ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. މާމިގިއްޔަށް ވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް, މާމިގިއްޔަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސް މާމިގިއްޔަށް ވަޑައިގެންނެވުމުން, އެރަށުގެ އެއާޕޯޓުން އެމަނިކުފާނަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ.

މާމިގިިލީ އެއާޕޯޓަށް ރައީސް ވަޑައިގެންނެވުމުން އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭފުޅަކީ ޖޭޕީގެ ލީޑަރު ގާސިމެވެ. ނަމަވެސް ރައީސްއާއި ގާސިމްގެ ބައްދަލުކުރެއްވުމުގެ ތަފްސީލެއް ޖޭޕީން ހާމަކޮށްފައެއް ނުވެއެވެ.

ރައީސްގެ ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް "ވަން" އަށް މިއަދު ވިދާޅުވީ އެ ދަތުރުފުޅަކީ ރައީސްގެ އަމިއްލަފުޅު ދަތުރުފުޅެއް ކަމަށާއި ރައީސް އެނބުރި ވަޑައިގަންނަވާނެ ވަކި ތާރީހެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ރައީސް މާމިގިއްޔަށް ވަޑައިގެން ގާސިމްއާ ބައްދަލުކުރައްވާފައިވާ އިރު, މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނަކާއެކު ކަމަށާއި ވެރިކަން ދަމަހައްޓަން އެދޭނަމަ އެކަމަށް އޮތް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނަކާއެކު، އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަން. އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023ގައި. އެމްޑީޕީއަށް ވެރިކަން ބޭނުން ކަމަށްވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު އެއް ޕަޓީ، ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު "ވަން"އަށް އިއްޔެ ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހު އެ ޕާޓީއާ ހިއްސާކުރައްވާފައި ނުވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރައްވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖޭޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނަމަ ކެނޑިޑޭޓަކަށް ވާނީ އެވަގުތަކު ހުންނަވާ އެ ޕާޓީގެ ލީޑަރެވެ. މިވަގުތު ޕާޓީގެ ލީޑަރަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.

އަލީ ސޯލިހު ވިދާޅުވެފައިވަނީ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނުމުގެ މާނައަކީ ކޯލިޝަނަކާއެކުވެސް އިންތިހާބުގައި ވާދަކުރުން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ނިންމެވުމެއް އެ ޕާޓީއާ އަދި ހިއްސާކުރައްވާފައި ނުވާތީ އެކަމާ ބެހޭގޮތުން ޕާޓީން ވަކި ގޮތެއް ނުނިންމާ ކަމަށާއި، ރިޔާސީ އިންތިހާބާ ބެހޭގޮތުން އެއްވެސް ހުށަހެޅުމެއް އަތުވެއްޖެ ނަަމަ ގޮތެއް ނިންމާނީ ޕާޓީން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ފުރަތަމަ ފަހަރަށް ފާޅުކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ރައްދުދެއްވައިފިއެވެ.

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ނިމުނުތާ ގިނައިރުތަކެއް ނުވަނީސް ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތަކާ މެދު ވިސްނައި ހަމަ މަގަށް އަޅުވަންވީ ވަގުތު ކަމަށެވެ. އަދި މިއަދުގެ ހާލަތަކީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ވަގުތު ނޫން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.