޭ ގޮތުން ވާހަކަދައްކައިފައެވެ. ވަކީލާ ވިދާޅުވީ އެ މައްސަލައަކީ މާމެންދޫ/ ކަތިބެއްޔާ މަގާއި ކޭވަނިބެއްޔާ މަގާ ގުޅުނު ހަތަރު އަގޮޅީގައި ހިނގި މާރާމާރީތަކަކާ ގުޅިގެން ދައުވާ ކުރެވިފައިވާ މައްސަލައެއް ކަމަށެވެ. އެތަނުގައި ހިނގި މާރާމާރީތަކުގައި މާމެންދޫ/ ލިލީއޮފްދަވެލީ، އުދައްޔު މަރުވެފައިވާއިރު، އޭނާގެ ބޭބެ، ހަމަ އެރަށު ވަގުތީމަންޒިލް ފިރުޝާން ޒާހިރަށް ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ވަކީލާ ވިދާޅުވިއެވެ.

އުދައްޔު މަރާލުމުގެ ކުރިން އިތުރު ހަމަނުޖެހުންތަކެއް ހިންގި

ދައުލަތުގެ ވަކީލާ ވިދާޅުވީ، އުދައްޔު މަރާލި ރޭގައި އޭނާގެ މަރުގެ މައްސަލައިގެ ދައުވާކޮށްފައިވާ މީހުން އިތުރު ހަމަނުޖެހުންތަކެއްވެސް ހިންގި ކަމަށެވެ. އެގޮތުން މާމެންދޫ އުތުރުފަރާތު އަތިރިމަތީގައި ހުންނަ ހަޓު ކައިރީގައި އުދައްޔު ހުއްޓައި، މައްސަލައިގެ ދައުވާ ލިބޭ ޝަމީމްއާއި ޖުވެނައިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކުއްޖާއާ އެ ސަރަހައްދަށް ގޮސް އުދައްޔުއާ ދިމާކޮށް ހަޑިހުތުރުބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އަދި އެތަނުގައި އަހުމަދު އުދައްޔު ހުރުމަށްފަހުގައި ގެއަށްދިޔަ މަގުމަތީގައި އެއީ ހަޓުން ފެށިގެން އުތުރަށް ކޭވެނިބެއްޔާ މަގުން ހިނގާފައި ދަނިކޮށް އެ މަގުގައި ހުންނަ ވިލެޖު ލައިފް ގެސްޓްހައުސް ކައިރިން އަނެއްކާވެސް އަހުމަދު އުދައްޔު ހުއްޓުވައި އަހުމަދު އުދައްޔުއަށް ހުރަސް އެޅުމަށް އަހުމަދު ޝަމީމް މަސައްކަތްކޮށްފައިވޭ. އަދި އެތަނުގައި އަހުމަދު އުދައްޔު ހުއްޓުވުމަށްފަހުގައި އަހުމަދު ޝަމީމްއާއި މުހައްމަދު މާޒިންއާއި މި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކުއްޖާއާ ބައިވެރިވެގެން އަހުމަދު އުދައްޔުއާ މާރާމާރީ ހިންގިކަން ލޮލަށް ދުށް ހެކީންގެ ބަޔާންތައް ލިބިފައިވޭ،" ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުން ބުނީ، ވިލެޖު ލައިފް ގެސްޓްހައުސް ކައިރިން އުދައްޔުއާގައި މާރާމާރީ ހިންގުމަށް ފަހުގައި ޝަމީމްއާއި މާޒިން އެނބުރި އެމީހުންގެ ގޭގެ ސަރަހައްދަށް ދިޔަ ކަމަށާއި އެއީ އުދައްޔު މަރާލި ހަތަރުއަގޮޅި ކަންމަތި ހުންނަ ސަރަހައްދު ކަމަށެވެ. އެ ސަރަހައްދަށް އެމީހުން ގޮސް އުދައްޔުގެ ގައިގައި ތަޅާލާފައި އޮންނާނެ ކަމަށް ބުނެ އަޑުގަދަކޮށް ޝުއޫރު ފާޅުކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

