ޚަބަރު

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއެކު ރައީސް ސޯލިހު ސަން އައިލެންޑުގައި

މުހައްމަދު އިޝާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ބައެއް އިސްވެރިން، ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހީމާއި ޖޭޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހާއެކު ސަން އައިލެންޑަށް ވަޑައިގެންނެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ތެރޭގައި އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރައީސް ސޯލިހު ގާސިމްއާ ފުރަތަމަ ބައްދަލުކުރެއްވީ މިއަދު ހެނދުނު އދ. މާމިގިއްޔަށް ވަޑައިގެންނެވުމަށްފަހުއެވެ. އެރަށުން ރައީސަށް ގާސިމުގެ އިތުރުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ދަންނަވައިފައެވެ.

ސަން އައިލެންޑަށް ވަޑައިގެން މިރޭ ގާސިމާއި ޖޭޕީގެ އިސް ބޭފުޅުންނާ ރައީސް ސޯލިހު ބައްދަލުކުރައްވައިފައި މިވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު މިހާރު މިއޮތް ސަރުކާރު ކޯލިޝަނާއެކު ކާމިޔާބުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވަނިކޮށެވެ.

މިއީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވި ފަހުން ކޯލިޝަންގެ ލީޑަރަކާ ރައީސް ސޯލިހު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.