އޭޝިއަން ކަޕް

އަނެއްކާވެސް ރާއްޖެއަށް އޭޝިއަން ކަޕް ގެއްލުނީ، ކޯޗުގެ ނަޒަރުގައި "އިންޑިވިޖުއަލް ގޯސްތައް" ގިނަ!

ރާއްޖެއިން އޭޝިއަން ކަޕަކަށް ކުރަމުން އައި މަސައްކަތަށް މިފަހަރުވެސް ލިބުނީ މާޔޫސް ކަމެކެވެ. ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕެއްގެ އިންތިޒާރުގައި ތިއްބާ އެ ފުރުސަތު ގެއްލިގެން ދިޔައީ ތިންވަނަ ބުރުގެ ކޮލިފިކޭޝަނުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެގެންނެވެ. މިހާރު އުޒްބެކިސްތާނުގައި ކުޅެމުންދާ ކޮލިފިކޭޝަންގައި، ތައިލެންޑް އަތުން 3-0 އިން ރާއްޖެ ބަލިވި އިރު، ރޭ އުޒްބެކިސްތާނު އަތުން ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.

ދިގު އިންތިޒާރެއްގެ ނިމުން އަނެއްކާވެސް އައީ ހިތިކޮށެވެ. އޭޝިއަން ކަޕަކީ ގައުމީ ޓީމުގައި މިދިޔަ ހަތަރު ވަރަކަށް އަހަރު ހޭދަކުރި ކޮންމެ ކޯޗަކަށްވެސް އެފްއޭއެމުން ދީފައިވާ ޓާގެޓެވެ. އެ ޓާގެޓަށް ވާސިލު ނުވެވުނުތާ މިދިޔަ މުއްދަތުގައި ކުރިމަތިވީ މާޔޫސީ ނަތީޖާތަކަކާއެވެ. ރޭގެ ބައްޔާއެކު ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ، "އިންޑިޖުއަލް ގޯސްތަކުގެ" ސަބަބުން މެޗު ގެއްލުނީ ކަމަށެވެ.

"ވަރަށް ރަނގަޅު މެޗެއް ފެނިގެން ދިޔައީ ވަރުގަދަ ޓީމަކާ ދެކޮޅަށް. ކޮންމެ މެޗެއްގައިވެސް ފެނިގެން މިދަނީ ހަމަ އެއް ގޯސްތަކެއް ހަދާތަން. އެއީ އިންޑިވިޖުއަލް ގޯސްތަކެއް. އަހަރެން ގަބޫލުކުރަނީ އަހަރެންގެ ކުޅުންތެރިން ކުރަމުންދާ މަސައްކަތަކީ ހާއްސަ މަސައްކަތްތަކެއްކަން. އެއީ އުޒްބެކިސްތާން ކަހަލަ ޓީމަކާ ދެކޮޅަށް ކުޅުމަކީ އުނދަގޫވާނެ ކަމަކަށް ވާނެތީ. އަހަރެމެން ތަމްރީނުތައް ހަދަން ނުލިބޭ އެންމެ އެކަށޭނެ ވަގުތެއްވެސް. އެހެންވީމަ ކުޅުންތެރިންގެ ކުޅުމަށް ފަހުރުވެރިވޭ،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ފާހަގަކުރީ މެޗަކަށްފަހު މެޗެއް ގައުމީ ޓީމުން ކުޅުން ރަނގަޅު ކުރަމުންދާ ކަމަށެވެ. އަދި އުޒްބެކިސްތާނަކީ ޓެކްޓިކަލީ ރަނގަޅު، ކޮލިޓީ ރަނގަޅު ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި ހާއްސަކޮށް އެޓީމުގެ ފޯވަޑް ލައިނުން ވަރުގަދަ ކުޅުންތެރިން ފެނުނު ކަމަށް ބުންޏެވެ.

"އުޒްބެކިސްތާނަކީ ކޮލިޓީ ރަނގަޅު، ވަރުގަދަ ކުޅުންތެރިންތަކެއް ތިބި ޓީމެއް. ހާއްސަކޮށް ފޯވަޑް ލައިނުން އެ ނުރައްކާވެސް ފެނުނު. އެކަމަކު އެންމެ ކުޅުންތެރިއެއް ނޫން، މުޅި ޓީމުވެސް ރަނގަޅުވީމަ އެ ފެންވަރުގައި ކުޅެވޭނީ. އަހަރެމެން ބޭނުންވަނީ ޖެހުލުމެއް ނެތި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން. އެހެންވެ 10 ކުޅުންތެރިން ބޮކްސް ތެރޭގައި ޑިފެންސްކޮށް ކުޅުވަން ބޭނުން ނުވަނީ. އެހެން ކުޅޭއިރު ބައެއް ފަހަރު ރަނގަޅަށް ކުޅެވިފައި ގޯސްތައް ހެދެނީ. އެ ގޯސްތައް މި ލެވެލްގައި ހަދައިފި ނަމަ ކޮޅަށް ވަންނާނެ،" މޮރިއޭރޯ ބުންޏެވެ.

ރޭ ރާއްޖެ ކޮޅަށް އުޒްބެކިސްތާނުން ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި ހެޓްރިކް ހެދީ މިވަގުތުވެސް އިޓަލީ ލީގުގެ ވަރުގަދަ ކްލަބު ރޯމާއަށް ކުޅެމުންދާ އެލްޑޯ ޝޮމުޑޯރޯފެވެ. އޭނާ މިފަހަރުގެ މެޗުތަކަށް ދިޔައީ ރޯމާއާއެކު މިދިޔަ ސީޒަނުގެ ކޮންފަރެނެސް ލީގުވެސް ކާމިޔާބުކޮށްފައެވެ. ޝޮމުޑޯރޯފް ރޯމާގައި ކުޅެމުންދަނީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުންނެވެ.

