މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ކުރިއަށްގެންދާ ކުރިމިނަލް ކޯޓުގެ ތިން ގާޒީން ހިމެނޭ ބެންޗުގެ އިސް ގާޒީ އާދަމް މުހައްމަދު ބެޗުން ތަނާޒުލުވެވަޑައިގެންފި އެވެ.

މެއި ހައެއްގެ ހަމަލާގެ މައްސަލަ ބައްލަވާ ބެންޗުގައި ގާޒީ އާދަމް މުހައްމަދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ، މެއި ހައެއްގެ ހަމަލާގެ ޝަރީއަތް ފެށުމެވެ. ނަމަވެސް އަޑުއެހުން ފައްޓަވަމުން ކަމެއް އިއުލާން ކުރައްވަން ބޭނުންވާކަން ފާހަގަކުރައްވައި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ، މެއި ހައެެއްގެ ހަމަލާއާ ގުޅިގެން ދައުވާކުރާ މ. ކުދެހިގެ، އިސްހާގުގެ ފަރާތުން މިއަދު ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ސިޓީގައި އިސްހާގުގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގެ ރިޔާސަތުން ތަނާޒުލްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"ސަބަތެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އިސްމާއިލް ހައިޝަމް ރަޝީދާއި އިތުރު ފަސް މީހެއްގެ ގަޒިއްޔާ ބަަލަމުން ދިޔައިރު، ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނިކޮށް، އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއަށް ބިރުދައްކާ އިންޒާރުދިން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި އިސްހާގުގެ ދަރިއެއް ހިމެނޭތީ މިހާރު މި ބަލަމުންދާ ގަޒިއްޔާގެ ބެންޗުގައި އަޅުގަނޑު އިނުމަކީ އިސްހާގާމެދު Apparent bias އެއް އޮތުމުގެ އިހުތިމާލް އޮތް ކަމެއް ކަމުގައެވެ،" ގާޒީ ވިދާޅުވިއެވެ.

އެ ސީޓީގައި ފާހަގަ ކޮށްފައިވަނީ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ. އެއީ އެ މައްސަލަ ބެއްލެވީވެސް ގާޒީ އާދަމް މުހައްމަދެވެ. އެ މައްސަލައިގައި އިސްހާގު ނިސްބަތްވާ ކުދެހިގޭ ހަސަން ޝިފާޒަށްވެސް ދައުވާކުރިއެވެ. އެ މައްސަލަ ކުރިއަށް ދިޔައިރު އިސްހާގު ދަރިއަކު ވަނީ ގާޒީ އާދަމަށް އިންޒާރު ދީފައެވެ. އެއީ މައްސަލައިގައި ހިމެނޭ ޝިފާޒަކީ އޭނާއާ އާއިލީ ގުޅުން އޮތް މީހަކަށްވާތީއެވެ.

ގާޒީ ވިދާޅުވީ އެ ސިޓީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަކީ އެ ކޯޓަށް ސިޓީ ލިބުމުގެ ކުރިން ގާޒީއަށްވެސް އަދި އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ އެހެން އެއްވެސް ގާޒީއަކަށްވެސް ލިބިފައިވާ މައުލޫމާތެއް ނޫން ކަމަށެވެ. އެ ސިޓީ ކޯޓަށް ލިބުމާއެކު މައުލޫމާތު ސާފުކުރުމުން ގާޒީއަށް އިންޒާރު ދިން މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި އިސްހާގުގެ ދަރިއެއް ހިމެނޭކަން އެނގިވަޑައިގެންނެވި ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

"މީގެ އިތުރުން އެ މައްސަލައިގެ ދައުވާ މ. ކުދެހިގެ، ހަސަން ޝިފާޒަކީ އަޅުގަނޑަށް އިންޒާރު ދިން މައްސަލައިގައި ތުހުމަތު ކުރެވޭ އިސްހާގުގެ ދަރީގެ ބޮޑު ބޭބެ ކަމަށް މައުލޫމާތު ލިބިފައިވޭ،" ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލަ ބެލުމުން ތަނާޒުލުވުމަށް މިހިނދުން ފެށިގެން ނިންމެވީ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އެއަށްފަހު ގާޒީ ވަނީ މިއަދުގެ ޝަރީއަތް ނިންމަވާލައްވައިފައެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.