ޚަބަރު

ދިރާގުން "ދަ އޯޝަންސް -އަވާ ހޯމް" ކެމްޕޭން ފަށައިފި

މުހައްމަދު އިޝާން

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ދިރާގުން ކެއާ ފޯ ދަ އޯޝަން ތީމްގެ ދަށުން "ދަ އޯޝަންސް - އަވާ ހޯމް" ކެމްޕޭން އިއްޔެ ފަށައިފިއެވެ.

ދިރާގުން "ދަ އޯޝަންސް -އަވާ ހޯމް" ކެމްޕޭން އިފްތިތާހުކުރީ ދިރާގު ބްރޭންޑް އެމްބެސެޑަރު ޒޫނާ ނަސީމް ފެނިގެންދާ ވީޑިއޯއަކުންނެވެ.

ދިރާގުން ބުނީ، އެ ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުން ކަމަށެވެ. ދިރާގުން ބުނީ، އެންމެންނަށް ވާރުތަވާ ދުނިޔެއަކީ މިއަދުގެ އަމަލުތަކާއި ނިންމުންތަކުން ބައްޓަންވެފައިވާ ދުނިޔެއަކަށް ވާތީ، ދުނިޔެއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމަށެވެ.

އެ ކެމްޕޭންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، އެ ކުންފުނިން ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމާއި ވަކާލާތުކުރުމާއި، ކުންފުނީގެ ކޯޕަރޭޓް ޕްރެކްޓިސްތަކުގައި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު އެ ކުންފުނިން ތައާރަފުކުރި އެއްފަހަރާ ބޭނުންކުރެވޭ ޕްލާސްޓިކާ ދެކޮޅަށް މީހުން މަދުކޮށް ހޭލުންތެރިކުރުވުމަށްޓަކައި، ކުންފުނި ފުޅާކޮށް، އާންމުންނަށް ފޯކަސްކޮށްގެން ހިންގާ ޕްރޮގްރާމެއްކަމަށްވާ "ކެއާ ފޯ ދަ އޯޝަންސް" ކެމްޕޭން ދިރާގުން ވަނީ ފާހަގަކޮށްފައެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ވަނީ އަލުން ބޭނުންކުރެވޭ ކޮތަޅާއި ފެން ޑިސްޕެންސަރު ތައާރަފުކޮށް، މަސައްކަތުގެ މާހައުލުގައި ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާފައި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ޕްލާސްޓިކް ނުހިމެނޭ ގޮތަށް ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ހޭލުންތެރިކުރުމާއި އައްސޭރިފަށުގެ ސާފުކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންގޮސްފައި ކަމަށާއި އަދި ސިންގަލް ޔޫސް ޕްލާސްޓިކަށް ބަދަލު ގޮތްތައް އިހުތިޔާރު ކުރުމަށް އާންމުންނަށް ހިތްވަރުދީ، ކެއާ ފޯ ދަ އޯޝަންސް އަށް ހާއްސަކޮށްގެން ވެސް އެ ކުންފުނިން އިސްނަގައިގެން ވަނީ ހަރަކާތްތައް ހިންގާފައި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، ކޯވިޑް-19 ގެ ދުވަސްވަރު އެކުންފުނިން ވަނީ ޕްލާސްޓިކް ތަގައްޔަރުވުން ބޮޑުވަމުންދާތީ ހޭލުންތެރިކަން އިތުރުކޮށް، އެއްފަހަރު ބޭނުންކުރެވޭ އަތްދަބަހާއި މާސްކް ފަދަ ތަކެތި ޒިންމާދާރުކަމާއެކު އުކާލުމަށް ބާރުއަޅާފައި ކަމަށެވެ.

ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް ޒޫނާ ނަސީމް އައްޔަންކުރީ، ޕްލާސްޓިކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ހަލުވިކުރަން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ޒޫނާއާއެކު "ދަ އޯޝަންސް - އަވާ ހޯމް" ކެމްޕޭނަށް އަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށެވެ.