Close
ޚަބަރު

ރައީސް ޔާމީންގެ ސަރުކާރުން ވިނަރެސް ފުލެޓަށް ކަނޑައެޅި އަގަކީ މަހަކަށް 7،000 ރުފިޔާ: ޑރ. މުއިއްޒު

މުހައްމަދު އިޝާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވިނަރެސް ފުލެޓް ދިނުމަށް ކަނޑައަޅައިފައިވާ އަގަކީ 7،000 ރުފިޔާކަމަށް އެއިރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިނަރެސް ފުލެޓަކީ މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަޅަން ފެށި ފުލެޓުތަކެވެ. އެޗްޑީސީން ވަނީ މިފަހުން ވިނަރެސް ފުލެޓު ބަލައިލުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލައިފައެވެ. އަދި ވިނަރެސް ފުލެޓުތަކުގެ އަގުތައް ވެސް ވަނީ އާންމުކޮށްފައެވެ. އެއާއެކު ގިނަބަޔަކު ވަނީ ވިނަރެސް ފުލެޓުތަކުގެ އަގުބޮޑުކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުރީ ސަރުކާރުން އަޅަން ފެށި ވިނަރެސް ފުލެޓުގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓުގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށެވެ. ދެން ގުޅިފަޅާއި ސީ ލައިފުން ފުލެޓު ގަތް މީހުންނަށާއި ހިޔާ ފުލެޓު ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް 100 ފުލެޓޫ ހާއްސަކޮށްފައިވެއެވެ.

800-900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފުލެޓުތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ ފުލެޓުގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. އަދި ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމެންޓުގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

އެޗްޑީސީން ބުނެފައިވަނީ 20 އަހަރަށް ކުލި ބަހާލުމުން ކޮންމެ އެޕާޓްމެންޓަކަށް ވެސް މަހަކު 19،000 ރުފިޔާ އާއި 23،000 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތަށް ކުލި ބަހައިލުމުން ފުލެޓުގެ ޖުމުލަ އަގު 4.9 މިލިއަން ރުފިޔާ ނުވަތަ 6 މިލިއަން ރުފިޔާއަށް ބޮޑުވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޑައުންޕޭމެންޓުގެ ގޮތުގައި 20 ޕަސެންޓް ދައްކައިގެން، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަގެއް ފުލެޓަށް ދައްކަން ޖެހޭނެ ކަމަށާއި އޭރުން ފުލެޓުގެ ޖުމުލަ އަގު 5.5 މިލިއަން ރުފިޔާ އާއި 7.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ކަނޑައެޅި އެ އަގުތަކާ ގުޅިގެން ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީންގެ ސަރުކާރުން ވިނަރެސް ފުލެޓަށް ކަނޑައެޅި އަގަކީ މަހަކަށް 7،000 ރުފިޔާ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް އަތްނުފޯރޭ އަގެއްގައި ފުލެޓުތައް ވިއްކައިގެން ނުވާނެ ކަމަށެވެ. އަދި އެޗްޑީސީން ކަނޑައެޅި އަގުތައް ބަދަލުކުރުމަށް ވެސް ޑރ. މުއިއްޒު ވަނީ ގޮވައިލައްވައިފައެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިން މަޝްރޫއު، މި ސަރުކާރުން 1340 އަށް މަދުކޮށް، "ވިނަރެސް" ގެ ނަން ދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާ ދިއުން ބަދަލުކުރެއްވުން އެދެން. ރައީސް ޔާމީންގެ ސަރުކާރުގައި މި ފުލެޓުތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000 ރުފިޔާއަށް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފުލެޓުތަކަށް އެޗްޑީސީން ނަގަމުންދާ އަގު ބޮޑުކަމަށް ވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިހާރު ހިޔާ ފުލެޓުގެ މަހު ކުއްޔަކީ 8،500 ރުފިޔާއެވެ. ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ޔާމީންގެ ސަރުކާރުން ހިޔާ ފުލެޓުތަކަށް ކަނޑައެޅި އަގަކީ 5،000 ރުފިޔާ ކަމަށެވެ.

އެޗްޑީސީން އެކަމާ ގުޅިގެން ބުނެފައިވަނީ 5،000 ރުފިޔާއަށް ހިޔާ ފުލެޓު ދޫކުރަނާމަ ހިޔާ މަޝްރޫއު ޗައިނާއިން ނެގި ލޯނު ނުދެއްކި ޑިފޯލްޓު ވެދާނެ ކަމަށެވެ.