ވީއޭއެމްގެ އާ ސީޒަނުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މުބާރާތް، އެސޯސިއޭޝަން ކަޕް، ކުލަ ގަދަ ރަސްމިއްޔާތުތަކާއެކު ރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ފަށައިފިއެވެ.
މި އަހަރުގެ މުބާރާތްތަކަށް ވީއޭއެމުން ތައްޔާރުވީ މުޅިން ތަފާތު ވިސްނުމެއްގައެވެ. މުބާރާތްތަކުގެ ވާދަވެރިކަން އިތުރުކޮށް، ފޯރިގަދަ ކުރުމަށް ޓީމުތަކަށް ތަފާތު ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ބަހާލާފައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޕްލޭޔާ ޑްރާފްޓް އިވެންޓުގައެވެ.
ޓީމުތަކަށް ޑްރާފްޓް ކުރުމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ގެނައި ކުޅުންތެރިންނަކީ އިންޑިއާގެ ޕްރައިމް ވޮލީ ލީގުގައި ކުޅޭ، މި ސަރަހައްދުގެ އެންމެ މޮޅެތި ކުޅުންތެރިންނެވެ. ޑްރާފްޓަށް ހުޅުވާލި ޕޫލުގެ ތެރޭގައި ބްލޮކަރުންނާއި ސެޓަރުންގެ އިތުރުން އޮޕޮސިޓް ކުޅުންތެރިން އަދި އެޓޭކަރުން ހިމެނެއެވެ. އެ ކުޅުންތެރިންނާއެކު ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުތައް ރޭ ފެނިގެން ދިޔައީ ޝައުގުވެރި ކުރުވަނިވި ގޮތަކަށެވެ. ފެންވަރުގެ ގޮތުން ލޯކަލީ ފެނުނު އެންމެ ތަފާތު މެޗުތައް ރޭގެ ފެށުމުންވެސް ފާހަގަވިއެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ކުލަބުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކުރި އިރު، ދެވަނަ މެޗުގައި ކުލަބު ވެމްކޯއިން ވަނީ އޮފް އެފްސީގެ މައްޗަށް ކުރި ހޯދައިފައެވެ. އެސޯސިއޭޝަން ކަޕުގައި މިއަހަރު ވާދަކުރާ ހަ ޓީމަކީ ޕޮލިސް ކުލަބު، ކުލަބު ވެމްކޯ، ގުޑީސް، އޮފް އެފްސީ، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ސްޕޯޓްސް ކުލަބު ސިޓީއެވެ.
ފުރަތަމަ މެޗުގައި ޕޮލިހާއި ގުޑީސް ވާދަކޮށް ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށް ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކުރީ ޕޮލިހުންނެވެ. މެޗުގެ ސެޓުތައް ހަމަހަމަކޮށް ފެނުނު އިރު، މެޗުގެ ފުރަތަމަ ސެޓުވެސް ފެނުނީ ވާދަވެރި ކޮށެވެ. އެ ސެޓު ޕޮލިހުން ގެންދިޔައީ 28-30 އިންނެވެ. ސެޓުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުގައި ހިމެނުނު ޒުވާން ކުޅުންތެރިޔާ، މާއިޝް އަހުމަދު ފުރަތަަމަ ފަހަރަށް ގައުމީ ލެވަލްގެ މުބާރާތެއްގެ ފަށާ މޮޅަށް ކުޅުނެވެ.
ގުޑީސް އިން ދެން ކުޅުނު ދެ ސެޓުވެސް ގެންދިޔައެވެ. ގައުމީ ޓީމަށް ކުރިން ކޯޗު ކޮށްދިން މިލޮރަޑް ކިޔާޗްގެ ކޯޗުކަމުގައި ކުޅުނު ގުޑީސްއިން އެ ސެޓުތައް ގެންދިޔައީ 25-23 އަދި 25-20 އިންނެވެ. ސެޓުގައި ހަސަން ނިލާމް (ޕާޓޭ)ގެ އިތުރުން އިންޑިއާގެ ދެ އެޓޭކަރުން ކަމަށްވާ ރިޔާޒުއްދީން އަދި ވަރުންގެ ބާރު އެޓޭކުތައް ފާހަގަވިއެވެ.