"އޭގެ ކުޑައިރުކޮޅެއް ފަހުން މި މައްސަލައިގައި ދައުވާ ކުރެވިފައިވާ ހާދިސާތައް އެ ސަަރަހައްދުގައި ހިނގައިގެން މިދަނީ. އެގޮތުން ހަތަރުއަގޮޅީގައި "އެބޭންޑެންޑް ހައުސް" ނުވަތަ ގްރީން ކުލައިގެ އެ ފަޅުގޭގެ އަރިމަތީގައި މި މައްސަލައިގެ ދައުވާ ލިބޭ މީހުންގެ ތެރެއިން ޝަރަފާއި ޝަމީމްއާއި މާޒިންއާއި ޖުވެނައިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކުއްޖާ، އަހުމަދު އުދައްޔުއާ މެދުގައި މާރާމާރީ ހިންގާފައިވޭ. މި މާރާމާރީގެ ތެރެއިން މި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކުއްޖާ އުދައްޔުގެ ބުރަކަށްޓަށް ވަޅިން ހަމަލާދިނުމާއެކީގައި އުދައްޔު ވެއްޓި، ހާލު ދެރަވެގެން ސިއްހީ މަރުކަޒަށް ގެންދެވުނު،" ދައުލަތުން ބުންޏެވެ.

އުދައްޔުގެ މަރުގެ ހަބަރު ލިބުމުން ދުވެފައި އައި އޭނާގެ ބޭބެގެ ބުރަކައްޓަށްވެސް ވަޅި ހެރި

ދައުލަތުން ބުނީ، އުދައްޔުއަށް ވަޅިން ހަމަލާދިންކަން އެނގުމާއެކު ކަތިބެއްޔާމަގުގައި ހުރި އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރު ދުވެފައި އައިސް ހަތަރުއަގޮޅި ކަންމަތީގައި ހުރި ވެރައިޓީސް ކިޔާ ފިހާރައިގެ ކައިރިއަށް އައިސް ހުއްޓުނު ގަޑީގައި ޝަމީމްއާއި މާޒިންއާއި ޝަރަފް އަދި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކުއްޖާއާ އެއްކޮށް ދުވެފައި ގޮސް ފިރުޝާންއާ މާރާމާރީ ހިންގަން ފަށައި ފިރުޝާނަށް ވަޅިން ހަމަލާދީފައިވާ ކަމަަށެވެ.

އަދި އެ މާރާމާރީ ހިންގަން އެމީހުން ބޭނުންކޮށްފައި ވަނީ ވަޅިއާއި ލަޓިބުރިއާއި ގަލާއި ކީސް ފަދަ ތޫނު ހަތިޔާރު ކަމަށް މަންޒަރު ދުށް ބައެއް މީހުންގެ ބަޔާންތަކުން އެނގޭ ކަމުގައި ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ، މާމެންދޫ ސިއްހީ މަރުކަޒަށް ގެންދިއުމަށް ފަހު، އުދައްޔުއާއި ފިރުޝާން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ދޫކޮށްފައިވާ މެޑިކަލް ލިޔުންތަކަށް ބަލައި އިރު އެ ހޮސްޕިޓަލަށް އުދައްޔު ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ބުންޏެވެ. އަދި ހަމަލާގައި ފިރުޝާން މަރު ނުވި ނަމަވެސް އޭނާއަށް ދީފައިވަނީ ފުރާނައަށް ނުރައްކާވަރުގެ ހަމަލާއެއް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

"މި މައްސަލައިގައި ލިބުނު އަނިޔާތަކުގެ ސަބަބުން ފިރުޝާން ޒާހިރު ނިޔާވެފައި ނުވި ނަމަވެސް އަނިޔާ ލިބިފައިވަނީ ބުރަކައްޓަށް. އަހުމަދު އުދައްޔުއާއި ގާތްގަނޑަށް އެއްތަނަކަށް. ލިބިފައިވަނީ ޖިސްމާނީ ބޮޑު އަނިޔާއެއް، ޑޮކްޓަރުން ހަމައެކަނި މެޑިކަލް ލިޔުންތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ހަމަ ފުރާނައަށް ނުރައްކާވެދާނެ ފަދަ ބޮޑު އަނިޔާއެއް" ދައުލަތުން ބުންޏެވެ.

އުދައްޔުގެ މަރާލުމަށް ފަހު އޭނާ މަރާލި ސަރަހައްދުގައި ދައުވާ ލިބޭ މީހުން އުފާފާޅުކުރި

ދައުލަތުން ބުނެފައިވާ ގޮތުގައި، މާރާމާރީގައި އުދައްޔު މަރުވެ، ފިރުޝާން ޒާހިރަށް ބޮޑު އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ގަޑީގައި އެ މާރާމާރީ ހިންގި މީހުން އެ މާރާމާރީ ހިންގި ސަރަހައްދަށް ގޮސް އުފާފާޅުކޮށްފައިވެއެވެ.

