މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވައިފިއެވެ.

ދައުވާ ފެށުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމުގެ ތެރެއިން މިއަދު ބޭއްވި އަޑުއެހުމަކީ އެ މައްސަލައިގައި ދެފަރާތުން ހުށަހެޅި ހެކިތަކާއި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑު އެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ބައެއް ހެކި ބަލައި ގަތުމަށް އަދި ބައެއް ހެކި ބަލައި ނުގަތުމަށް ކޯޓުން ވަނީ ނިންމައިފައެވެ.

ކުރިމިނަލް ކޯޓުގެ ތިން ގާޒީން ކަމަށްވާ، ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހާއި ގާޒީ އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާ ބެންޗުން މިއަދު ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ހެކި ސިއްރު ކޮށް ދިނުމަށާއި ބައެއް ކިތާބީ ހެކި ވަކި ވަރަކަށް ވުރެ ބޮޑަށް ހާމަކޮށްދިނުމަށް ދައުލަތުން އެދިގެން، މީގެ ކުރިން ނެރުނު ވަގުތީ އަމުރު ދާއިމީ ކުރަން ނިންމުން ހިމެނެއެވެ.

ދައުލަތުން ހުށަހެޅި ސިއްރު ހެކިންނަށް ހިމާޔަތް ލިބިދިނުމަށްޓަކައި ހެކިން އެހެން ތަނެއްގައި ބައިތިއްބައިގެން، އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުމަށާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމީހުންގެ އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށްވެސް ވަނީ ނިންމައިފައެވެ.

އެގޮތަށް ނިންމުމާ ގުޅިގެން ސިއްރުން ހެކިބަސް ނަގާނެ އިޖުރާއަތެއް ގާނޫނަކުން ވެސް އަދި ގަވާއިދަކުން ފެންނަން ނެތް ކަމަށް ބައެއް ދިފާއީ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން ބުރަދަން ދެވޭ ވާހަކައެއް ނޫން ކަމަށް ވެސް ވަނީ ނިންމައިފައެވެ.

މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ބޮން ގޮއްވާލި ސަރަހައްދު އޮތް ގޮތް ސާބިތުކޮށްދިނުމާއި ބަޔަކަށް އަނިޔާ ލިބުނުކަމާއި އެކަމުގެ ދައުވާ ރައްދުވާ މީހުންނަކީ އެކަކު އަނެކަކު ދަންނަ މީހުން ކަމާއި ބައްދަލުވެ އުޅޭކަން ސާބިތުކުރުމަށް ހުށަހެޅި ހެކިވެސް ހިމެނެއެވެ.

މިއަދު އޮތް އަޑުއެހުމަކީ ޓެރަރިޒަމާ ގުޅޭ ތަފާތު ދައުވާތަކެއް އުފުލާފައިވާ ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމާއި އިސްހާގާއި އަދި ފަހުމީ އަލީގެ އަޑުއެހުމެވެ.

މި މައްސަލައިގައި ނާޒިމްގެ ފަރާތުން ހުށަހެޅި ދެ ދިފާއީ ހެކިންގެ ތެރެއިން އެއް ހެކި ޝަރީއަތުން ބަލައިގަތެވެ. ނަމަވެސް ދެން ހުށަހެޅި ހެކީގެ ނަން ބުނެފައި ނެތުމުން އެ ހެކި ބަލައި ނުގަތުމަށް ނިންމިއެވެ.

ހައިޝަމްގެ ފަރާތުން ދިފާއީ ހަތް ހެކި ހުށަހެޅިއެވެ. އެއީ މެއި މަހުގެ ތިންވަނަ ދުވަހު އޭނާ އެއިރު ހުރި ތަނެއް ސާބިތު ކުރަން ހުށަހެޅި ހެކިތަކެކެވެ. އެހެންކަމުން އެ ހެކިތައް ބަލައިގަންނަން ކޯޓުން ނިންމިއެވެ.

އެ ހެކިންގެ ތެރޭގައި 2017 ވަނަ އަހަރު ސީރިޔާއަށް ހަނގުރާމައަށް ދަނިކޮށް ތުރުކީން އަތުލައިގަތް، އަހުމަދު އަފްޒަލާއި މުހައްމަދު ނަބީހާއި އާދަމް ފަރުހާން ހިމެނެއެވެ. އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ނަމަވެސް ސާބިތެއް ނުވެއެވެ.

ހެކި ހުށަހެޅުމަށް ދިން މުއްދަތުގައި ހުށަހަޅާފައި ނުވާތީ މި މައްސަލައިގައި ހިމެނޭ ތަހުމީނާއި އިސްހާގާއި މުޖާޒާއި ފަހުމީގެ ފަރާތުން ހުށަހެޅި ގިނަ ހެކިތަކެއް ބަލައި ނުގަތުމަށް ޝަރީއަތުން މިއަދު ނިންމިއެވެ.

ނާޒިމްގެ ފަރާތުން ދެ ހެކިން ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން ބަލައިގަންނަން ނިންމީ އެންމެ ހެއްކެކެވެ.