ހަތަރު ވަނަ ސެޓުގައި ޕޮލިހުން ގެންދިޔައީ 25-23 އިންނެވެ. އެ ފޯމުގައި ފަސްވަނަ ސެޓަށް ނުކުމެ، ޕޮލިހުން ވަނީ ފުރަތަމަ ކޮޅުގައި ބޮޑު ލީޑެއް ނަގައިފައެވެ. ޕޮލިހުން ފަހު ސެޓުގެ ފުރަތަމަ ކޮޅުގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް، ގުޑީސްއިން ވަނީ ރަނގަޅު ދަނޑިވަޅުގައި ޓައިމްއައުޓެއް ނަގައި، ފަހަތުން އަރައި 9-9 އިން ހަމަހަމަވެސް ކޮށްފައެވެ. ފޯރިގަދަކޮށް ގޮސް އެ ސެޓު އެންމެފަހުން ޕޮލިހުން ކާމިޔާބުކުރީ 15-12 އިންނެވެ،
މުބާރާތުގެ ދެ ވަނަ މެޗުގައި ކުލަބު ވެމްކޯ އިން އޮފް އެފްސީގެ މައްޗަށް ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ވެމްކޯ އިން ކާމިޔާބުކުރީ ފަސޭކަމާ އެކު، 25-15 އަދި 25-17 އިންނެވެ. ވެމްކޯގެ ސެޓަރު، ރަންޖިތު ސިންގުގެ ތަފާތު މޮޅު ކުޅުމެއް އެ ދެ ސެޓުގައި ފެނުނު އިރު، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްވަލް ރާއިގެ ބާރު ހަމަލާތައްވެސް ފެނުނެވެ.
ފުރަތަމަ ދެ ސެޓު ފަސޭހަކޮށް ގެއްލުނު ނަމަވެސް ތިން ވަނަ ސެޓުގައި ހިތްވަރުކޮށް، އޮފު އެފްސީން ވަނީ ސެޓު 25-21 އިން ގެންގޮސްފައެވެ. އެ ސެޓާއެކު ހިތްވަރު ލިބި ހަތަރު ވަނަ ސެޓުގައި އޮފު އެފްސީ ފެށީ ރަނގަޅަށެވެ. މެޗުގައި އެ ޓީމުން ނެގި 16 ވަނަ ޕޮއިންޓާ ހަމައަށް ދަންދެންވެސް ލީޑުގައި އޮފު އެފްސީ އޮއްވައި ވެމްކޯއިން ނަތީޖާ އަނބުރާލިއެވެ. އެ ސެޓު ވެމްކޯއިން ގެންދިޔައީ 26-28 އިންނެވެ.
މުބާރާތުގައި ކޮންމެ ރެއަކުވެސް ދެމެޗު ކުޅޭ ގޮތަށް ކުރިން އޮތް ނަމަވެސް މެޗުތައް ފޯރިގަދަކޮށް ދިގު ދެމިގެންދާތީ އެސޯސިއޭޝަނުން ވަނީ އެއް މެޗު ހަވީރަށް ހަދައި، ރޭގަނޑުވެސް އެއް މެޗު ކުޅޭ ގޮތަށް ހަދައިފައެވެ. މިއަދު ފުރަތަމަ މެޗުގައި ހަވީރު 4:15 ގައި ސިފައިން ނުކުންނާނީ ސްޕޯޓްސް ކުލަބު ސިޓީއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މިރޭ 8:15 ގައި ގުޑީސް ނުކުންނާނީ އޮފު އެފްސީއާ ދެކޮޅަށެވެ.