މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް އަވަސްކުރަން 26 މިލިއަން ޑޮލަރު ދިނުމަށް އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް އިން އެދުނު ނަމަވެސް، އެ ފައިސާ ދިނުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ ބުރިޖުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެ މަސައްކަތްކުރަމުން އަންނަ އިންޑިއާގެ އެފްކޮންސްއަށް ދަންނަވާފައިވާނެ ކަމަށާއި އެކަމަށް އެދުމުން އިތުރަށް 26 މިލިއަން ޑޮލަރު ދިނުމަށް އެ ކުންފުނިން އެދުނު ކަމަށެވެ.

"އަޅުގަނޑުމެން ވާހަކަދެއްކިން އަވަސްކުރަން ވެގެން. އެއީ ވީހާވެސް އަވަހަށް އެކަން ކުރެވިއްޖެއްޔާ ފައިދާތައް ބޮޑުވީމަ. އެކަމަކު އަޅުގަނޑުމެން އެކަމެއް ކޮންމެހެން 26 މިލިއަން ޑޮލަރު ދީގެން ކުރާ ގޮތަކަށް ނޫން މިތިބީކީއެއް. އެކަމަކު އަދިވެސް ނެގޯޝިއޭޓް ކުރަމުން ގެންދާނަން ވީހާވެސް އަވަަހަކަށް އެ ބްރިޖު ނިންމޭތޯ. އެކަމަކު އިތުރަށް 26 މިލިއަން ޑޮލަރު ދީގެން މިއަންނަ އަހަރު ޖޫންއަކަށް އެކަން ނިންމުމަކީ ބޭނުން ކަމެއް ކަމަަކަށް މިވަގުތަކު އަޅުގަނޑަކަށްވެސް ނުފެނޭ،" ރައީސް ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖު އެޅުމުގެ މަޝްރޫއަކީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކުރަމުންދާކަމެއް ނޫން ކަމަށާއި އެ މަޝްރޫއަކީ މާލޭ ސަރަހައްދަށް ބޭނުންތެރި ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި މާލޭ ސަރަހައްދުގައި އިތުރަށް ވެސް ބުރިޖު އަޅަން ޖެހިދާނެ ކަމަށެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމަން ތާވަލުކޮށްފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެހެންކަމުން މުޅި ޕްރޮޖެކްޓަށް ތަފާތު ތިން ތާރީހެއް އެބައޮތެވެ. މާލެ އާއި ވިލިމާލެ ގުޅުވާލުމަކީ ފުރަތަމަ ފިޔަވައްސެވެ.

އެފްކޮންސް އިން ބުނެފައިވަނީ އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެ ފިޔަވަހީގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އޮގަސްޓް 15 ގެ ނިޔަލަށް ބްރިޖުގެ އެބައި ދިވެހީން ބޭނުން ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ދެވަނަ ފިޔަވަހި ކަމަށްވާ ވިލިމާލެ އާއި ގުޅިފަޅު ގުޅާލުން 2023ގެ ނިޔަލަށް ފުރިހަމަ ކުރެވޭނެ ކަމަށާއި ބުރިޖުގެ ހުރިހާ މަސައްކަތެއް 2024 ގެ ނޮވެންބަރު މަހަށް ފުރިހަމަ ކުރެވޭނެކަމަށް އެފްކޮންސް އިން ވަނީ ބުނެފައެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއަށް އިންޑިއާއިން ވަނީ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައެވެ. ދެން އެ ބުރިޖަށް ފަންޑުކުރަނީ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ފައިސާ އިންނެވެ.