އޭޝިއަން ކަޕް

އުޒްބެކިސްތާން އަތުންވެސް ބަލިވެ، ރާއްޖެއަށް އޭޝިއަން ކަޕުގެ ފުރުސަތު ގެއްލިއްޖެ

އޭޝިއަން ކަޕް ކޮލިފައިން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި އުޒްބެކިސްތާނު އަތުންވެސް ބަލިވެ މިފަހަރުވެސް އޭޝިއަން ކަޕުން ފުރުސަތު ގެއްލިއްޖެއެވެ.

ރާއްޖެ ހިމެނޭ ކޮލިފިކޭޝަންގެ މެޗުތައް ހޯސްޓް ކުރަމުން ދަނީ އުޒްބެކިސްތާނުގައެވެ. މަރުކަޒީ ސްޓޭޑިއޮންގައި މިރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. ދުނިޔޭގެ ރޭންކިންގެ 83 ވަނައިގައި އޮތް އުޒްބެކިސްތާނުން މިރޭ ރާއްޖެ ބަލިކުރި އިރު، މެޗުގައި އެ ޓީމުގެ ކެޕްޓަން، އިޓަލީގެ އޭއެސް ރޯމާއަށް ކުޅޭ ފޯވާޑް އެލްޑޯ ޝޮމުޑޯރޯފް ވަނީ ހެޓްރިކެއް ހަދައިފައެވެ.

ރާއްޖެއިން ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން ތައިލެންޑް އަތުން ބަލިވެފައި އޮތް އިރު، އުޒްބެކިސްތާނުން ވަނީ ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން 3-0 އިން މޮޅުވެފައެވެ. މި ގްރޫޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ތައިލެންޑުން 2-0 އިން ލަންކާ ބަލިކުރި އިރު، އުޒްބެކިސްތާނުން މިރޭ ރާއްޖެ ބަލިކުރުމާއެކު ރާއްޖެއަށް އަންނަ އަހަރުގެ އޭޝިއަން ކަޕަށް އޮތް ފުރުސަތު ވަނީ ގެއްލިފައެވެ.

އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމުގެ އިތުރުން ކޮލިފައިން ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމެކެވެ. ރާއްޖެ ގްރޫޕްގެ އެއްވަނަ އުޒްބެކިސްތާނުން ޔަގީންކުރި އިރު، ތައިލެންޑަށް މިހާރު ވަނީ ދެވަނަވެސް ޔަގީން ވެފައެވެ. ރާއްޖެއަށް ދެން ލަންކާ މެޗު ބާކީ އޮތް އިރު، އެ މެޗުން މޮޅުވިޔަސް ދެވަނައަށް ނޭރެވޭނެއެވެ.

މިރޭގެ މެޗަށް ރާއްޖެއިން ނެރުނު ފުރަތަމަ 11 އަށް ކޯޗު ވަނީ ކޮންމެވެސް ވަރަކަށް ބަދަލު ގެނެސްފައެވެ. މުހައްމަދު އުމެއިރާއި ނާއިޒު ހަސަން (ދާދު)ގެ ބަދަލުގައި އަހުމަދު ނޫމާން (ހެލްމެޓް) އާއި އަލީ ފާސިރު (ސެންޓޭ) ވަނީ ކުޅެން އަރުވައިފައެވެ. މިރޭގެ މެޗަށް ސެންޓޭ ނުކުތީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. ދެވަނަ ހާފުގައި އޭނާ ކަކުލަށް އަނިޔާވެ، ދެވަނަ ހާފުގެ ކުރީކޮޅުގައި ވަނީ ބާލަން ޖެހިފައެވެ.

މެޗުގެ ފެށުން ރާއްޖެއަށް ދިޔައީ ގޯސްކޮށެވެ. މެޗު ފުރަތަމަ މިނެޓު ތެރޭގައި ސެރެއާ އޭގައި ކުޅޭ އުޒްބެކިސްތާން ފޯވަޑް ޝޮމުޑޯރޯފް ވަނީ ލީޑު ނަގައިދީފައެވެ. އުޒްބެކިސްތާނުން ފުރަތަމަ ހާފުގައި އިތުރު ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެހެން ނަމަވެސް އެ ހަމަލާތައް ކާމިޔާބެއް ނުވިއެވެ.

ފުރަތަމަ ހާފުގައި ރާއްޖޭގެ އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ މިޑްފީލްޑަރު އިބްރާހީމް އައިސަމެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅަ އޭރިއާބޭރުން އައިސަމް ރަނގަޅަށް ފޮނުވާލި ނަމަވެސް އުޒްބެކިސްތާން ކީޕަރު، އުތުކީރް ޔޫސުޕޯފް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފަށް ނުކުމެ މެޗުގެ 50 ވަނަ މިނެޓުގައި ޝޮމުޑޯރޯފް ވަނީ ދެވަނަ ގޯލެއް ޖަހައި، އުޒްބެކިސްތާންގެ ލީޑުފުޅާކޮށްދީފައެވެ. އޭރިއާ ބޭރުން ޝޮމުޑޯރޯފް ޖެހި ބޯޅަ އަމާޒުވީ ތިރިތިރިން ގޯލުގެ ކަނަށެވެ. ފުލުފުލުގައި ހަމަލާތައް އުފައްދަމުން ދިޔަ އުޒްބެކިސްތާނަށް މެޗުގެ 80 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިދިނީވެސް ޝޮމުޑޯރޯފްއެވެ.

މެޗުގެ 86 ވަނަ މިނެޓްގައި އުޒްބެކިސްތާނުން ހަތަރު ވަނަ ގޯލެއް ޖެހިއެވެ. އެ ގޯލަކީ ފާރޫކް ޝަފީއޭފް ނެގި ހުރަހަކުން އުރުނޯފް އޮސްޓޯން ޖެހި ގޯލެކެވެ.

ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ހަވީރު ބައްދަލުކުރާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.