ޚަބަރު

ސިނަމާލެ ބުރިޖުގެ އަކަ މީޓަރަކަށް 6،325 ޑޮލަރު، ތިލަމާލެ ބުރިޖުގެ އަކަ މީޓަރަކަށް ޖެހެނީ 3،800 ޑޮލަރު!

މުހައްމަދު އިޝާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ސިނަމާލެ ބުރިޖުގެ އަކަ މީޓަރަކަށް 6,325 ޑޮލަރު ހަރަދުކުރި ކަމަށާއި މި ސަރުކާރުން އަޅާ ތިލަމާލެ ބުރިޖުގެ އަކަ މީޓަރަކަށް ހަރަދުކުރަނީ 3،800 ޑޮލަރުކަމަށް ވިދާޅުވެ، ތިލާމާލެ ބުރިޖު ކުރިއަށްގެންދަނީ އަގުބޮޑުކޮށް ކަމަށް ބުނެ ފާޑުކިިޔާ ފަރާތްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްދުދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފަޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރީ ސަރުކާރުން ސިނަމާލެ ބުރިޖު އަޅާފައިވަނީ އެ މަސައްކަތުގެ އަސްލު އަގަށްވުރެ 65 ޕަސަންޓު ބޮޑު އަގެއްގައި ކަމަށެވެ. 194 މިލިއަން ޑޮލަރަށް އެޅި ސިނަމާލެ ބުރިޖުގެ ދިގު މިނަކީ 1.39 ކިލޯމީޓަރު ކަމަށާއި، ސިނާމާލެ ބުރިޖު އެޅުމުގެ ފުރުސަތު މި ސަރުކާރަށް ލިބުނުނަމަ 116 މިލިއަން ޑޮލަރަށް ބުރިޖު އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތިލަމާލެ ބުރިޖުގެ ޖުމުލަ އަގަކީ 500 މިލިއަން ޑޮލަރު ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮމްޕެއާ ކޮށްލައްވަން ހިނގަމާ މިއަޅާފައި އޮތް ދެ ބުރިޖު. ހުޅުމާލެ ބުރިޖަކީ 1.39 ކިލޯމީޓަރު، ބުރިޖުގައި ދެން އިންނަނީ މަގާ އެކީގައި 194 މިލިއަން ޑޮލަރު ހޭދަކުރިކަމަށް މި މައުލޫމާތުތަކުން ފެންނަން މިހުރީ. އެ ބުރިޖުގައި 6،325 ޑޮލަރު ސްކެއާ މީޓަރަކަށް އެބަ ޖެހޭ. އަޅުގަނޑުމެން މިއަޅަނީ މުޅި ޖުމުލަ 7.5 ކިލޯ މީޓަރުގެ ދިގު މަގާއެކީ މުޅި ބުރިޖުގައި އެބައުޅޭ 3.5 ކިލޯމީޓަރު. ތެދުފުޅެއް 500 މިލިއަން ޑޮލަރު އެކު އެބަދޭ، ސްކެއާ މީޓަރަކަށް މިޖެހެނީ 3،800 ޑޮލަރު. އެހެންވީމާ އަގުގެ ގޮތުން ބަލާއިރު ވަރަށް ބޮޑު ތަފާތެއް އެބަހުރި. އަޅުގަނޑުމެންނަށް އެ ބުރިޖު އަޅަން ލިބުނުނަމަ 116 މިލިއަން ޑޮލަރުން ހުޅުމާލެ ބުރިޖު އެޅޭނެ. އެހެންނަމަވެސް އެއަށް ހަރަދު މިކުރީ 194 މިލިއަން ޑޮލަރު. ބޮޑު އަގުގައި ކޮށްފައި އޮތް އިންވެސްޓުމެންޓެއް އެއީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖު އަޅަނީ ކޮންސެންޝެނަލް ލޯނެއްގެ ނަގައިގެން ކަމަށާއި އެ ލޯނު ނަގާފައިވަނީ ކުޑަ އިންޓްރެސްޓު ރޭޓެއްގައި ދިގު މުއްދަތަކުން ދައްކާ ގޮތަށް ކަމަށެވެ. އަދި އެ ލޯނުގެ ގްރޭސް ޕީރިއަޑުގެ ގޮތުގައި ފަސް އަހަރު ލިބޭ ކަމަށާއި، އެހެންކަމުން މިވަގުތު އެ ލޯނުގެ އެއްވެސް ބުރައެއް އުފުލަން ނުޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އިގުތިސޯދީ ގޮތުން ދަތިތަކެއް ހުރިކަމުގައިވިޔަސް، ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްގެންދަން ޖެހޭ ކަމަށާއި އެ ބުރިޖުގެ ސަބަބުން މާލޭގެ ޓްރެފިކް މައްސަލަ ބޮޑުތަނުން ހައްލުވެ ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި، ލަފާ ލިބޭ ގޮތުގައި އެއީ މިވަގުތު ކުރަން ޖެހޭކަމެއް، ބުރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުން. އޭގެ ސަބަބުން ލިބޭ ވަރަށް ގިނަ ފައިދާތަކެއް އެބަހުރި. ބުރިޖާއެކީ މިއަންނަނީ ހަމައެކަނި ބުރިޖެއް ނޫން، ގުޅިފަޅު ޕޯޓު އެބަ ޑިވެލޮޕްކުރެވޭ. އެތަނަށް މާލޭގެ ޕޯޓު އެބަ ބަދަލުކުރެވޭ. އޭގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު އެބަ ދަށް ކުރެވޭ. އޭގެ މާނައަކީ ތަކެތީގެ އަގަށް އަންނާނެ ހެޔޮ ބަދަލެއް. މާލެއަށް ލުއި ލިބިގެން އެބަދޭ، މާލޭގެ ޕޯޓުގައި ހުރި ހުރިހާ ތަނެއް ގުޅިފަޅަށް އެބަ ބަދަލު ކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތްކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް އިން އެ މަސައްކަތް އަވަސްކުރުމަށް އެކުންފުންޏަށް 26 މިލިއަން ދިނުމަށް އެދުނު ނަމަވެސް، އެ ފައިސާ ދިނުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.