"މާރާމާރީއަށް ފަހުގައި އެ ސަރަހައްދުގައި ޝަމީމްއާއި ޝަރަފާއި މާޒިން މަޑުކޮށްގެން ތިބެ އެމީހުން އުފާ ފާޅުކުރަމުންދިޔަ. އަދި އެ ސަރަހައްދުގައި ތިބެ ތިމަންމެންނަކީ "ކިންގުން" ކަމަށް ބުނެ އަތް އުފުލައި ޝުއޫރު ފާޅުކުރަމުންދިޔަ އަޑުއިވުނު ހެކީންގެ ބަޔާންތައް މައްސަލައިގައި ލިބިފައިވޭ." ދައުލަތުން ބުންޏެވެ.

މި ދެ ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ 8 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭގަނޑު ގއ. މާމެންދޫގެ އެކިއެކި ސަރަހައްދުގައި ހިނގާފައިވާ ހަމަނުޖެހުންތައް ލޮލަށް ފެނުނު ހެކީންގެ އިތުރުން އެ ހެކީންގެ ހެކިބަހާ ގުޅުވައިލެވޭ ގޮތަށް މައްސަލައިގައި ހާދިސާ ހިނގި ތަނުން ނެގި މާއްދީ ހެކި، ތަހުލީލުކޮށް ލިބިފައިވާ ފޮރިންސިކް ހެއްކާއި އަދި ކްރައިމް ސީން ރިޕޯޓްތަކާއި މެޑިކަލް ރިޕޯޓް ހުށަހަޅައިފައެވެ.

ދައުވާއަށް ތިން މީހުންވެސް އިންކާރު، ބުނަނީ ހާދިސާއާ ގުޅުވައި ނުލެވޭނެ ކަމަށް

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލައިފައިވާ މާޒިންއާއި ޝަމީމްގެ ވަކީލް މުހައްމަދު ޝަހީދު ވިދާޅުވީ، އެ މާރާމާރީ ހިނގީ ޝަމީމުގެ ގެ ކައިރީގައި ކަމަށާއި އެ ގެ ކައިރީގައި މާރާމާރީއެއް ހިނގުމަކީ ޝަމީމުއާ އެކަން ގުޅުވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ތޫނު އެއްޗެއް ފޯރުކޮށްދިނުމުގައި ނުވަތަ އެކަމުގައި ބައިވެރިވުމުގައި ޝަމީމުގެ އެއްވެސް އަތެއް އޮތްކަން ދަލާލަތު ކޮށްދޭ ކަމެއް ނެތް ކަމަށާއި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކީވެސް އެކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެކި ނޫން ކަމަށާއި އެހެންކަމުން ޝަމީމުގެ ފަރާތުން ދައުވާތަކަށް އިންކާރު ކުރާ ކަމަށް ވިދާޅުވިއެވެ.

ވަކީލް ޝާހިދު ވިދާޅުވީ، މާޒިންއަކީ އެ މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށެވެ. އަދި އުދައްޔުއަށް ހަމަލާދިން ސަރަހައްދަށް މާޒިން ދިޔައީ އޭނާގެ ކޮއްކޮ އެ މާރާމާރީގައި ހިމެނޭތީ އޭނާ ދުރުކުރުވަން ކަމަށް ވިދާޅުވިއެވެ. އަދި އެއީ ބުއްދީގެ ހަމަތަކުން ބެލިޔަސް އެކަން ހިނގާފާނެ ގޮތެއް ކަމަށް ވިދާޅުވެ، މާޒިންގެ ފަރާތުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޝަރަފުގެ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ، އެ މައްސަލައިގައި ހުރި ހެކިތަކާއި ދައުވާއަށް ބަލައި އިރު، ޝަރަފުގެ މައްޗަށް ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށާއި އެއީ ބާތިލު ދައުވާއެއް ކަމަށެވެ.

ދެ ފަރާތުގެ އިފުތިތާހީ ބަޔާން އިއްވައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދެން އޮންނާނީ ހެކިން ހާޒިރުކުރުމުގެ އަޑުއެހުންތައް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މާދަމާ މެންދުރުފަހު 3:00 އަށް އެ މައްސަލައިގައި ހެކީންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ. އެ އަޑުއެހުމަކީ ދެ ފުލުހެއްގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެކެވެ. އެއަށްފަހު ގާޒީ ނަދީމް ވަނީ ހެކި ބަސް ނެގުމުގެ އިތުރު އަޑުއެހުންތައް މިމަހުގެ 25 އިން ފެށިގެން 30 އަށް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. ކޮންމެ އަޑުއެހުމެއްގައިވެސް ހަތް ހެކީންގެ ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.