މާތް ނަބިއްޔާއަށް މަލާމާތްކޮށް، ފުރައްސާރައިގެ މޭރުމުން ބަސްބުނުމުގެ ހައްގަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށާއި ކީރިތި ރަސޫލާ ދެކެ ލޯބިވެ, އެކަލޭގެފާނު ދިފާއުކުރުމަކީ މުސްލިމުންގެ ވާޖިބެއް ކަމަށް ހުތުބާގައި ބުނެފިއެވެ.
ދާދިފަހުން އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕުރު ޝަރުމާ ވަނީ ރަސޫލާގެ ކައިވެނިފުޅާ ގުޅޭގޮތުން ދޮގު ވާހަކަތައް ދައްކައި، އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެފައެވެ. އެކަަމާ ގުޅިގެން މުސްލިމުންގެ ނުރުހުން އަމާޒުވެފައިވާ އިރު، ދިވެހި ސަރުކާރުން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ މުސްލިމުންގެ މާތް ނަބިއްޔާގެ އިއްޒަތާއި ކަރާމާތަށް އުނިކަން ގެނައުމަށްޓަކައި އަދާވާތްތެރި ބާރުތަކުން އަބަދުވެސް މަސައްކަތްކުރާ ކަމަށާއި މިއަދު ވެސް އެކަން ކުރިއަށްގެންދާ ކަމަށެވެ. އަދި އަދުގެ ދުނިޔޭގައި މާތް ނަބިއްޔާގެ ޒަވާޖީ ހަޔާތްޕުޅާ ބެހޭގޮތުން އިތުރު އެކަލޭގެފާނަށް ފުރައްސާރަ ކުރާ މީހުން ބުހުތާން ދޮގު ފަތުރަމުންދާކަމީ, ފެންނަމުންދާ ހަގީގަތެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"މާތް ނަބިއްޔާގެ ހަޔާތްޕުޅުގައި, އެކަލޭގެފާނު ކުރައްވާފައިވާ ކަންކަމާ މެދު މަލާމާތްކޮށް, ފުރައްސާރައިގެ މޭރުމުން ބަސްބުނުމުގެ ހައްގަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ހައްގެއް ނޫނެވެ. އިތުރު އެކަލޭގެފާނުގެ އެންމެހާ އަމަލުފުޅުތަކަކީ އިލާހީ އަމުރުފުޅުތަކަށް ތަބާވެވަޑައިގެންނެވުމުގެ ގޮތުން ކުރައްވާފައިވާ ކަންކަމެވެ. އެގޮތުން އެކަލޭގެފާނުގެ ޒަވާޖީ ހަޔާތްޕުޅަކީ ހެޔޮލަފާ ޖީލެއް ބިނާކޮށް, ރަނގަޅު މުޖުތަމައުގެ ބިންގާ އެޅުމުގެ އެންމެހައި ފިލާވަޅުތައް އެ ދިރިއުޅުއްވުމުން ފެންނަން ހުރި ނަމޫނާ ހަޔާތްޕުޅެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ އެފަދަ ކޮންމެ ކަމަކާ މެދު މުސްލިމުން ނުރުހުންވެ, މާތް ނަބިއްޔާގެ ދިފާއުގައި ބަސްބުނެ, އެކަލޭގެފާނު ދެއްކެވި ރިވެތި ނަމޫނާއާ އެއްގޮތަށް އަހަރެމެންގެ އުޅުންތަކާއި ގުޅުންތައް ބިނާކޮށް, މުޅި ދުނިޔެއަށް ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ރަސޫލާ އާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފުރަތުކުރުމާއި, ކުޑައިމީސް ބަސް ބުނެ, ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ އަމަލެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"ކީރިތި ރަސޫލާ ދެކެ ލޯބިވެ, އެކަލޭގެފާނު ދިފާއުކުރުމަކީ މުސްލިމުންގެ ވާޖިބެކެވެ. އެމީހެއްގެ އަމިއްލަ ނަފުސާއި މުދަލާއި އަނިދަރީންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ, އެކަލޭގެފާނަށް ނަސްރުދީގެން މެނުވީ, އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ބައެއް ފަހަރު ރަސޫލާގެ މަތިވެރި ޝަހުސިއްތަށް ނިސްބަތްކޮށްގެން މުސްލިމުން މި ދިވެހި ފަސްގަނޑުގައި ވެސް އެކި ފާޑުގެ ވާހަކަތައް ޝާއިއުކުރާތަން ފެންނަ ކަމަށާއި ޝައްކެއް ނެތް ގޮތުގައި އެފަދަ ދޮގު ލިޔުންތައް އުފައްދައި, އާންމު ކުރާ މީހުންނަކީ އަގީދާ ފާސިދުވެފައިވާ ބައެއް ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމް ދީން ނުހަނު ބާރަށް ފެތުރެމުން އަންނާތީ ގަންނަ ބިރެއްގެ ސަބަބުން ހިންގާ ފިނޑި އަމަލެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