ހުޅުމާލެ ހިޔާ ފުލެޓް ކޯޓުޔާޑު ތަރައްގީކުރުމަށް ބޭނުންވާތީ ކޯޓުޔާޑު ހިމެނޭ ސަރަހައްދުގައި އާންމު ފަރާތްތަކުން އިންދާފައިވާ ގަސްތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ގަސްތައް ނަގައި އެ ސަރަހައްދު ސާފުކޮށްދިނުމަށް އެދޭ ކަމަށެވެ.
މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ގަސްތައް ނުނަގައި ހުރިނަމަ ކުންފުނީގެ ފަރާތުން އެ ގަސްތައް ނަގާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ހިޔާ ސަރަހައްދުގެ ކޯޓުޔާޑުތައް ފެހިކުރުމުގެ މަސައްކަތުގެ ދަށުން އާންމުންނަށް ބޭނުންކުރެވޭ ކަހަލަ ގަސްތައް ކަމަށްވާ ހިކަނދިފަތް ގަހާއި ރާނބާފަތް ފަދަ ގަސްތައް އިންދަން ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ މިދިޔަ މަހު ބުނެފައެވެ.
ހިޔާ ކޯޓުޔާޑަކީ، ހިޔާ ފްލެޓު ސަރަހައްދުގައި ހުންނަ ކުދިކުދި ޕާކުތަކެވެ.
އެޗްޑީސީގެ އެސިސްޓެންޓް މެނޭޖިން ގްރީނިއާ އިބްރާހިމް ޝަރުމީލް މީގެކުރިން ވިދާޅުވެފައިވަނީ، އެ ޕާކުގައި ހުންނާނެ ގަސްތަކުގެ ޑިޒައިން އެޗްޑީސީގެ ޕްލޭނިން ޑިޕާޓްމެންޓުން ޑިޒައިންކޮށް ނިންމާފައިވާ ކަމަށާއި ގްރާނިން ޑިޕާޓްމެންޓުން މިހާރު ކުރަމުންދަނީ ޕާކުގައި ގަސް އިންދުމުގެ މަސައްކަތް ކަމަށެވެ.
ޝަރުމީލް ވިދާޅުވީ ގޮތުގައި އެ ތަން ފަރުމާކޮށްފައިވަނީ އާންމުންނަށް އިށީންދެލައިގެން ތިބެވޭ ގޮތަށް ގޮނޑި ޖަހައި ހިޔާދޭ ބޮޑެތި ގަސްތަކެއް ކޮންމެ ޔާޑެއްގައި ވެސް އިންދާ ގޮތަށެވެ. އަދި ކޮންމެ ޕާކެއްގައި ހިޔާވާނެ ކަހަލަ ބޮޑެތި ގަސްތަކުގެ އިތުރުން އާންމުންނަށް ބޭނުންކުރެވޭ ގަސްތައް އިންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"އެގޮތުން ލެމަންގްރާސް، ގަދަކޯޅި، ހުވަދުމާ، ހިކަނދިފަތް، ރާނބާފަތް ދެން އޭގެ އިތުރުން ވެސް ގިނަ ބަޔަކަށް ބޭނުން ކުރެވޭ ކަހަލަ ގަސްތަކެއް އިންދޭނެ،" ޝަރުމީލް ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޕާކުގައި މާގަސް ވެން ހުންނާނެ ކަމަށާއި ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު