ލިވަޕޫލުން ގެންދަން މަސައްކަތްކުރާ ހުނަރުވެރި އުރުގުއޭ ފޯވަޑް ޑާވިން ނޫނޭޒް، ގައުމީ ޓީމުގެ ކޭމްޕު ދޫކޮށް އިންގްލެންޑަށް ދާން ތައްޔާރުވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
އުރުގުއޭއިން ރޭ ޕެނަމާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިން ނޫނޭޒް، ގައުމީ ސްކޮޑު ދޫކޮށްލާފައިވާކަން އެ ޓީމުގެ ފަރާތުން ވަނީ ޔަގީންކޮށްދީފައެވެ. ނޫނޭޒް ސްކޮޑު ދޫކޮށް ދިޔައީ އަމިއްލަ ކަމެއްގައި ކަމަށް ގައުމީ ޓީމުން ބުނެފައިވާ އިރު، އޭނާ ސްކޮޑު ދޫކޮށްލީ އަނިޔާގެ ސަބަބުން ނޫންކަންވެސް ގައުމީ ޓީމުން ވަނީ ޔަގީންކޮށްދީފައެވެ.
އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓު ކޮށްފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ނޫނޭޒްއާއި އޭނާގެ އެޖެންޓް ވަނީ އިންގްލެންޑަށް ދާން ތައްޔާރުވެފައެވެ. ބެލެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި ލިވަޕޫލާއެކު ނޫނޭޒްގެ ޓްރާންސްފާ ނިންމާނެއެވެ. ލިވަޕޫލުން މިހާތަނަށް ވަނީ ނޫނޭޒްއާއެކު އެއްބަސްވުމަކަށް އައިސް، ކްލަބަށް ރަސްމީކޮށް ބިޑްވެސް ކޮށްފައެވެ.
ލިވަޕޫލުން ނޫނޭޒް ގެންދަން ޕޯޗުގަލްގެ ބެނިފީކާއާއެކު އެއްބަސްވެފައި ވަނީ އަނގަބަހުންނެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި ލިޔެކިޔުންތަކުގައި ސޮއިކުރުމުގެ މަސައްކަތްވެސް ނިމޭނެ ކަމަށް ބެލެވެއެވެ. ލިވަޕޫލާއި ބެނިފީކާއިން ނޫނޭޒް ގެންދަން އެއްބަސްވެފައިވާ އަގަކީ 80 މިލިއަން ޔޫރޯއެވެ. އެ އަގަށް އަދި ބޯނަސްގެ ގޮތުގައި 20 މިލިއަން ޔޫރޯ އެކުވެ، ޖުމުލަ ޓްރާންސްފާ ފީގެ އަދަދު 100 މިލިއަން ޔޫރޯއަށް އަރާނެއެވެ.
އުމުރުން އެންމެ 22 އަހަރުގެ ނޫނޭޒްއަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް ޒުވާން ފޯވަޑެވެ. އޭނާއަށް ބޮޑެތި ގިނަ ކުލަބުތަކަކުން ފާރަލާފައިވާ އިރު، ލިވަޕޫލުގެ ކުރިން އެންމެ ބުރަކޮށް ނޫނޭޒް ގެންދަން މަސައްކަތް ކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.
މެންޗެސްޓާ ޔުނައިޓެޑާ އަލަށް ހަވާލުވި ކޯޗު، އެރިކް ޓެންހާގުވެސް ވަނީ ސީދާ ގުޅައިގެންވެސް ނޫނޭޒް ހޯދަން މަސައްކަތްކޮށްފައެވެ. ޔުނައިޓެޑުން މަހެއްހާ ދުވަސް ވަންދެން ނޫނޭޒްއަށް ބަލަން ތިއްބައި ލިވަޕޫލުން ޓްރާންސްފާގެ ތެރެއަށް ވަދެ، އެއްބަސްވުމަކަށް ދިޔައީ ގާތްގަނޑަކަށް 48 ގަޑިއިރުގެ ތެރޭގައެވެ.
އުރުގުއޭގެ ކުލަބެއް ކަމަށްވާ ޕެޔަރޯލުން ޒުވާން އުމުރު ކެރިއަރު ފެށި ނޫނޭޒް ޔޫރަޕަށް ވިދާލީ 20-2019 ވަނަ ސީޒަންގައި ސްޕެއިންގެ އަލްމޭރިއާއިންނެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 30 މެޗުގައި 16 ގޯލު ޖަހައިފައެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައިވެސް މިދިޔަ ސީޒަނުގައި ބެނިފީކާއަށް ތަފާތު ދެއްކި ނޫނޭޒް، އެ ކްލަބަށް ދިޔައީ 2020 ވަނަ އަހަރެވެ. ނޫނޭޒް ވަނީ ބެނިފީކާއަށް މިހާތަނަށް ކުޅުނު 57 މެޗުގައި 32 ގޯލު ޖަހައިފައެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް