Close
ޚަބަރު

ވިނަރެސް ފްލެޓު ބަލަން ނަން ނޯޓު ކުރި މީހުންގެ އަދަދު 11،000 އިން މައްޗަށް

މުހައްމަދު އިޝާން

ވިނަރެސް ފްލެޓުގެ "މޮކްއަޕް" އެޕާޓްމަންޓުތައް ބަލައިލަން މިހާތަނަށް 11،000 އަށްވުރެ ގިނަ މީހުން ނަން ނޯޓު ކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު މިއަދު "ވަން" އަށް ވިދާޅުވީ، މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ވިނަރެސް ފްލެޓު ބަލައިލުމަށް ހުރި ފުރުސަތުތައް ހުރީ އެއްކޮށް ބުކްވެފައި ކަމަށެވެ.

ފްލެޓުތައް ބަލައިލަން ނަން ނޯޓު ކުރަން ހުޅުވާލުމުން ގިނަ އަދަދެއްގެ މީހުން ނަން ނޯޓު ކޮށްފައިވުމުން، ދުވާލަކު 500 މީހުންނަށް ފްލެޓު ދައްކަމުން އަންނަ ކަމަށް މަޝާރު ވިދާޅުވިއެވެ.

"27 ވަނަ ދުވަހާ ހަމައަށް އެއްކޮށް ފުލް. ދުވާލަކު 500 މީހުންނަށް މި ދެނީ ފުރުސަތު ވިނަރެސް ބަލައިލަން. އެހެންވީމާ 11،000 އަށްވުރެ ގިނަ މީހުން ނަން ރަޖިސްޓަރީކޮށްފި،" މަޝާރު ވިދާޅުވިއެވެ.

މަޝާރު ވިދާޅުވީ، މިއަދާ ހަމައަށް 1،500 މީހުން ފްލެޓު ބަލައިފައިވާ ކަމަށެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތް ކުރަމުން އަންނަ ވިނަރެސް ފްލެޓުތައް އާންމުންނަށް ވިއްކަން އަންނަ ހަފުތާގައި ހުޅުވާލަން އެޗްޑީސީން ވަނީ ތައްޔާރުވެފައެވެ.

ވިނަރެސް ފްލެޓުތައް ވިއްކަން ނިންމާފައިވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނާއި ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންނާއި ގުޅިފަޅުން ފްލެޓު ދޫކޮށްލި މީހުންނަށް އަދި ބާކީ ހުރި ފްލެޓުތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މާލޭ ރައްޔިތުންނަށް ހާއްސަކުރި އަދަދުން 100 އެޕާޓްމަންޓް މާލޭގައި އުޅޭ ގިނަ ދުވަސްވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވަނީ ކަނޑައަޅައިފައެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ޖުމުލަ ދިހަ ޓަވަރުގައި 1340 އެޕާޓްމަންޓް ހަދާފައިވާ އިރު، ހަތަރު ވައްތަރެއްގެ އެޕާޓްމަންޓް ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއުއެވެ.

އެ ހުރިހާ އެޕާޓްމަންޓަކީވެސް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނަ އިރު، ސްޓޭންޑާޑް ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނަކީ 883 އަކަފޫޓެވެ.

ވިނަރެސް އެޕާޓްމަންޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ ޝަރުތު ހަމަވުމުގައި ބަލާނެ ކަންކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ފައިސާ ދައްކަންޖެހޭ ޕްލޭންތައް އެޗްޑީސީން މިހާރު ވަނީ އާއްމުކޮށްފައެވެ.

ވިނަރެސް ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ ޝަރުތުތައް

  • ރާއްޖެއަށް ނިސްބަތްވާ، އުމުރުން 18 އަހަރުވެފައިވާ މާލޭގެ ރަށްވެއްސަކަށްވުން
  • މާލޭގައި ރަޖިސްޓްރީވެފައި ނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވުން
  • މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރުވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރު ވެފައިވުން

އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މާލެ ސިޓީން ރިއަލް އެސްޓޭޓް މާކެޓިން ހައުސިން ޔުނިޓެއް ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ގަނެ ނުވަތަ ގަތުމަށް، އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ ފަރާތަކަށް ވެގެން ނުވުމެވެ.

އެޗްޑީސީން ބުނެފައިވަނީ، ރިއަލް އެސްޓޭޓް ހައުސިން ޑިވެލޮޕްމަންޓަކަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާ ނަމަ، ވިނަރެސްގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަން ދައުލަތަށް އަނބުރާ ނެގޭނެ ކަމަށެވެ. އަދި މައި އެޕްލިކަންޓް ގޮތުގައި ހިމެނޭ ފަރާތް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، މާލެ ސިޓީގައި ދިރިއުޅުމަށް ހޯދިފައިވާ އެއްވެސް ތަނެއް (600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު) ވިއްކާފައި އޮވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އެ އެޕްލިކޭޝަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެ ކަމަށާއި މަހަކަށްޖެހޭ ޖުމުލަ އާމްދަނީ 61،000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރާތަކަށް އެ ސްކީމުގައި ބައިވެރިއެއް ނުވެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވަނީ، މައި އެޕްލިކަންޓަކީ މާލެ ސިޓީން ފުރަތަމަ ފަހަރަށް އެޕާޓްމަންޓެއް ގަންނަ ފަރާތަކަށް ވާންޖެހޭނެ ކަމަށާއި އަދި ފުރަތަމަ ފަހަރަށް އެޕާޓްމަންޓެ ގަންނަ ފަރާތަކީ ފްލެޓެއް، އެޕާޓްމެންޓެއް ނުވަތަ މާލެ ސިޓީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނެތް ފަރާތްތަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ވިނަރެސް ފުލެޓަށް ކުލި ދެއްކުން:

އެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުލިދެއްކުމަށް ދެ ގޮތެއް އޮވެއެވެ.

ފުރަތަަމަ ގޮތަކީ އެޕާޓްމަންޓުގެ އަގުގެ 15 ޕަސެންޓާއި 19 ޕަސެންޓާ ދެމެދުގެ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށްފަހު ބާކީ އަދަދު 20 އަހަރަށް ބަހާލައިގެން ދެއްކުމެވެ. ދެވަނަ ގޮތަކީ އެޕާޓްމެންޓުގެ އަގުގެ 20 ޕަސެންޓް ނުވަތަ އެއަށްވުރެ މަތީ އަދަދެއް ޑައުންޕޭމެންޓުގެ ގޮތުގައި ދެއްކުމަށްފަހު ބާކީ އަދަދު 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

އެޗްޑީސީން ބުނެފައިވަނީ، އެ ދެ އޮޕަޝަންގައިވެސް އެޕާޓްމަންޓްގެ ޑައުންޕޭމެންޓް އެއް ފަހަރާ ނުވަތަ މަޝްރޫއު ނިމޭ ތާރީހާ ހަމައަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އަދި އެޕާޓްމެންޓުގެ މަހު ކުލި ދައްކަންޖެހޭނީ އެޗްޑީސީން ނިންމާފައިވާ ގޮތުގެ މަތިން މަޝްރޫއު ނިމި، އެޕާޓްމަންޓާ ހަވާލުވާން ފަށާ ތާރީހުން ފެށިގެން ކަމަށް ބުނެފައިވެއެވެ.

އެ ދެ ގޮތުން ކުރެ ކޮންމެ ގޮތެއް އިހުތިޔާރު ކުރިޔަސް ޑައުންޕޭމަންޓުގެ ގޮތުގައި ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ދައްކަންޖެހެއެވެ.

މި އެޕާޓްމަންޓުތަކުގެ މެރީނާ ވިއު ޔުނިޓުތަކުގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 22 ޔުނިޓް ވިއްކަނީ ޔުނިޓެއް 3.1 މިލިއަން ރުފިޔާ އަށެވެ. އަދި މެދު ތެރޭގައި ހުންނަ ހަވަނަ ފްލޯ އާއި ނުވަވަނަ ފްލޯއާ ދެމެދުގައި ހުންނަ 38 ޔުނިޓް ވިއްކަނީ ޔުނިޓެއް ތިން މިލިއަން ރުފިޔާއަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 38 ޔުނިޓުގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.8 މިލިއަން ރުފިޔާއަށެވެ.

އައުޓާ ވިއުގައި ހިމެނޭ 228 ޔުނިޓުގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 74 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.9 މިލިއަން ރުފިޔާއަށެވެ. މެދު ތެރޭގައި ހުންނަ ހަ ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.85 މިލިއަން ރުފިޔާއަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓުގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.83 މިލިއަން ރުފިޔާއަށެވެ.

އިނާ ވިއުގައި 211 ޔުނިޓުގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 58 ޔުނިޓް ވިއްކަނީ 2.88 މިލިއަން ރުފިޔާއަށެވެ. މެދު ތެރޭގައި ހުންނަ ހަ ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.83 މިލިއަން ރުފިޔާއަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯއިން ފެށިގެން ފަސް ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓުގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.80 މިލިއަން ރުފިޔާއަށެވެ. މީގެ އިތުރުން ސްޓެންޑާޑް ވިއުގެ 269 ޔުނިޓުގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.56 މިލިއަން ރުފިޔާއަށެވެ.