ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ވަރަށްވުރެ ރަނގަޅަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ދާއިރާއިން މަސައްކަތް ކުރެވިއްޖެ ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ޝަހީމް ސުވާލުކުރެއްވީ ރައީސް ސޯލިހުގެ ރިޔާސީ ދައުރު ނިމޭއިރު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނެތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ހީނުކުރާވަރުގެ ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ގައުމުގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

"ހަގީގަތަށް ބުނާ ނަމަ ރައީސް ވައުދުވެވަޑައިގެންނެވިކަން ކަމަށްވުރެ މާރަނގަޅަށް މަސައްކަތް ކުރެވިއްޖެ،" މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.