ކޯޗު މޮރިއޭރޯ ބުނީ އޭޝިއަން ކަޕު ގެއްލުން އަދި ރޭގެ މެޗުންވި ބަލި ހަޖަމުކުރަން ވަގުތު ބޭނުންވާނެ ނަމަވެސް ކުޅުންތެރިންގެ ހިތްވަރު ދަށަށްދިޔަ ނުދީ ނަގަން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"މި ބަލި ހަޖަމުކުރަން ވަގުތު ބޭނުންވާނެ. ދެ މެޗުގައިވެސް ރަނގަޅަށް ކުޅެ ނަތީޖާ ނެރެވޭ ގޮތެއް ނުވި. މިހެން ބަލިވެގެން ދާން ޖެހުމުން ކުޅުންތެރިންގެ ހިތްވަރު ވަރަށް ބޮޑަށް އެލިގެންދާނެ. އެ ކުޅުންތެރިން އަލުން ކޮޅަށް ޖެހުން އެއީ އުނދަގޫ ކަމެއް. ނަމަވެސް އެ ކުޅުންތެރިން އަހަންނަށް އިތުބާރު ކުރޭ، އަހަރެން ކުޅުންތެރިންނަށް އިތުބާރުކުރަން. ބުރަ މަސައްކަތުން ބަދަލު ގެނެވޭނެ،" މޮރިއޭރޯ ބުންޏެވެ.

ކޯޗު ބުނީ ލަންކާ މެޗަށް ތައްޔާރުވާނީ ލަންކާއަކީ "ޓަފް" ޓީމެއް ކަމަށް ބަލައިގެން ކަމަށާއި ނިންމާލަން ބޭނުންވަނީ ގައުމަށްޓަކައި މޮޅެއް ހޯދައިގެން ކަމަށެވެ. އެ މެޗަށް ފުރިހަމައަށް ޓީމު ތައްޔާރުވާނެ ކަމަށްވެސް މޮރިއޭރޯ ބުންޏެވެ. ކޮލިފައިން ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ލަންކާއާ ދެކޮޅަށް ނުކުންނާނީ އަންނަ ބުދަ ދުވަހު ހަވީރެވެ. އެ މެޗު އޮންނާނީ ރާއްޖެ ގަޑިން ހަވީރު 5:00 ގައެވެ.

ސަޕޯޓަރުންގެ ހިޔާލު: "އެކަށީގެންވާ ތައްޔާރީތަކެއް ނުވޭ"

ގައުމީ ޓީމުގެ ސަޕޯޓަރުންނަށް މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ކުރިމަތިވީ މާޔޫސީ ނަތީޖާތަކެކެވެ. މިފަހަރުގެ ނަތީޖާތައްވެސް އެއީ ހަޖަމުކުރަން އުނދަގޫ ނަތީޖާތަކެކެވެ.

"ޓީމުން ކުރި ހިތްވަރަށް ސާބަސް ދޭންޖެހޭ. އެކަމަކު މެޗުތަކުގައި ގައުމީ ޖޯޝު ނުވެސް ފެނޭ. އެ ހިތްވަރު ލާތަން ނުފެނޭ. ބޮޑަށް ބެލެވެނީ އެކަށީގެންވާ ގޮތެއްގައި ތައްޔާރު ނުވެވި އޮތްތަން. ރަނގަޅު އެކުވެރިކަމުގެ މެޗެއް ނުލިބި މުބާރާތަށް ދާން ޖެހުނީ. އެއީ އުނދަގޫވާނެ ކަމަކަށްވާނެ،" ގައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިޔަކު "ވަން" އަށް ބުންޏެވެ.

ގައުމީ ޓީމުން އުޒްބެކިސްތާނަށް ދިޔައީ ކޭމްޕެއްވެސް ނުކޮށެވެ. އެއީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މާޒިޔާއާއެކު އޭއެފްސީ ކަޕަށް ދާން ޖެހުމާވެސް އެކު އެކަށޭނެ ވަގުތު ނުލިބުމުންނެވެ. އެކުވެރިކަމުގެ މެޗުތަކަށްވެސް ވަގުތު ނުލިބުނީވެސް އެހެންވެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

"މާޒިޔާގެ 11 ކުޅުންތެރިން ގައުމީ ޓީމަށް ކުޅޭ. މެއި 26ގައި އެ ކުޅުންތެރިން މާލެ އައީ. ދެ ދުވަހުގެ ރެސްޓެއް ދީފައި އެ ކުޅުންތެރިން ގައުމީ ޓީމަށް ނެރެފައި ވަނީ 28 ވަނަ ދުވަހު. އޭރު އޮތް ގަތަރު ނޫނީ ޔޫއޭއީއަށް ކޭމްޕަށް ދާން އޮޕްޝަންސް. އެކަމަކު ވިސްނާލުމުން އެނގޭނެ އުޒްބެކިސްތާނަށް ޖޫން ދޭއްގައި ފުރުމުގެ ކުރިން އިތުރު ދަތުރެއް ކުރަން އެއީ ވަރަށް ވަރުބަލިވާނެ ކަމެއްކަން. އުޒްބެކިސްތާނަށް ކުރަން ޖެހެނީ 24 ގަޑިއިރުގެ ދިގު ދަތުރެއް. އެހެންވީމަ އެކުވެރިކަމުގެ މެޗެއް ކުޅުމުގެ ބަދަލުގައި ޓެކްޓިކްސްއަށް މަސައްކަތް ކުރަން ކޯޗު މޮރިއޭރޯ ނިންމީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަން" އަށް ވިދާޅުވިއެވެ.